ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދަން މިނިސްޓްރީ އޮފް ހެލްތާއި ޔޫއޭއީގެ ދުބާއީއަށް ނިސްބަތްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވެފައިވާ އެއްބަސްވުން ބާޠިލު ކޮށްފި އެވެ.
ދިވެހި ސަރުކާރާއި ދުބާއީގެ އެގްޒެކިއުޓާސް އާއި ދެމެދު ވެންޓިލޭޓަރު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް ދެ ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގައި އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭންވާނެ ކަމަށް ބުނެފަވެ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއްބަސްވުމުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް ރާއްޖެއަށް ވެންޓިލޭޓަރުތައް ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ. އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރު މުދާ ފޯރުކޮށްނުދީފިނަމަ އެއްބަސްވުން ބާޠިލުކުރެވިދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އޭޖީ އޮފީހުން ބުނީ އެ ކުންފުންޏާއި އެކު ވެފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލް ކުރީ މިމަހުގެ ދެ ވަނަ ދުވަހު ކަމަށެވެ. އަދި އެ ކުންފުންޏަށް "ޓަރމިނޭޝަން ނޯޓިސް" މިހާރު ފޮނުވާފައިވާ ކަމަށް ބަޔާނުގައި ބުނެފަވެ އެވެ.
އޭޖީ އޮފީހުން ބުނީ އެއްބަސްވުން ބާޠިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށްދީފައިނުވާނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެކަމަށް އެއްބަސްވުމުގައި ބުނެފައިވާ ކަމަށެވެ. އެހެން ކަމުން މިހާތަނަށް ލިބިފައި ނުވާ ވެންޓިލޭޓަރުތަކަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ދިވެހި ސަރުކާރަށް ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ނުދައްކައިފިނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އެއްބަސްވުމުގައިވާ ގޮތުން، އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގާ ތަނަކީ ދިވެހިރާއްޖެއެވެ. ޢަމަލުކުރެވޭނީ ދިވެހިރާއްޖޭގެ ޤާނޫނަށެވެ. އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައެވެ.
އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއްކަމަށްވާތީ، ދިވެހިރާއްޖެއާއި ބޭރު ޤައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ "އިންޓަރނޭޝަނަލް އާބިޓްރޭޝަން" ގެ މައްސަލައެއްކަން ފާހަގަކުރަމެވެ. ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކީ "ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް" (ނިއުޔޯކް ކޮންވެންޝަން) ގެ ބައިވެރިންނެވެ.
އެ މުޢާހަދާގައި 168 ޤައުމަކުން ބައިވެރިވެފައިވެއެވެ. އެއިން ކޮންމެ ޤައުމެއްގައި ނަމަވެސް ހިންގާ އާބިޓްރޭޝަނަކުން ނިންމާ ނިންމުމެއް އެ މުޢާހަދާގެ އެހެން މެންބަރު ޤައުމެއްގައި ތަންފީޛުކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް