ސިލްސިލާ ވާހަކަ: ޒާރާ - ނުވަދިހަ ފަސްވަނަބައި

''އެކަންވެސް އަދި ކުރާނަން......... އަހަރެންގެ ލޯބިވާ އަނބިމީހާގެ ނަމަށް ހުތުރު އަރާނެ އެއްވެސް ކަމެއް އަހަރެން ކުރަން ބޭނުން ނުވާތީ ލޯޔަރާ ވާހަކަދަންކަން ދިޔައީވެސް............. ޒާރާގެ ނަމާ އަބުރަށް ...

04 May 2021 | 06:50

''އެކަންވެސް އަދި ކުރާނަން......... އަހަރެންގެ ލޯބިވާ އަނބިމީހާގެ ނަމަށް ހުތުރު އަރާނެ އެއްވެސް ކަމެއް އަހަރެން ކުރަން ބޭނުން ނުވާތީ ލޯޔަރާ ވާހަކަދަންކަން ދިޔައީވެސް............. ޒާރާގެ ނަމާ އަބުރަށް ހުތުރެއް ނާރާ އެކަން ނިމޭނެ ގޮތެއް ބަލަން އަހަރެން ބޭނުންވީ...........'' އިމްރާން އޮޅުންފިލުވައި ދިނެވެ.

ޒާރާ އިނީ ބަސްހުއްޓިފައެވެ. ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ވާނީ ވެސް އެހެންނޫންހެއްޔެވެ. އެފަދަ ހާލަތެއްގައި ޒާރާއާ ދޭތެރޭ އިމްރާން އެވަރަށް ވިސްނާނެ ކަމަށް ޒާރާއަށް ގަބޫލު ކުރެވިފައެއް ނެތެވެ. އިމްރާނު ކިހާ ރަނގަޅު ހެއްޔެވެ. އެއީ މަދުން ނޫނީ އަންހެނަކަށް ނުލިބޭނެ ފަދަ މާތް ފިރިހެނެކެވެ. ކަންކަމުގެ މައްޗަށް ވިސްނުން އިސްކުރާ ބުއްދިވެރިއެކެވެ. އަނބިމީހާގެ ޙައްޤުތައް އެނގޭ، އަނބިމީހާއަށް އިޙްތިރާމާ ޤަދަރު ކުރާ އޯގާތެރި ފިރިހެނެކެވެ. ޒާރާގެ ހިތުގައި އިމްރާނަށްޓަކައި އުފެދި މޫލާ ކުރިފަޅަމުންދިޔަ ލޯބި އިތުރަށް ކުރިލައި ހެދިގަތެވެ. މަޑުމަޑުން އިމްރާނުގެ ކޮޑުގައި ޒާރާ ބޯއަޅާލިއެވެ. ލޯމަރާލެވުނީ ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު ކުރަމުންނެވެ.

************

''އިމްރާން......... ދަރިފުޅާ.......ޒާރާ........އިމްރާން............'' އަރާމު ނިންޖެއްގެ ތެރެއަށް ގެނބިފައިވާ ޒާރާއަށް ހޭލެވުނީ މައިދައިތަ ބޭރުން ގޮވާ އަޑަށެވެ. ގަޑިން އަށްގަޑި ބައި ވީއެވެ. ޒާރާ ބަލާލީ ގާތުގައި ނިދާފައި އޮތް އޭނާގެ ފިރިމީހާގެ މޫނަށެވެ.

''އިމްރާން............'' އިމްރާނުގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ޒާރާ ގޮވާލިއެވެ. އަދި ހެދުން ބަދަލު ކޮއްލައިގެން އަވަސް އަވަހާ ގޮސް ދޮރު ހުޅުވާލިއެވެ.

''މަންމަ މިއައީ ދަރިފުޅުމެން ސައިބޯންވެސް ނުދިޔައިމަ.......... ކޮބާ.......... އެމަންޖެވެސް އަދި ނުހޭލާ ދޯ..........'' ސަރީފާ ކޮޓަރިތެރެއަށް ބޯ ދިއްކޮއްލަމުން ހިނިތުންވެލިއެވެ.

''އައްދެ ދަރިފުޅު ބަލީތަ.............. ދެލޯ ތިހިރީ ރަތްވެފައެއްނު..........'' ސަރީފާއަށް ޒާރާގެ މޫނު ފެނުމާއެކު އަހާލެވުނެވެ.

''ނޫނޭ މަންމާ.......... ރޭގަ ޒިލީ ހޭލާފަ ނިދި ފިލުވާލައިގެން އުޅުނީ މާގިނައިރު.......... އެހެންވެ ހެން ހީވަނީ..............'' ޒާރާ ހެދީ ދޮގެކެވެ. ދެން ވަކި ބުނާނީވެސް ކީކޭ ހެއްޔެވެ.

'' މިހާރު ކިހާ ދުވަހެއް އެންމެން އެއްކޮށް ދިމާނުވާތާ............. ބައްޕަވެސް ބުނެފި ސައިބޯނީ އެންމެން ހަމަވީމައޭ............ މަންމަ މިދަނީ ތިރިޔަށް.......... ތައްޔާރުވެލައިގެން އާދޭ ދަރިފުޅުމެން.............. ފަހުދު ވެސް އަދި ނުހޭލާ.............. ދަރިފުޅުމެން ދާންވާއިރަށް ފަހުދަށްވެސް ގޮވާނަން...........'' ސަރީފާނިކުންނަން ހިނގައިގަންނަމުން ވާހަކަދެއްކިއެވެ.

ފަހުދުގެ ނަން އަޑު އިވުމުން ޒާރާގެ ހިތުގައި އޮބެމުންދިޔަ ހަނދާންތައް އާވެގަތެވެ. އޭނާގެ މޫނުގެ ކުލަ ފަޑުވެގެން ދިޔައެވެ.

މައިދައިތަ ނިކުމެގެން ދިއުމުން ދޮރު ލައްޕާލުމަށްފަހު އެނބުރި އެނދާ ދިމާއަށް ހިނގައިގަތެވެ. ޒާރާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ކަންބޮޑުވުމެވެ. ހާސްކަމެވެ. ޖެހިލުން ވުމުގެ އަސަރުތަކެވެ. އެނދު ކައިރިއަށް ހުއްޓި ޒާރާ ބަލާލީ އިމްރާނުގެ މޫނަށެވެ.

''އިމްރާން........... ސައިބޯން ދާން މަންމަ ބުނެފި.......... އެކަމަކު ފަހުދާ އެއް މޭޒެއްގަ އިނދެގެން ސައިބުއިމަކީ އަހަންނަށް އެހާ ފަސޭހަކަމެއް ނޫން............ އިމްރާން ދާންވީނު ތައްޔާރުވެލައިގެން ސައިބޯން.......... އަހަރެން ދާނަން ޒިލީ ހޭލީމަ............'' އިމްރާނުގެ މަގަތުން އެނދުގައި ޒާރާ އިށީނދެލިއެވެ. އެވަގުތު އިމްރާން މަޑުމަޑުން އޮތްތަނުން ތެދުވެ ދެފައި އެނދުން ތިރިއަށް އެލުވާލާ، ޒާރާގެ ގާތުގައި އިށީނދެ ހަމަޖެހިލިއެވެ.

''ޒާރާ.......... ތީ އެއްގޮތަކަށްވެސް ރަނގަޅުގޮތެއް ނޫން............. މިއަދު ޒާރާ ނުދިޔައިމަ ފަހުދަށް އެނގޭނެ ކޮންމެވެސް ގޯހެއް ހިނގީކަން............ '' އިމްރާނު ބެލީ ވިސްނުންތެރިކަމާއެކު ޒާރާއަށް އޮޅުން ފިލުވާދެވޭތޯއެވެ.

''ޒާރާއަށް ހީވޭތަ އަހަންނަށް އޭނާޔާ އެއްމޭޒެއްގަ އިނދެ ކާން ފަސޭހަވާނެހެން........... އަހަރެންވެސް ބޭނުމެއް ނޫން...........އޭނާގެ ސިފަވެސް ދެކޭކަށް........... އަހަރެންގެ އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަތް މީހާ އެއީ........... ވީއިރު އަހަރެންގެ ހިތުން އެކަން ނެރެ އެއްލާލެވޭނެހެން ޒާރާއަށް ހީވޭތަ؟.........'' އިމްރާން ވާހަކަދައްކަމުން ދިޔައީ ދުރު ބަލަހައްޓައިގެން އިދެއެވެ.

''އެކަމަކު............ އަދި އަހަރެން ބޭނުމެއް ނޫން އަހަންނަށް އެކަން އެނގޭކަން އޭނާއަށް އަންގާކަށް............. މީ ވަރަށް ވިސްނުންތެރިކަމާއެކު އަޅަންޖެހޭ ފިޔަވަޅުތަކެއް.............. ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ ބޭބެ........... އެއްބަނޑު އެއްބަފާ ނޫނަސް އަހަރެން އަބަދުވެސް ދެކެމުން އައީ އެގޮތަށް............ '' އިމްރާން ފުން ނޭވާއެއް ބޭރުކޮއްލިއެވެ.

''މަންމަ އަށް މިކަން އެނގިއްޖެއްޔާ ވާނެގޮތެއްވެސް އެއީ އަހަރެން ވިސްނަންޖެހޭ ކަމެއް.......... އަނެއްކާ ބައްޕަގެ ހާލަތުވެސް އެހާ ރަނގަޅެއް ނޫން.......... ބައްޕައަށް ޖެހުނު ސްޓްރޯކްގެ ސަބަބުން ހިތަށް ލިބުނު ގެއްލުމުގައި، ހިތުގެ އެއްފަޅި މަސައްކަތް ކުރަނީ ވަރަށް ކުޑަކޮށް........... އެކަހަލަ ވާހަކައެއް ބައްޕައަށް އިވިއްޖެއްޔާ ނޭނގެ ވާނެ ގޮތެއްވެސް......... ޝޮކެއް ޖެހުމަކީވެސް އެކަށީގެންވާކަމެއް.............ޒާރާ........... މިހުރިހާ ކަމެއް މިހެން ހުރީމަ ............ އަހަރެން ޒާރާގެ ކިބައިންވެސް މި އެދެނީ ވަގުތު ޖެހެންދެން ކެތްތެރިވުމަށް............ '' އިމްރާން ވާހަކަ ކުރިއަށް ގެންދިޔައީ ނުހަނު އަސަރާއެކުގައެވެ. އެހެނަސް މަޑުމައިތިރިކަމާ އޯގާތެރިކަމާ އެކުގައެވެ.

''އެހެން ނޫނަސް މިހާރު އަހަރެންވެސް އެބހުރީމެއްނު........ ދެން އޭނާއަކަށް އެ ފުރުސަތެއް ނުލިބޭނެއެއްނު............'' އިމްރާން މަޑުމަޑުން ޒާރާގެ އުނގުތެރޭގައި އޮތް އަތުގައި ހިފާލިއެވެ.

ޒާރާ ވިސްނާލިއެވެ. އިމްރާނު އެބުނި އެއްޗެއް ޒާރާ ގަބޫލު ކުރާނީ ކިހިނެތް ހެއްޔެވެ. އިމްރާނު ހުއްޓަސް، އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް، ފަހުދު ޒާރާއަށް އުނދަގޫ ކުރަން މަސައްކަތް ކުރާނެކަން އިމްރާނަށް އަދި ނޭނގެނީއެވެ. އެހެން ނޫންނަމަ ރޭގައި އިމްރާނުގެ ކޮފީތައްޓަށް ފަހުދު ނިދާބޭހެއް ނޭޅީހެވެ. އިމްރާނާ ބެހޭގޮތުން އެފަދަ ނުބައި ރޭވުމެއް ނުރޭވީހެވެ. މިއިން އެއްވެސް ކަމެއް އިމްރާނަށް ޒާރާ ކިޔައި ނުދޭތީ ނޭނގި އޮތީއެވެ. ކިޔައިދޭންވެސް ޖެހެއެވެ.

އެއްޗެއް ބުނަން އަނގަހުޅުވާލި ވަގުތު ނައިޓް ސްޓޭންޑް މަތީގައި އޮތް އިމްރާނުގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އަވަސް ހަރަކާތަކާއެކު އިމްރާނު ފޯނު ނެގިއެވެ. އަދި ފޯނު ކަންފަތުގައި ޖައްސާލަމުން އަވަސް ފިޔަވަޅުތަކެއް އަޅަމުން ޒާރާއާ ދުރަށް ހިނގައިގަތެވެ. އެދިމާލަށް ކަންފަތް ދީގެން އިންނަމަވެސް ކިޔާއެއްޗެއް ޒާރާއަށް ސާފު ވާވަރެއް ނުވެއެވެ. އިމްރާނު ވާހަކަ ދެއްކީ ވަރަށް މަޑުން ކަމުގައި ވާތީއެވެ. ހީވަނީ ޒާރާއަށް އަޑު އިވިދާނެތީ އުޅޭހެނެވެ.

އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު އިމްރާނު ފޯނު ބޭއްވިއެވެ. އަދި އައިސް ކުރިންވެސް އިންތަނުގައި ޒާރާގެ ގާތުގައި އިށީދެލިއެވެ.

''ކާކު ގުޅީ...........'' ބޭއިޚްތިޔާރުގައި ޒާރާއަށް އަހާލެވުނެވެ. އެއީ އެހެން ނޫނީ ޒާރާ ކުރާ ސުވާލެއް ނޫނެވެ. އިމްރާނު ފޯނުން ވާހަކަދައްކާ މީހުނާ ބެހޭގޮތުން ސުވާލުކުރުމާ، އިމްރާނުގެ ފޯނު ބަލާ ހެދުމަކީ ޒާރާ ކުރާކަމެއް ނޫނެވެ.

''އެއީ ރައްޓެއްސެއް........'' އިމްރާނު ދިނީ ކުރު ޖަވާބެކެވެ. ރައްޓެއްސެއް ވިއްޔާ ސިރުން ވާހަކަ ދައްކަންވީ ކީއްވެ ހެއްޔެވެ. ޒާރާއަށް ސިއްރު ކުރަން ޖެހޭވަރުގެ ރައްޓެއްސެއް އިމްރާނު ހޯދީ ކޮންއިރަކުބާއޭ ޒާރާގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް އިތުރު ސުވާލެއް އޭނާ ނުކުރެއެވެ.

******

ލައިގެން ހުރި މަޑު ފިޔާތޮށި ކުލައިގެ މެކްސީ ޒާރާއާ ނުހަނު ގުޅެއެވެ. މެކުސީގެ ކުލައަށްވުރެ ގަދަ ފިޔާތޮށި ކުލައިގެ ޝޯލްގެ ތެރެއިން އެ ދޮން މޫނު ފެންނަ އިރު، ދެކޭ ކޮންމެ މީހަކު އެ ރީތިކަމަށް ހިތާހިތުން ތަޢުރީފު ކުރާނެކަމާމެދު ޝައްކެއް ނެތެވެ. ކަޅުކުލައިގެ ޓީޝާޓާއެކު ނޫ ޖިންސްގައި އިމްރާން ފެންނަލެއް ވަކި ހުތުރެއް ނޫނެވެ. ގިނަ ދުވަސްތަކެއް ވަންދެން އަވީގައި ނުޖެހި އުޅުމުގެ ސަބަބުން ހަންގަޑުގެ ކުލަ އިހުނަށްވުރެ އަލިވެފައި ވެއެވެ. ތުނިކޮށް ޓްރިމް ކޮއްފައިވާ ތުނބުޅިން އެ ފިރިހެން ވަންތަ މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.

''އާދޭ ބައްޕަގެ ދޮން ދޫނީ...........'' އެނދުގައި އޮތް ޒިލީ ނަގާ އުރާލަމުން އިމްރާނު އެ ލޯބި މޫނުގައި އިމްރާން ބޮސްދިނެވެ.

އިމްރާނުގެ ދެމަފިރިން ތައްޔާރުވެލައިގެން ތިރިއަށް ދިޔައިރު އެންމެން އެމީހުންގެ އިންތިޒާރުގައި ސިޓިންރޫމުގައި ތިއްބެވެ.

''މާޝާ ﷲ........... ކާފަގެ ދަރިފުޅާ އަވަހަށް އާދޭ............ ކާފަ މިހާރު ދަރިފުޅުމެން ދެކިލާހިތުން ކެތްވަނީކީ ނޫން..........'' ހިނިތުން ވެލަމުން އަލިބެ ބުންޏެވެ. ޒާރާއާ ދަރިފުޅު ފެނުމުން އަލިބެގެ ހިތަށް ލިބުނީ ބަޔާކުރަންވެސް ދަތި އުފަލެކެވެ. އެމީހުން ފެނުމުން އަމިއްލަ ދަރިން ނޫން ކަމުގެ އިހްސާސެއް އަލިބެ އަކަށް ނުކުރެވެއެވެ. އިމްރާނުގެ އުރުގައި އިން ޒިލީ އުރާލަމުން ސަރީފާ ގޮސް އިށީނީ އަލިބެއާ ޖެހިގެން ހުރި ސޯފާގައެވެ. އަލިބެ ނިކަން ލޯބިން ޒިލީގެ ބޮލުގައި ފިރުމާލިއެވެ. އަދި ޒިލީއާ ސަމާސަ ކުރަންފެށިއެވެ. ނުހަނު ލޯބިންނެވެ.

''ޖީނާ މޭޒުމަތި ތައްޔާރު ކޮއްފި......... ދަރިފުޅު ދޭބަލަ ބަލާލަން............ ޕާންފޮތިތައް ހިހޫވެފަ ހުރިއްޔާ އަލުން ހޫނުކޮއްލަން ބުނޭ ..........'' ނިކަން ލޯބިން ސަރީފާ ވާހަކަ ދެއްކިއެވެ. ޒާރާ ވަގުތުން ހިނގައިގަތީ ބަދިގެ ބަޔަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާ އެހުންނަނީ އެތަނުން ދާން ބޭނުންވެފައެވެ. ކުރިމަތީގައި ހުރި ސޯފާގައި އިން ފަހުދުގެ ނަޒަރުން ސަލާމަތް ވުމަށްޓަކައެވެ.

''އަންނާނަން ބައްޕަގެ ބޭސް ހިފައިގެން.................'' އިމްރާން ހިނގައިގަތީ އަލިބެއާ ސަރީފާގެ ނިދާކޮޓަރިއާ ދިމާއަށެވެ. ބޭސްހުރީ އެތަނުގައި ކަމަށް ވާތީއެވެ.

ފަހުދަށް ފުރުސަތު ލިބުނީއެވެ. ޒާރާގެ ރީތިކަމަށް ދަހިވެތި ނަޒަރަކުން ބަލަމުން ދިޔަ ފަހުދު އިންތަނުން ތެދުވިއެވެ. ބަދިގެ ބަޔަށް އޭނާ ވަދެ ހުއްޓުނީ ޒާރާގެ ނުހަނު ގާތުގައެވެ.

''ކީއްވެ ރޭގައި މަށަށް އެހެން ހެދީ......... ތިހެން ސަލާމަތް ވާނެކަމަށް ހީނުކުރާތި .......... އިމްރާނު ހުއްޓަސް އަހަރެން ބިރެއް ނުގަންނާނެކަން ހަނދާން ކުރާތި .........'' ފަހުދު ފުރަތަމަ ހަމަލާ ފޮނުވާލިއެވެ. ޒާރާ ދުރަށް ޖެހިލިއެވެ. އަޑު އިވޭކަމަށް ނަހަދާ ޕާންފޮތިތައް ޓޯސްޓަރަށް އަޅަން ފެށިއެވެ.

''ތިހެން ތުއިވެގެން މާ ނަލަވެގެން އިމްރާނާ އެކު މާގިނައިން މަށަށް ނުފެންނައްޗޭ.......... މާ ކަންތައް ބޮޑުވަންޏާ އިމްރާނަށް ހުރިހާ ފޮޓޯތަކެއް ފޮނުވާލަން ޖެހިދާނެ...........އޭރުން އޭނާއަށްވެސް އެނގޭނެ ކަލޭ ގަނެފަ ހުރި ގަނޑު........ މަށާއެކީ ހާވާފަ ހުރި ހަޑި.............. އޭރުން ތިހެން މަހާ ރާނީ ހެދިގެން މިގޭގައި ހުންނާނީ އުޅެވިފަ............'' ދެވަނަ ފަހަރަށް ފަހުދު ޒާރާގެ ގާތަށް ޖެހިލަމުން މަޑުމަޑުން ބުންޏެވެ. މަޑުން ބޫންޏަސް އެ އަޑުގައިވަނީ ހަރުކަށިކަމެވެ. ރާގުގައި ވަނީ އަމުރުވެރިކަމެވެ. ޒާރާގެ އަތްފައި ފިނި ވަމުން ދިޔައެވެ. އޭނާ ބޭނުންވީ ހަޅޭއްލަވައި ގަންނާށެވެ. ވަގުތުން އިމްރާނަށް ގޮވަން އޭނާ ބޭނުންވިއެވެ. ޒާރާ ހިނގައިގަތީ އެތަނުން ދުރަށް ދާށެވެ. އެހެންނަމަވެސް ހުޝިޔާރުކަމާއެކު ފަހުދު ޒާރާގެ އަތުގައި ހިފެހެއްޓިއެވެ.


ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ، 06 މެއި ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް