މިހާރު ރަށުތެރޭގައި އެންމެ އަޑުގަދަކޮށް ދެކެވޭ އެއް ވާހަކަައަކީ ހަލުިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ ބަލި ފެތުރުން ހުށްޓުވުމަށް އެޅުނު ފިޔަވަޅުތަކުގެ ވާހަކައެވެ. ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވަނީ މި ގޮތުން އަޅަން ނިންމި ޖުމުލަ 8 ފިޔަވަޅެއް އިއުލާންކޮށްފައެވެ. ފިޔަވަޅުތައް ހަރުކަށި ކޮށްފައި ވަނީ މިމަހުގެ 05 ވަނަ ދުވަހުން ފެށިގެން ދިހަ ދުވަހުގެ މުއްދަތަކަށެވެ.
އެޅި ފިޔަވަތަކުގެ ކުރު ހުލާސާއެއް!
ކޯވިޑް-19 މަތަކުރުމަށް ކުރަން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލެ ޞަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގެ ޕާކުތަކާއި، މައިޒާންތަކާއި، ކުޅިވަރުކުޅޭ ތަންތަނާއި، ދުވާ ޓްރެކުތަކާއި، ސްވިމިންގ ޓްރެކްތައް ބަންދުކުރުމާއި މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި ކުޅިވަރުކުޅުމާއި، ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުން ހިމެނެއެވެ. މީގެ އިތުރުން މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ސްކޫލްތައް ވެސް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާ، ސަރުކާރު އޮފީސްތައް ވެސް ބަންދު ކުރަން ވަނީ ނިންމާފައެވެ.
ހާއްސަ ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމަށާއި (މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން) ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ޞިނާޢީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން (ޞިނާޢީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން) ވެސް މިރޭ އިއުލާން ކުރި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާރކްޕާމިޓް ހޯލްޑަރުން 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނު ފުރިހަމަކޮށް ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ވަނީ އަންގާފައެވެ. ވެކްސިންގެ 2 (ދޭއް) ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލަން ވެސް ވަނީ މިހާރު ނިންމާފައެވެ.
ޖުމުލަކޮށް އެޅި ފިޔަވަޅުތައް ހަރުދަނާ، އެކަމަކު ވެހިކަލް ދުއްވުން މަނާކުރި ގަޑި ކަމަކު ނުދޭ!
މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ. އެކަމަކު މިއީ އެންމެ ރަނގަޅު ވަގުތުތޯ ސުވާލު އުފެދެއެވެ. ސަބަބަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު ވަގުތަކީ މިއީ ނޫން ކަމަށް އުޅަނދުފަހަރު ދުއްވާ މީހުން ބުނާތީއެވެ. ޓެކްސީ ޑްރައިވަރަކު ސުވާލުކޮށްލުމުން ބުނީ މަގުތައް "އެންމެ ބިޒީ ގަޑިއަކީ ހަވީރުގެ ވަގުތު" ކަމަށެވެ. ހާއްސަކޮށް މިއީ ރޯދަމަހަށް ވެފައި އެގަޑީގައި ކާރޫބާރު ބޮޑުކަމަށް އޭނާ ބުނެއެވެ. މާލޭގެ މަގު މައްޗަށް ނުކުތުމުން އަޅުގަނޑަށް ވެސް އެކަން ފާހަގަކުރެވުނެވެ. ވީމާ ހަގީގީ މާނައިގައި މިކަން ކުރަން ބޭނުންވާ ނަމަ މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރަންވީ ހަވީރު ވަގުތުގައެވެ. ނޫނީ މިކަމުން މާ ބޮޑު އަސަރެއް ކޯވިޑް-19ގެ އަދަދުތަކަށް ކުރާނެއޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ.
އުޅަނދު ދުއްވުން މަނާ ނަމަވެސް ހިނގާބިނގާވެ އުޅެވޭ!
މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައި ވީ ނަމަވެސް އެ ވަގުތު ހިނގާބިނގާވެ އުޅެވޭނެއެވެ. މިއީ ވެސް ވަކި ހަމަޖެހޭ އުސޫލެއް ނޫނެވެ. ވައިރަސް ދަތުރު ކުރަނީ ހަމަ އެކަނި އުޅަނދުފަހަރަކު ނޫނެވެ. ހަގީގަތުގައި ވައިރަސް ދަތުރުކުރާ އުޅަނދު ފަހަރަކީ އަހަރެމެން އިންސާނުންނެވެ. އެއް އިންސާނެއްގެ ހަށިގަނޑުން އަނެއް އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވާސިލްވަނީ ވެސް ހަމަ އަހަރެމެން އިންސާނުން އެކަމަށް މަގުފަހި ކުރުވާތީއެވެ. އެހެންކަމުން ހަމައެކަނި އުޅަނދުފަހަރު ދުއްވުން ވަނީ މަނާކުރިޔަސް މިކަން ވާކަށް ނެތެވެ. މި ފިޔަވަޅު ވެގެންދާނީ ހަމަ "ޖަމަލު ފޮޑިއަކަށެވެ"
ނޮވެލް ކޮރޯނާ ވައިރަހަކީ ކޮބާ؟
ނޮވެލް ކޮރޯނާ ވައިރަސްއަކީ މީގެ ކުރިން އިންސާނެއްގެ ހަށިގަނޑުން ފެނިފައިނުވާ، ކޮރޯނާވައިރަސް ޢާއިލާގެ އައު ބާވަތެއްގެ ވައިރަސްއެކެވެ. ޗައިނާގެ ވޫހާނުން ފުރަތަމަ ފެނިފައިވާ ނޮވެލް ކޮރޯނާ ވައިރަހުން ޖެހޭ ބައްޔަށް މިހާރު ކިޔަނީ ކޮރޯނާ ވައިރަސް ބަލި 2019 (ކޯވިޑް-19) އެވެ. "ކޯ" އަކީ ކޮރޯނާ، އަދި "ވި" އަކީ ވައިރަސް އަދި "ޑް" އަކީ ބައްޔެވެ. ކުރިން މިބައްޔަށް ކިޔަމުން އައީ "2019 ނޮވެލް ކޮރޯނާ ވައިރަސް" ނުވަތަ "2019-އެންކޮވް" އެވެ. ކޯވިޑް-19 ވައިރަސްއަކީ "ސީވިއާރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް" (ސާރސް) ރޯގާ އާއި ބައެއް ކަހަލަ ޢާންމު ރޯގާތަކުގެ ޢާއިލާއަށް ނިސްބަތްވާ އައު ވައިރަހެކެވެ.
އަަދަދުތައް ހީނުކުރާހާ މަތީގައި، ރާއްޖެ ނުރައްކަލުގައި!
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ކޯވިޑް-19 އަށް އިތުރު 585 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އޭގެ ތެރޭން މާލެ ޕޮސިޓިވްވެފައިވަނީ 379 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 160 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން 11 މީހަކު ޕޮސިޓިވްވެފައިވެ އެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން 15 މީހުންނާއި ތަރައްގީ ކުރަމުންދާ ރަށްރަށުން ދެ މީހެކެވެ. މިވަގުތު 6،033 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 173 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި 147 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 25،214 އަށް އަރާފައި އެވެ. ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 74 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 31،330 މީހުންނެވެ.
ހޮސްޕިޓަލްތައް ފުރި ފަރުވާ ނުދެވޭ ހިސާބަށް ގޮސްދާނެކަމުގެ ބިރު!
ކޯވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް މިހާރު އިތުރުވަމުންދާ ގޮތައް ބަލާއިރު ހޮސްޕިޓަލްތައް ފުރި ބަލި މީހުންނަށް ފަރުވާ ނުދެވިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް ރޭޑިއޮލޮޖިސްޓް ޑޮކްޓަރ ފާތިމަތު މުފްލިހާ ވިދާޅުވަނީ ކޯވިޑަ-19އަށް ފައްސިވާ މީހުންގެ އަދަދަށް ބަލާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެމީހުންނަށް ފަރުވާދޭނެ ސިއްހީ އެހީތެރިން ލިބުމުގެ ދަތިކަން ވެސް ކުރިމަތިވެދާނެ ކަމަށެވެ. ވީ އިރު މިއީ ކިހާ ނުރައްކާތެރި ހާލަތެއްކަން ތިމާ އަމިއްލައަށް ވިސްނައި ރައްކާތެރިވުން ބުއްދިވެރިއެވެ. ފަރުދީ ޒިންމާ އަދާކުރުން ބުއްދިވެރިއެވެ. ކޮންމެހެން ދާން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމާއި، މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް