ކުރުވާހަކަ: އުންމީދު

ލިޔުނީ: ފާތިމަތު ވިދާދާ މާނޭވާ ލެވެނީއެވެ. މުޅި މީހާ ހުރީ ދާހިތްލާ ފޯވެފައެވެ. މޫނު މަތިން ދާތައް ފައިބަނީއެވެ. އޭރު ވެސް އޭނާ ދުވެވުނު އެންމެ ބާރަކަށް ދުވަނީއެވެ. އޭނާ ހޯދަން ފަހަތުން ބަޔަކު އަންނަ ކ...

04 May 2021 | 05:06

ލިޔުނީ: ފާތިމަތު ވިދާދާ

މާނޭވާ ލެވެނީއެވެ. މުޅި މީހާ ހުރީ ދާހިތްލާ ފޯވެފައެވެ. މޫނު މަތިން ދާތައް ފައިބަނީއެވެ. އޭރު ވެސް އޭނާ ދުވެވުނު އެންމެ ބާރަކަށް ދުވަނީއެވެ. އޭނާ ހޯދަން ފަހަތުން ބަޔަކު އަންނަ ކަމެއް ނުވަތަ ނާންނަކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ.

މެންދުރުގެ ވަގުތެވެ. ވައި ރޯޅިއެއްގެ އަސަރެއް ވެސް ނެތެވެ. އިރުގެ ދޯދިތަކުގެ ގަދަ ހޫނު މުޅި ޖައްވަށް ފެތުރެމުން ދިޔައެވެ. ބޯމަތިން ފެންނަމުން ދިޔައީ ވަކި ތަރުތީބެއް ނެތި ދަމާފައިވާ ޓެލެފޯނު ކޭބަލްތަކެވެ. މަގުގެ ދެފަރާތް ފަޅުފިލާފައިވަނީ ކުދި ވިޔަފާރިތަކުންނެވެ. ތަންތަންކޮޅުގައި މަގުމަތީގައި އިށީނދެލައިގެން ތިބެ، މޭވާއާއި ތަރުކާރީ ވިއްކާ މީހުންނެވެ. ގާޑިޔާ ތަކުގައި ޒުވާރި އާއި މާ ވިއްކާ މީހުންނެވެ. މުޅި ހިސާބު ގުގުމާލާފައިވަނީ ކޮޅުކޮޅު މައްޗަށް ދަތުރުކުރަމުންދިޔަ އޮޓޯތަކާއި، ކާރުތަކުގެ އިންޖީނުގެ އަޑުންނެވެ. އިރުއިރުކޮޅާ އިވެމުންދިޔަ ބަރުގޮނުގެ އަޑުންނެވެ.  ދުއްވާ އުޅަނދުތަކުން ބޭރުކުރަމުންދިޔަ ބޯ ދުމުން މުޅި ޖައްވު ދިޔައީ ތަޣައްޔަރުވަމުންނެވެ. އެ ހަލަބޮލިމަގު ފުރިފައިވަނީ އިންޖީނުލީ އުޅަނދުތަކުންނެވެ. ގެރިގާޑިޔާ ތަކާއި އަތްގާޑިޔާ ތަކުންނެވެ. އެހެންނަމަވެސް، ގައިގައި ހުރި ބާރެއް ލާފައި، އިންޑިއާގެ ގުޖަރާތުގެ އަވަށްގަނޑެއްގެ މަގުމަތީގައި ދުވަމުން ދިޔައިރު، މިއިން އެއްވެސް ކަމަކަށް އޭނާ ފަރުވާލެއް ނުބަހައްޓައެވެ.

ސާދަވަރަކަށް އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. ރީތި ދޮން ކަނދުރާ އަކާއި އުޖާލާ މޫނެކެވެ. އެހެނަސް، އެ މޫނުގެ އުޖާލާކަން ފަނޑުވެފައިވަނީ އެމޫނުން ފެންނަމުން ދިޔަ ހާސްކަމާއި ނުތަނަވަސްކަމުންނެވެ. ތޫނު ކަޅިރަވަ އަކާއި ރީތި ދެލޮލެވެ. ނަމަވެސް، އެ ދެލޮލުގެ ރީތިކަން ފޮރުވިފައިވަނީ އެ ދެލޮލުން ފާޅުވަމުންދިޔަ މޮޅިވެރިކަމުންނެވެ.

ދުވަމުން ދިޔަ ބާރުމިނަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކިތަންމެ ވަރުބަލިވެފައިވީ ނަމަ ވިޔަސް ވެހެވެ. ދުވެފައި ގޮސް، ހުޅުވާފައިހުރި ގޭޓަކުން އޭނާ ވަނެވެ. ބޮޑު، ކަޅު ގޭޓެކެވެ. ވަރުގަދަ ދަގަނޑު ގޭޓޭކެވެ. ހަމައެއާއެކު، އޭނާގެ މޫނު މައްޗަށް އަނދިރިވިއެވެ. އޭނާ ޚަބަރު ހުސްވެގެން ވެއްޓުނެވެ.

------------------------------

އާ ދުވަހަކަށް އިރު ފެނުން ތޮޅިލީ، ސްކޫލަށް ދާން ތައްޔާރުވެލައިގެން ގޭގެ ބެލްކަނީގެ ޗެންޗޭނުގައި ލެނގިލައިގެން މާޔާ ހުއްޓާއެވެ. އެންމެ ކުޑައިރުއްސުރެވެސް އޭނާގެ ހިތުގައި ބިންވަޅުނެގިފައިވާ އުއްމީދެއް ވެއެވެ. ކިޔަވައިގެން މޮޅުކުއްޖަކަށްވުމުގެ އުއްމީދެވެ. އެއީ އޭނާގެ ޙަޔާތް އެއުންމީދަށްޓަކައި ހޭދަކުރި ދުވަސްތަކެވެ.

ކޮންމެއަކަސް، ދުވަހަކީ މާޔާއަށް ވަރަށް ބޮޑު ދުވަހެކެވެ. އިންޑިއާ އަށް އައިސް މިކޮޅުގައި ކިޔެވި އެންމެ ފުރަތަމަ ސެމިސްޓަރ އިމްތިޙާނުގެ ނަތީޖާ ލިބޭ ދުވަހެވެ. ރަށުގައި އިން މަންމައަށް ފޯނުން ގުޅާލާފައި އޭނާ އެ ޚަބަރު ދިނުމުން މަންމަމެން މާޔާއަށް ސަޕްރައިޒެއް ރާވާފައިވާ ވާހަކަ މަންމަ ބުންޏެވެ.

މާޔާ ވިސްނީ މަންމަ އޭނާއަށް ހަދިޔާއެއް ފޮނުވަނީ ކަމަށެވެ. މީރު ކާއެއްޗަކަށްވެސް ވެދާނެނޫން ހެއްޔެވެ؟ ވަރަށް އުފަލުންހުރެ އޭނާ ސްކޫލަށްދިޔައީ ރަނގަޅު ނަތީޖާއެއް ލިބޭތޯ ހިތާހިތާ ދުޢާކުރަމުންނެވެ.

މާޔާ ކިޔަވައިގެން މަތީ ސަނަދުތައް ޙާޞިލްކޮށްގެން ހުރި މޮޅުކުއްޖަކަށް ވާހިތްވާތީ އޭނާގެ ނިކަމެތި މައިންބަފައިން އޭނާ އިންޑިއާގެ ސްކޫލަކަށް ކިޔަވަން ފޮނުވީ ރަށުމަދަރުސާއިން ގުރޭޑު 7 ނިމުމުންނެވެ. އެއީ ރަށުމަދަރުސާއިން ކިޔެވެންހުރި އެންމެމައްޗެވެ. އޭނާގެ ނަތީޖާ ރަނގަޅުވުމުން ވަރަށް ފަސޭހައިން ސްކޫލަކަށް ވަދެވިއްޖެއެވެ. މައިންބަފައިންގެ މާލީ ތަނަވަސްކަން ނެތުމުން ލޯބިވާ މަންމަ އާއި ބައްޕައާ ދުރުގައި ހުންނަން ޖެހުނަސް، މާޔާ ކެތްކޮށްގެން ހިތްވަރާއެކު މަސައްކަތްކުރީ އޭނާގެ އުންމީދު ފުރިހަމަ ކުރެވޭތޯއެވެ. މާޔާ ރަށުން ފުރި ދުވަހު އޭނާގެ މަންމަ އޭނާގެ ނިތްކުރީގައި އެންމެ ފަހު ފަހަރަށް ބޮސްދިންއިރު އޭނާގެ މަންމަގެ ލޮލުން ފޭބި ކަރުނަތައް މިހާރުވެސް އޭނާއަށް ފެންނަ ކަހަލައެވެ.

ކަމަކުދާކަށްނެތެވެ. އުފަލުގެ ކޮޅެއްވެސް ނެތެވެ. މާޔާއަށް ލިބުނީ އޭނާގެ ކުލާހުން އެއްވަނައެވެ. ވަރަށް އުފަލުންހުރެ ގެއަށްދިޔައިރު ފޯނަށް އައިސްފައި އޮތް މެސެޖުން އޭނާގެ އުފާވެރިކަން އެތައް ހާސް ގުނައަކަށް އިތުރުވިއެވެ.  މާޔާގެ މަންމަ އާއި ބައްޕަ، އޭނާއާ ބައްދަލުކުރަން އަންނަނީ އެވެ.

އެދުވަހު މާޔާގެ މަންމަމެން އޭނާއަށް ދިން ''ސަޕްރައިޒް'' އާއެކު އޭނާގެ ޙަޔާތް ވިއްސިވިހާލިވެ، އޭނާގެ މުސްތަޤުބަލަށް ވަރުގަދަ ޒަލްޒަލާއެއް އައެވެ. ނުހަނު އުފަލުންހުރެ މަންމަމެންނަށް މަރުހަބާކިޔުމަށް ރެއިލްވޭ ސްޓޭޝަނަށް ދިޔަ މާޔާއަށް ބައްދަލުކުރަންޖެހުނީ އޭނާގެ މައިންބަފައިންގެ ފުރާނަނެތް މަސްގަނޑާއެވެ. ރޭލުގައި ހަރުކޮށްފައިހުރި ބޮމެއް ގޮވީއެވެ. އެޚަބަރު ލިބިފައި މާޔާއަށް ހީވީ ބިންގަނޑު އޭނާގެ ފައިދަށުން ދެމިގަނެގެން ދިޔަހެނެވެ. އެ ރޭލުގައި ހިނގި ބޮމުގެ ހާދިސާއާއެކު އޭނާގެ ލޯބިވާ މަންމައާއި ބައްޕަ މިދުނިޔެދޫކޮށް ދުވަހަކުވެސް ނުފެންނަ ހިސާބަށް ދިޔައީއެވެ. އެންމެފަހުފަހަރު ބައްދަލުވެލުމުގެ ފުރުޞަތުވެސް ނުލިބިއެވެ. އޭނާ ކިޔެވުން ނިންމާ މޮޅު ކުއްޖަކަށްވާ ފަޚުރުވެރި މަންޒަރުވެސް ނުދެކިއެވެ.

މާޔާގެ މައިންބަފައިންނަށް މަރުހަބާކިޔުމަށް އޭނާ ގެންދިޔަ ހުދުކުލައިގެ، ތާޒާ މާތައް އޭނާގެ އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އެހަލަބޮލި މަގުގައި ހިނގަމުންދިޔަ މީސްމީހުންގެ ފައިދަށުވެ، އެމާތަކުގެ ފިޔަތައް ވަކިވަކިވެގެން ދިޔައެވެ. އޭނާއަށް ސިފަވަމުން ދިޔައީ އޭނާގެ ޙަޔާތްވެސް ހަމައެފަދައިން ހަފުސްވެ، ވިއްސިވިހާލިވެގެންދާ މަންޒަރެވެ.

ތެދެކެވެ. މާޔާގެ މަންމައާއި ބައްޕައަކީ ދުނިޔެއަށް ދެ އިންސާނުންނެވެ. އެހެނަސް، މާޔާއަށް އޭނާގެ މަންމައާއި ބައްޕައަކީ އޭނާގެ މުޅި ދުނިޔެއެވެ. ކޮންމެއަކަސް، ދެން ކުރާނެ ކަމެއް ނެތެވެ. ތަޤުދީރުގެ ނިޔާ އާ ދެކޮޅުވެވޭނީ ކާކަށް ހެއްޔެވެ؟

މާޔާގެ ނިކަމެތި ހިތުގައި ޖަހާވިންދު ދެންވެސް ގޮވަމުން ދިޔައީ ކިޔެވޭނެ މަގެއް ތަނަވަސްވޭތޯ މަސައްކަތްކުރުމަށެވެ.

ދެން ކުރިމަތިވީ ފައިސާގެ ދަތިކަމެވެ.  ގޭގެ ވެރިމީހާއަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެގޮތެއް ނުވިއެވެ. ސްކޫލު ފީ ދައްކައިދޭނެ މީހަކު ނެތެވެ. އިސާހިތަކު، ދުނިޔޭގައި ޔާރެއް އިޔާރެއްނެތި މާޔާ ބިކަޙާލުގައި ޖެހުނެވެ. ހަތަރުއުދަރެސް ފެނުޖެހުނެވެ.

ހަދާނެ ގޮތެއްނެތިފައި މާޔާ ގޭގެ ބޭރުގައި އިށީނދެލައިގެން އިނެވެ. ނުހަނު ހިތްފަސޭހަ މާޙައުލެކެވެ. ހަވީރުގެ ފިނި ވައިރޯޅިތަކާއެކު އޭނާގެ ދިގު، ފަން އިސްތަށިތައް އިރުއިރުކޮޅާ މޫނުގައި ބީހެމުން ދިޔައެވެ. އޭނާ އިނީ ޚިޔާލުގެ ފުން ކަނޑަކަށް ޣަރަޤުވެފައެވެ.

ޚިޔާލުގެ ދުނިޔެއިން  މާޔާއަށް ނިކުމެވުނީ މީހަކު އޭނާއަށް ގޮވާލި އަޑަށެވެ. މާޔާ އިސް އުފުލާ ބަލައިލިއެވެ. އެއީ އޭނާގެ އަވަށްޓެރި ކުމާރެވެ. މާ ރަނގަޅަށް ނުދަތަސް، މާޔާ އެހިސާބުގަނޑުން އޭނާ ދެކެއެވެ. ދެބައިއުމުރުގެ ފިރިހެނެކެވެ. ހައިބަތުހުރި ބިޔަ ހަށިގަނޑެކެވެ.

''ކަނބުލޮ ކޮންކަމަކާ މާ ފިކުރު ބޮޑުވެފަ؟'' ކުމާރުގެ އޯގާތެރި އަޑު މާޔާގެ ކަންފަތުގައި ޖެހުމާއެކު މާޔާގެ ހިތުގައި އުންމީދު އާވެގެން ދިޔައެވެ. ކޮންމެވެސް ކަހަލަ އެހީތެރިކަމެއް ލިބިދާނެކަމުގެ އުއްމީދެވެ. ކުމާރު މާޔާއާ ވާހަކަދެއްކީ ހިންދީ ބަހުންނެވެ.

މާޔާ ހުރިހާ ވާހަކައެއް ކުމާރަށް ކިޔައިދިނެވެ. އެވާހަކަތައް ކިޔައިދީ ނިމުނުއިރު މާޔާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭރު ކުމާރު އިނީ މާޔާ ގާތުގައި އިށީނދެގެންނެވެ. މާޔާގެ ވާހަކަ ނިމުމުން މާޔާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ކުމާރު ފުހެދިނެވެ. ނުހަނު ހިތްހެޔޮކަމާއެކުގައެވެ.

''ދެން ނުރޮއި. ބޭނުންވަރަކަށް ކަނބުލޮއަށް ކިޔަވޭނެ ގޮތް ބޭބެ ހަދައިދީފާނަން'' ކުމާރު މިހެން ބުނުމާއެކު މާޔާގެ މުޅި ދުނިޔެ އުޖާލާވެގެން ދިޔަކަހަލައެވެ.

ޤަބޫލު ނުކުރެވިގެން ކުމާރުގެ މޫނަށް ބަލަހައްޓައިގެން މާޔާއަށް އިނދެވުނެވެ. ކުމާރުގެ އުފަންސަހަރުގައި، އެހިސާބުގެ އެންމެ ރަނގަޅު ސްކޫލުން ކިޔެވޭނެ ގޮތް ހަދައިދިނުމަށް ކުމާރު ވަޢުދުވިއެވެ. ކުމާރުގެ ދައްތަމެންނާއި ކޮއްކޮމެންނާއެކު އެގޭގައި އެއްވެސް ދަތިކަމެއްނެތި އުޅެވޭނެކަމުގެ ޔަޤީންކަން ދިނެވެ. ކުމާރާއެއްކޮށް ދިއުމަށް ވަގުތުން މާޔާ އެއްބަސްވިއެވެ.

''ވީހައިވެސް އަވަހަކަށް ހަމަ ދާންވީ. ކަނބުލޮ ބުނޭ. ބޭބެ ހުރިހާ ކަމެއް ހަމަޖައްސައިދޭނަން'' ކުމާރު ހިނިތުންވެލާފައި ބުންޏެވެ.

''ކުމާރުގެ ހިތްހެޔޮކަން އަހަރެންގެ މުޅިޢުމުރަށްވެސް ހަނދާންހުންނާނެ. އަހަންނަކަށް ނޭނގޭ އަހަރެން ކަހަލަ ނިކަމެތި ކުޑަކުއްޖަކު ތިހެޔޮކަމުގެ އަގު އަދާކުރާނެ ގޮތެއް ވެސް.'' ޙަޤީޤަތުގައިވެސް މާޔާއަށް ކުމާރުވަރުގެ މީހަކުނެތެވެ.

ކޮންމެއަކަސް، އެރޭ ޙަޔާތުގެ ހިތްދަތިކަމާއި ހިތާމަތަކުގެ ނިމުން ފާހަގަކޮށްފައި ޗެންނާއީއަށް އަލްވަދާޢު ކިޔަމުން ކުމާރާއެކު ގުޖަރާތަށްދިއުމަށް މާޔާ ބަހަށްއެރިއެވެ. ވަރަށް ގިނަ އުއްމީދުތަކަކާއި ހުވަފެންތަކެއް ހަޤީޤަތަކަށް ހެދުމުގެ މަޤުޞަދުގައެވެ. ކުރިއަށްވުރެވެސް ވަރުގަދަ ޢަޒުމަކާއެކުގައެވެ.

ދަތުރުގެ މަންޒިލަށް ވާޞިލުވެވުނުއިރު މެންދަމުން އަލިވެ އެކެއް ޖަހަނީއެވެ. ކަޅު އަނދިރިރެއެކެވެ. މާޔާ ވަށައިގެން ނަޒަރުހިންގާލިއެވެ. ޒަމާނީ ތަރައްޤީއާއި ތަހުޒީބާއި ތަމައްދުނުގެ ކުލަވަރު ކިތަންމެހައިވެސް ފަނޑެވެ.

މޫސުން ގޯސްވެ، އުޑުމަތި ބަނަވެ، ވަރަށް ގަދަޔަށް ވައި ޖެހެން ފަށައިފިއެވެ. އޭރު ވެސް ވާރޭ ކަނިޖަހާހެން ހީވިއެވެ. ކުމާރާއެކު މާޔާ ބަހުން ފޭބިއެވެ. އިސާހިތަކު ވާރޭ ވެހިގެންފިއެވެ. ވާރޭ ދިޔައީ ބޯ ކުރަމުންނެވެ. ފެންނަ ފެނުމަށް ހުއްޓާލާނެ ހެނެއް ހީއެއް ވެސް ނުވެއެވެ. ބަހުން ފޭބި މީހުންތައް ކޮޅުކޮޅު މައްޗަށް ދުވަން ފެށިއެވެ.

''ވާރޭ ތުނިކޮށްލަންދެން ހިނގާ ކޮންމެސްތާކު މަޑުކޮށްލަން. މިތާ އުޅޭނެ އަހަރެންގެ ރައްޓެއްސެއް'' ބަސް ސްޓޮޕް ކައިރީ ހުރި ގޯޅިއަކަށް އިޝާރާތްކުރަމުން ކުމާރު ބުންޏެވެ.

އޭރު މުޅިމީހާ ތެމި ފޯވަނީއެވެ. މާޔާ ހުރީ ހީކަރުވައިގެންފައެވެ. އެހެންކަމުން، އަވަސް އަވަހަށް ކުމާރު ބުނި ތަނަށް ދާން މިސްރާބުޖެހިއެވެ. ކުމާރު ވަނީ ބަސް ސްޓޮޕް ކައިރީގައި ހުރި އަނދިރި ގޯޅިގަނޑެއްގައި ހުރި ކޮޓަރިއަކަށެވެ. މާޔާ އެކޮޓަރިއަށް ވެއްދީ ބޯކޮށް ވާރޭވެހޭތީއެވެ. ހީކަރުވާތީ މާޔާ އަވަހަށް އެކޮޓަރިއަށް ވަނެވެ. މާޔާ ވަނުމާއެކު ލެއްޕިގެންދާނީ އޭނާގެ ކުރިމަގަށްޓަކައި ދުށް ފޮނިހުވަފެންތަކުގެ ދޮރުކަން އޭނާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟  އިންސާނެއްގެ ހިތް ދެނެގަނެވޭނީ ކާކަށް ހެއްޔެވެ؟

މާޔާ ގަދަހެދުމަށް ވަރަށް މަސައްކަތްކުރިއެވެ. އެހެނަސް، އޭގެ ސަބަބުން ތަދު ވީ ހައްތަހާ އިތުރެވެ. އެހެންވެ، އޭނާ މަޑުމަޑުން ހުރީއެވެ. ސަލާމަތްނުވެވޭނެކަން ޔަޤީންވުމުންނެވެ. މާޔާ ހިމޭނުން ހުރީތީ، ކުމާރު ފުރިހަމަ ފައިދާ ނެގިއެވެ. އޭނާ ހިތްއުފާ ކުރިއެވެ. މާޔާއަށް އަނިޔާ ކޮށްގެންނެވެ. އޭނާގެ ކަރުހިއްކުން ފިލުވައިގެންނެވެ. ހިރިވެސް ނުލެވިފައި މާޔާ ރޯލަރޯލާ އޮތީއެވެ. އެހެން ގޮތެއް ނެތިގެންނެވެ. މާޔާގެ ދެއަތުގައި ކުމާރު ހިފައިފައި ހުރި ތަންތަނުން ވިންދުޖަހައެވެ. ދިލަނަގައެވެ. ހަށިގަނޑުގެ އެތެރެއިން ނަގަމުން ދިޔަ ރިހުން ދިޔައީ ގަދަވަމުންނެވެ. ހިރިވެސް ނުލެވިފައި އެތައްއިރަކު މާޔާ އޮތެވެ. ވަރުބަލިވެފައެވެ.

ކުމާރުގެ ބަހަށް ހެއްލިގެން ނާދެވުނުނަމައޭ ކިތަންމެ ފަހަރަކުވެސް މާޔާގެ ހިތަށް އެރިއެވެ. އެހެނަސް، ދެން ކުރާނެ ކަމެއް ނެތެވެ. ވިސްނާނުލާ މާޔާއަށް ނިންމުނު އެންމެ ނިންމުމެއްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން އަބަދަށްޓަކައި އެކޮޅުކޮޅުން ޖެހިގެންދާކަށް މާގިނަ ވަގުތުތަކެއް ނުނެގިއެވެ. ޙަޔާތަށްޓަކައި ދުށް ހުރިހާ ހުވަފެންތަކެއް ބިލާހަކަށް ވެގެންދިޔައެވެ. މާޔާގެ މުސްތަޤުބަލަށްޓަކައި އޭނާކުރި އެންމެހައި އުންމީދުތައް އެރޭ ފިސްފިސްވެ ފުނޑުފުނޑުވެގެން ދިޔައެވެ.

ކުމާރުގެ ހިތް ފުރުމުން، އެ އަވަށުގައި އުޅޭ މޯހަނަށް މާޔާ ވިއްކާލިއެވެ. މާޔާގެ ޙަޔާތުގައި ދެން އައީ ދުވަހަކުވެސް ހަނދާނުން ނުފިލާނެ ފަދަ ހިތި ދުވެސްތަކެކެވެ. ރެއާއި ދުވާލު މާޔާ ވާން ޖެހުނީ ކޮންމެވެސް ކުމާރެއް ނުވަތަ މޯހަނެއް ނުވަތަ ޖިގްނޭޝެއް ނުވަތަ އާކާޝެއްގެ އަޅަކަށެވެ. ކޮންމެވެސް ނުލަފާ ހައިވާނެއްގެ ޝިކާރައަކަށެވެ. މާޔާ ދިޔައީ ކުޅޭ ކުޅޭ އެއްޗެއްހެން އެއްސާހިބެއްގެ އަތުން އަނެއްސާހިބެއްގެ އަތަށެވެ. ކޮންމެ ސާހިބަކުވެސް އެ މަޢުޞޫމު، ނިކަމެތި މާޔާ ބޭނުންކުރަނީ ''ކަސްޓަމަރުން'' ފައިސާ ދީފައި އެމީހުންގެ ކަރުހިއްކުން ފިލުވަން ގެންގުޅޭ ވަޞީލަތަކަށެވެ.

އެގޮތުގައި ކިތަންމެ ދުވަހެއް ވޭތުވީ ނަމަވެސް، އެ ވޭން ތަޙައްމަލުކުރަން ޖެހުނު ހަމަ ކޮންމެ ފަހަރަކު މާޔާ ރުޔެވެ. އާދޭސް ކުރިއެވެ. އެހެނަސް، އެއާދޭހުގެ އަޑުއަހާނޭ ހަމްދަރުދީގެ ކަންފަތެއް ނުވިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މާޔާގެ އޭރުގެ ސާހިބުމީހާ ޕަޓޭލްގެ ގޭގައި އެތަނުގެ މަޝްހޫރު '' ހޯލީ'' ފާހަގަކުރުމަށް ޕާޓީއެއް ބޭއްވުމަށް ރޭވިފައިވާ ދުވަހެކެވެ. އެދުވަހު ކަމަކަށް އޮންނާނީ ކުލަޖެހުމާއި މަޖާކުރުމެވެ. އެދުވަހާ ދިމާކޮށް މާޔާގެ ވާހަކަ، ޕަޓޭލް ކިތަންމެ ބަޔަކު ގާތު ދައްކާފައިވާކަން މާޔާއަށް އެނގެއެވެ. ވަރަށް ރީތި ޒުވާން އަންހެން ކުއްޖަކު ގޭގައި އިން ވާހަކައެވެ. އަގު އޮޅުން ފިލުވުމަށް ކިތަންމެ ބަޔަކު ޕަޓޭލާ ވާހަކަދެއްކި އަޑު މާޔާއަށް އިވުނެވެ.

މާޔާއަށް މޮޅު ޚިޔާލެއް އައެވެ. އެރޭ ޕާޓީ ފެށުމުގެ ކުރިން އެތަނުން ފިލައިގެން ރައްކާވުމެގެ ޚިޔާލެވެ. އޭރު އެގޭގައި ޕަޓޭލް އޭނާގެ އެކުވެރިންނާއެކު ބަނގުރާ ބޮނީއެވެ. ރަނގަޅަށް އެމީހުން މަސްތުވުމުން، ދަނޑިވަޅުބަލައި ބަހައްޓާ، މާޔާ ފާރުމަތިން ފުންމާލައިގެން، އެގެއިން ނިކުމެގެން ދުއްވައިގަތެވެ. އެގޭގެ ދޮރުވާނުނަށް ތިބޭ ދެމީހުންވެސް މާޔާގެ ފަހަތުން ދުވަންފެށިއެވެ.

ދުނިޔޭގެ އެހެން ހުރިހާ ފިކުރެއް ދޫކޮށްލާފައި މާޔާ ދުވަމުންދިޔައެވެ. ދެވުނު ދިމާއަކަށެވެ. ވަކި މިސްރާބެއް ނެތިއެވެ. އޭނާ ވަރުބަލި ވަންދެން މަގުމަތީގައި ދުވަމުންދިޔައެވެ. ޚަބަރު ހުސްވެގެން ވެއްޓުނީ ގުޖަރާތުގެ ''ޕޮލިސް ހެޑްކުއާޓަރ''ގެ ގޭޓުން ވަދެވުނު ތަނާއެވެ.

މާޔާއަށް ހޭވެރިކަންވީ ބަޔަކު އޭނާ ނަގައިގެން މޫނަށް ފެންވިއްސަން ފެށުމުންނެވެ. އެންމެ ފުރަތަމަ ވެސް ދެލޯ ބޮޑުކޮށްފައި ހާސްކަމާއެކު ބަލައިލެވުނީ ޕަޓޭލްގެ މީހުންނަށް އޭނާ ފެނުނީ ކަމަށް ހީކޮށެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެމީހުން ލާފައިވާ ސިފައިންގެ ޔުނިފޯރމް ފެނުމުންނެވެ.

މާޔާ ހުރިހާ ވާހަކައެއް ފުލުހުންނަށް ކިޔައިދިނެވެ. މާޔާއަށް އިންސާފު ލިބުމުގެ ވަގުތު އައިސް ޖެހުނީއެވެ.

ތަޙުޤީޤުގެ މަރުޙަލާ ނިމިއްޖެއެވެ. މިހުރިހާ ދުވަހަކު މާޔާ އަޅުވެތިކޮށްގެން ގެންގުޅުނު މީހުން މިއަދު އެވަނީ ޖަލުގެތޭރިތަކުގެ ބިއްދޮށުގައެވެ. މިހާރު މާޔާ ފޮށިތަންމަތި ބަންނަމުން އެ ދަނީ އެމްބަސީގެ އެހީއާއެކު، ފުލުހުންގެ ޙިމާޔަތުގައި، އޭނާގެ އުފަން ރާއްޖެއަށް އެނބުރި ދިއުމަށެވެ. މިނިވަންކަމާއި ހިތްފަސޭހަ ކަމުގެ ގޮވައްޗަށެވެ. އުފާވެރި މުސްތަޤުބަލަކަށް ހަނާއަޅަމުންނެވެ.

އަޅުވެތިކަމާއި، އަނިޔާވެރިކަމުގެ ވަކިތަކުން މާޔާ މިނިވަންވިއެއްކަމަކު، އޭނާއަކަށް ކިޔަވައިގެން ހުރި މޮޅު ކުއްޖަކަށް ނުވެވުނެވެ. އެއީ މާޔާ އެންމެ ކުޑަ އިރުއްސުރެވެސް ކުރަމުން އައި އުއްމީދެވެ. ދެކެމުން އައި ހުވަފެނެވެ. އެ ދުވަހަކަށްޓަކައި އިންތިޒާރު ކުރަމުން އައި ދުވަހެވެ. އެހެނަސް، މާޔާގެ ތަޤުދީރުގައި އެ ނަސީބު ނެތީބާއޭ އޭނާގެ ހިތަށް އެރި ނަމަވެސް، މިއަދު ވެސް ކިޔަވައިގެން މޮޅު ކުއްޖަކަށްވުމުގެ އުންމީދު މާޔާގެ ހިތުގައި ވެއެވެ. ކިލާވެ ހަފުސްވެފައި ވީ ނަމަ ވިޔަސް ވެހެވެ. ވެއްޔާއި ހިރަފުހާއި މޮޑެވިފައިވީ ނަމަ ވިޔަސް ވެހެވެ.

ނިމުނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް