އެނދުމަތީ އިށީދެނގެން އިރުކޮޅަކު އިނުމަށްފަހު، ޒައިދާން އަށް ގުޅާ ލަން އަހަރެން ބޭނުންވިއެވެ. އެހެނަސް އެ ދަންވަރު ޒައިދާން ހޭލައްވާލަން ބޭނުންނުވާތީ، އަހަރެން ނުގުޅަން ނިންމީމެވެ. އާދައިގެމަތިން އަހަރެންގެ ނިދި އެއްކޮށް ފިލިއެވެ. އަލިވިލެންދެން އަހަރެން އެހެންއިނުމަށް ފަހު ނިދިޖެހުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ ލީޝާގެ މަންމަ، އަހަރެންގެ ދޮރުގައި ޓަކިޖަހާ ސައިބޯން ގޮވުމުންނެވެ.
+++++++++++++
އަހަރެން އެނބުރި އަންނާނަން! ... (5 ވަނަ ބައި)
އޭގެ އަނެއްދުވަހު އަހަރެން ވަޒީފާއިން ވަކިވާ ވާހަކަ، ކަޑައިގާ ބުނުމަށްފަހު، ޒައިދާންއަށް އެންގީމެވެ. އަދި އަހަރެން އެކައިވެންޏަށް ތައްޔާރުވާހަކަ އާއި، ޒައިދާންއާއެކު ރާއްޖެދޫކޮށް ދިޔުމަށް ނިންމިކަމުގައިވެސް ބުނީމެވެ. ޒައިދާން އަހަރެންގެ ނިންމުމާމެދު ވަރަށް އުފާވިއެވެ.
+++++++++++++++++++
އަހަރެން މިއަދު ހާދަ އުފާވެއްޖޭ.." އާދައިގެ މަތިން އަހަރުމެން ބުރެއް ޖަހާލަން ގޮސް ހުޅުމާލޭގެ ހިތްފަސޭހަ ގޮޑުދޮށުގައި އިށީނދެލައިގެން އިނދެ ޒައިދާން އޭނާގެ އުފާވެރިކަން ހާމަކޮށްލިއެވެ.
"އެކީއްވެޔޯލަ؟.." އަހަރެން ޒައިދާންގެ މޫނަށް ބަލާލުމަށްފަހު ލާނެއްގޮތަކަށް ބުނީމެވެ.
"އެއީ.. އެއީ....އަހަރެންގެ ލޯބި ލޯބި އިފާ އަހަރެންނަށް އެއްކޮށް ލިބެން ކައިރިވާތީ!..ދެން އިފާ ވާނީ އަހަރެންގެ މިލްކަކަށް..! ހަމައެކަނި އަހަރެންގެ މީހަކަށް! މިހެން ބުނުމަށްފަހު ޒައިދާން އަހަރެންގެ އުނަގަނޑުގައި ހިފާ ގާތްކޮށްލިއެވެ.
އަހަރެންނަށް އެވަގުތު އާދަޔާ ޚިލާފު އުފާވެރިކަމެއް އިޙްޞާޞް ކުރެވުނެވެ. ހިތުގެ ހިނގުން އަވަސްވެ، މޭގެ ތެޅުން ކުޑަކޮށް އަވަސް ވިހެން ހީވިއެވެ. އަހަރެންނަށް ވެސް ބޭއިޙްތިޔާރުގައި ޒައިދާންގަޔާލާ ކައިރިކޮށްލެވުނެވެ. ޒައިދާން އަހަރެންގެ ލޮލަށް ބަލާލިއެވެ. އިރުކޮޅަކު އަހަރެންނަށްވެސް އެ ލޮލަށް ބަލަހައްޓައިގެން އިނދެވުނެވެ. ޒައިދާން އަހަރެންގެ މޫނުގައި މަޑުމަޑުން ހިފަހައްޓާލުމަށްފަހު އޭނާގެ މޫނާއި ކައިރިކޮށްލިއެވެ. އެ ހަމަހިމޭން، ހިތްގައިމު ވަގުތުކޮޅުގެ ތެރެއަށް އަހަރެމެން ދެމީހުން ގެނބިގެން ދިޔައެވެ.
++++++++++++++++++++
ކައިވެނީގެ ކަންކަން ކުރިއަށް ދާން ފަށައިފިއެވެ. އަހަރެންވެސް ކަޑައިން ކެނޑިގެން ޒަވާޖީ ޙަޔާތް ފެށުމަށް ނަފްސާނީ ގޮތުން ތައްޔާރުވާން ފަށައިފީމެވެ. އެހާ ކުއްލި ގޮތަކަށް ކައިވެނި ކުރަން ނިންމަންޖެހުމުން އަހަރެންނަށް އަދިވެސް ބައެއްފަހަރު ދެފިކުރުމަތީ ހުރެވޭތަން އާދެއެވެ. އެއްކޮޅުން ޒައިދާންއާއި ކައިވެނި ކުރެވޭތީ، އަހަރެން ވަރަށް އުފާވެއެވެ. އަނެއްކޮޅުން މަންމަމެން ޤަބޫލު ވާނެބާއޭ އަހަރެންގެ ހިތަށް އަރާކޮންމެ ފަހަރަކު އަހަރެންގެ ހިތް ނުތަނަވަސް ވެއެވެ. ބައްޕަ ވަލީ ދޭނެ ބާއޭވެސް ހިތަށް އަރައެވެ. މިކަންތަކާއި ކަންބޮޑުވާތީ، އެ ކަންކަން ޒައިދާންގެ ބައްޕަ ހަމަޖައްސާނެ ކަމަށް ޒައިދާން ބުނަމުން ދެއެވެ.
++++++++++++++++++++
"މަންމާ..! މީ އިފާ!..." ޒައިދާންމެންގެ ގޭގައި ޒައިދާން އޭނާގެ މަންމައަށް އަހަރެން ތަޢާރަފްކޮށްދިނެވެ.
ޒައިދާންގެ މަންމަ އަހަރެންގެ މޫނަށް ބަލާލާފައި ހިނިތުންވެލިއެވެ. އަހަރެންވެސް ބަދަލުގައި ހިނިތުންވެލީމެވެ.
"އިފާ ކިހިނެއް؟!..." ޒައިދާން މަންމަ މަޑުމައިތިރިކަމާއެކު އަހާލިއެވެ.
"ރަނގަޅު!.." ކުޑަކޮށް ލަދުން އިނދެ އަހަރެން މަޑުމަޑުން ބުނެލީމެވެ.
"ޒައިދާން ބައްޕަވެސް ރާއްޖޭގައި ނެތް ވަގުތަކާއި މި ދިމާވީ، މިފަހަރު ތަންކޮޅެއް ގިނަ ދުވަސް ވާނެވާހަކަ ބުނި.." ޒައިދާންގެ މަންމަ ސިޓިންރޫމް މޭޒުމަތީ ފިނި އޮރެންޖް ޖޫހެއް ބަހައްޓަލަމުން ބުންޏެވެ.
"މަންމަ ދެން އިފާ އައިމަ މަގޭ އަލަނާސިފަނި މަތިންވެސް ހަނދާނެއް ނެތެންނު!" ޒައިދާން އަހަރެންގެ މޫނަށް ލާނެތް ފާޑަކަށް ބަލާލުމަށް ފަހު މަންމައާއި މުޙާތަބްކޮށް ބުންޏެވެ.
"އެއްކަލަ އަލަނާސި ފަނީގެ ރަސްގެފާނު!.. އާނ... މަޑުކުރޭ..މި ގެންނަނީއޭ! ޒައިދާންގެ މަންމަ ހެމުން ހެމުން ބުންޏެވެ.
ފަންސާހުގެ ކުރީކޮޅު ގުނަމުން ދާ އެ އަންހެންމީހާއަކީ ހާދަ ހިތްހެޔޮ، މަޖާ، މިޒާޖެއްގެ މީހެކޭ އަހަރެން ހިތަށް އެރިއެވެ. ޒައިދާން މަންމަ ޒައިދާންދެކެ ހާދަލޯބިވެއެވެ. އަހަރެންގެ މަންމަވެސް އަހަރެންނަށް އެހާ އޯގާތެރި ނަމައޭ އަހަރެން ހިތަށް އެރިއެވެ.
"އޭތް!.. ކޯއްޗެއްތަ ތި ވިސްނަނީ؟.." ޒައިދާން މަންމަ ބަދިގެއަށް ދިޔަ ދަނޑިވަޅުބަލާފައި އަހަރެންގެ ކޮލުގައި ކޮށްޓާލަމުން ޒައިދާން ބުންޏެވެ.
"އެއްޗެއް ނޫން!" މަޑުމަޑުން އަހަރެން ބުނީމެވެ.
އަހަރެންގެ ހިތަށް އަރާ އެއްޗެހި ޒައިދާންއަށް އެނގޭހެންވެސް އެއްބައިފަހަރު އަހަރެންނަށް ހީވާހަކަލައެވެ. ކަމަކާއި، ދެރަވެފައި އިނަސް އެނގެއެވެ. މަޑުމަޑުން އިނދެއްޖެއްޔާ ކޮންމެވެސް ލާނެއް އެއްޗެކޭ ބުނެ ސަމާސާކޮށްލާ ހެއްވާލައެވެ. ޒައިދާންގެ މި ސިފައިގެ ސަބަބުން އަހަރެންނަށް އަދި މާބޮޑަށް ޒައިދާން ކަމުދެއެވެ.
ޒައިދާން މަންމަ އަލަނާސި ފަނި ތަށިހިފައިގެން އައިސް މޭޒުމަތީ ބެހެއްޓުމަށްފަހު އަހަރެންނާއި ޖެހިގެން އެއްފަރާތުގައި އިށީދެލިއެވެ. އަދި އަހަރެންގެ އާއިލާގެ ބައެއް މަޢުލޫމާތު އިތުރަށް އޮޅުން ފިލުވާހެދިއެވެ. އަހަރެންވެސް ކޮންމެވެސް ވަރަކަށް ޒައިދާންގެ މަންމައާއި ވާހަކަ ދެއްކީމެވެ. ޒައިދާންވެސް ފަނިތަށިބޮމުން އަހަރުމެންގެ ވާހަކަތައް އަޑުއަހާ، ބައެއް ވާހަކައިގައި ބައިވެރިވަމުން ދިޔައެވެ.
ޒައިދާންގެ މަންމަގެ ވާހަކަ ތަކުން އަހަރެމެންގެ ކައިވެނި ޕާޓީ، އެ އާއިލާއިން ބާއްވަން ބޭނުންވާ ކަމާއި، ޕާޓީގެ ހުރިހާ ޚަރަދެއްކުރާނީ އެ އާއިލާއިން ކަމާއި، އެއީ ޒައިދާންގެ ބައްޕަގެ އެދުން ކަމުގައި ވެސް އަހަރެންނަށް ދޭހަވިއެވެ. އަހަރެން އެކަމާ ދެކޮޅެއް ނުހަދަމެވެ. އެހެނަސް އަހަރެންގެ އާއިލާގެ މީހަކު އެޕާޓީއަށް އަންނާނެ ކަމުގެ އުއްމީދެއް ނެތުމުން އަހަރެންގެ ހިތަށް މާޔޫސްކަން ވެރިވެގެން ދިޔައެވެ.
+++++++++++++++++++++++
(އޭގެ ހަފްތާއެއްފަސް)
ކައިވެނީގެ ރަން ކިޔާ، ކައިވެނީގެ ކަންކަން ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ދިޔައެވެ. ޒައިދާން ބައްޕަ ބޭނުންވަނީ ވެސް ދަރުބާރުގޭގައި ކައިވެނީ ޕާޓީ ބާއްވާށެވެ. ޙަޤީޤަތުގައި އަހަރެން އެހާ ބޮޑު ޕާޓީއެއް ބާއްވާ ހިތެއްވެސް ނެތެވެ. އެހެނަސް އެކަމާ ދެކޮޅު ހެދެން ނެތުމުން އަޅާނުލާ ހުރީއެވެ.
އަހަރެންގެ ކައިވެންޏާއިބެހޭ މަޢުލޫމާތު ލީޝާއަށާއި ހުވޭއަށްވެސް ދިނީމެވެ. އެމީހުން އެކަމާއި ވަރަށް އުފާވިއެވެ. ލީޝާގެ މައިންބަފައިންވެސް ތިބީ ވަރަށް އުފަލުންނެވެ. ލީޝާގެ މައިންބަފައިންނަކީ އަހަރެންގެ އުފަން މައިން ބަފައިންނަށްވުރެވެސް އަހަރެންނަށް އޯގާތެރި ބައެކެވެ. އެމީހުންގެ އޯގާވެރިކަން ދުވަހަކުވެސް އަހަރެން ހަނދާން ނުނެތޭނެއެވެ.
++++++++++++++++++++++
"އިފާ.. ދުވަސްކޮޅަކަށް ދޮންބެ ގެއަށް ބަދަލު ކުރަނީއޯ މަންމަ ބުނެފި، އިފާ އަހަރެން ރޫމަށް ޝިފްޓް ވެލާނީ ދޯ..؟!" ލީޝާ އަހަރެންގެ ކޮޓަރި ދޮރުމަތީގައި ހުއްޓިހުރެ ކަންބޮޑުވެފައި ބުންޏެވެ.
"އާން.. އޯކޭ.. ލީޝާ އަށް އުނދަގޫ ނުވަންޏާ އޯކޭ..! އެހެން ނޫނަސް ދެން ނެތެންނު މާގިނަދުވަހެއް މިކޮޅަކު!.. " އަހަރެން އަމިއްލައަށް ހިތްހަމަ ޖައްސާލުމުގެ ގޮތުން ބުނެލީމެވެ.
ކައިވެނީގެ ކަންތަކުގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ގިނަ ވަގުތު ބޭރުގައި އުޅުމަށްފަހު އަހަރެން ގެއަށް ދިޔަދުވަހެކެވެ. ޒައިދާން ދުއްވާލަން ދާން އަހަރެން ބަލާ އަންނާނަމޭ ބުނުމުން ތައްޔާރުވެލުމަށެވެ.
ގޭގައި މީހަކު އުޅޭ ހެނެއް ހިޔެއް ނުވެއެވެ. ލީޝާވެސް ފެންނާކަށް ނެތެވެ. އަހަރެން އަވަހަށް ފެންވަރައިލައިގެން ނިކުމެ ރީތިވާން ހުރީމެވެ. ބެލްކަނީގައި އިން ބޫޓް ހިފައިގެން އައިސް ކޮޓަރިއަށް ވަދެ އަލުން ލޯގަނޑު ކައިރިއަށް ހުއްޓިލީމެވެ.
ކުއްލިއަކަށް ލޯގަނޑުން ފެނުނީ ލަހްފާން އަހަރެންގެ ފަހަތުގައި ހުއްޓައެވެ. އަހަރެން ސިހިފައި ފަހަތަށް އެނބުރިލީމެވެ. ލަހްފާން ގެއަށް ބަދަލުވީ އިރެށް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ވާހަކަ ދައްކާ ނޫޅޭ އިރުވެސް އަހަރެންހުރި ކޮޓަރިއަށް ލަޚްފާން ވަނީ ކީއްވެބާއޭ އަހަރެންހިތަށް އެރިއެވެ. އެހާ ކައިރީ ލަޙްފާން ހުރުމުން އަހަރެން ކުޑަކޮށް ބިރުވެސް ގަތެވެ.
"ހާދަ ރީއްޗޭ!" މިހެން ބުނުމަށްފަހު ލަޙްފާން އަހަރެންގެ އިސްތަށިގަނޑުގައި އަތްލިއެވެ. އަހަރެން އެއްޗެކޭ ނުބުނެ ކޮޓަރިން ނިކުންނަށް ހިނގައިގަތްވަގުތު އަހަރެންގެ އަތުގައި ހިފާފައި ކުއްލިއަކަށް ދަމައިގަނެ ފާރުގައި ލައްކޮށްލާފައި އަހަރެންގެ އަނގައާއި ދިމާލަށް ލަޙްފާންގެ އަނގަ ގެނައެވެ. މިކަން ހިނގީ ކުޑަސިކުންތުކޮޅެއްގެތެރޭގައެވެ. އިންތިހާއަށް އަހަރެންބިރުގަތެވެ. ހަޅޭލަވާގަންނަންވެސް ބޭނުންވިއެވެ. ގަނެފަހުރި ބިރުން އަޑެއްވެސް ނުނިކުތެވެ.
އަހަރެން ވަރަށް ބާރަށް ލަޙްފާން ގައިގައި އަޅާކޮއްޕާލީމެވެ. އަހަރެންގެ ފޯނު އެވަގުތު ރިންގް ވާން ފެށިއެވެ. ފޯނު އޮތީ ޑްރެސިންގ ޓޭބަލްމަތީއެވެ. އަނެއްކާވެސް ލަހްފާން އަހަރެން ގައިގައި ގަދަކަމުން އޮޅުލައިގަތެވެ. ލަޙްފާން ހުރީ ހަމައޭގައި ނޫންހެން އަހަރެންނަށް ހީވިއެވެ. ދެލޯވެސް ހުރީ ރަތްވެފައެވެ. ފާޑެއްގެ ވަހެއްވެސް ލަޙްފާން ގައިން ދުވާހެން އަހަރެންނަށް ހީވިއެވެ.
ފޯނު އަނެއްކާވެސް ރިންގ ވާން ފެށިއެވެ. ލަޙްފާން ކައިރިން ސަލާމަތް ވެގެން އަހަރެން ފޯނާއި ހަމައަށް ނުދެވެނީސް އަނެއްކާވެސް ފޯނު ކެނޑިއްޖެއެވެ. ގުޅަނީ ޒައިދާން ކަން އަހަރެންނަށް އެނގެއެވެ. އިންތިހާއަށް ލަޙްފާންދެކެ ރުޅިއައިސް އަނެއްފަހަރު އަހަރެން ލަޙްފާން ކޮށްޕާލާފައި ކޮޓަރިން ނިކުމެވޭތޯ މަސައްކަތް ކުރީމެވެ. ލަޙްފާން އަހަރެންނަށް ވުރެ ބާރުގަދަކަމުން އަހަރެންނަށް ލަޙްފާންގެ އަތުތެރެއިން ސަލާމަތް ވާކަށް ފަސޭހައެއް ނުވިއެވެ. (ނުނިމޭ)
+++++++++++++++++++++
އެޑިޓަރުގެ ނޯޓް: މި ވާހަކައިގެ އާބައެއް ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެއްގައި ގެނެސްދެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް