"މިރޭ ހާދަ ލޯތްބޭ.." ސީދާ އަހަރެންގެ މޫނަށް ނަޒަރުހުއްޓާލައިގެން އިނދެ ޒައިދާން ބުންޏެވެ.
" ހޫން...ތީ ތަ ތި ދައްކަން ތިއައި ވާހަކައަކީ..؟" އަހަރެން ރަކި ނުވާކަމަށް ހެދެމުން ބުނީމެވެ.
"މީވެސް އޭގެ ބައެއް!؟.." ޒައިދާން ލާނެއް ގޮތަކަށް ބުންޏެވެ.
"ދެން ސަކަރާތް ނުގަނެ ބުނެބަލަ! އަހަރެން ޒައިދާން އަތުގައި ހިފާލަމުން ބުނީމެވެ.
++++++++++++++++++++++++
އަހަރެން އެނބުރި އަންނާނަން! ... (4 ވަނަ ބައި)
"ބުނަން މިއުޅޭ ވާހަކަ އަކީ.. އަހަރެން ވަރަށް އަވަހަށް އިފާ އާއި ކައިވެނި ކުރަންބޭނުންވާހަކަ.." ޒައިދާން ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
" އެހެންތަ؟... " އަހަރެން ކުޑަކޮށް ހައިރާންވެ އިނދެ ބުނެލީމެވެ.
"ކީއްވެ ހައިރާންވީ؟... " ޒައިދާން އަށް އެނގިގެން ބުންޏެވެ.
"ނޫން.. ވަކި އެހެނެއް ނޫން..؟... އެހާ އަވަހަށް ކައިވެންޏަކާއި ހަމައަށް ދާނީ ކިހިނެއްބާއޭ މިހިތަށް އަރަނީ..؟ އަދި ތައްޔާރުވެސް ވާންޖެހޭނެއްނު...؟" އަހަރެންގެ ހިތުގައި އުފެދުނު ސުވާލުތައް ހާމަކުރީމެވެ.
" އަވަސްތަ..؟ ތައްޔާރު އޮންނާނީ ވެވިފައޭ..ބައްޕަ ކައިރީ ބުނެލާއިރަށް..! އިފާ ހަމަ އެއްބަސް ވާ އިރަށް ބައްޕައާއި ވާހަކަ ދައްކާނަން!" ޒައިދާން ބުންޏެވެ.
" އެކަމު އަދި އަހަރެން ކިޔަވަންވެސް ބޭނުން... އަމިއްލަ ފައިމައްޗަށްވެސް ތެދުވަން ބޭނުން..!" އަހަރެން ކުޑަކޮށް ޖެހިލުންވެ އިނދެ ބުނީމެވެ.
"އާން.. އިފާ އަށް ކިޔަވައިދޭން އަހަރެންވެސް ބޭނުމޭ... އިފާއާއި 'މެރީކޮށެގެން' މެލޭޝިޔާއަށް ދިރިއުޅުން ބަދަލުކުރަން ބޭނުމީ... އަހަރެންވެސް މާސްޓަސް ހަދާނީ ގޮސް.. އޭރުން އިފާ އަށްވެސް ކިޔެވޭނެއެންނު!.. ކިޔަވާ ނިންމާލާފައި 'ކިޑެއް' ހޯދާނީ..! އެގޮތް ކިހިނެތްވާނީ..؟! ޒައިދާން އަހަރުމެންގެ ދިރިއުޅުން ރާވާލާފައިވާ ގޮތް އަހަރެންނަށް ކިޔާލަދިނެވެ.
"އަހަރެންނަށް ކުޑަ ވަގުތުކޮޅެއް ބޭނުން ވިސްނާލަން.. އަދި މަންމައާއި ބައްޕަ ކައިރީވެސް ވާހަކަ ދައްކާލަން ޖެހޭނެއެންނު..!" އަހަރެން ކުޑަކޮށް ކަންބޮޑުވެ އިނދެ ބުނީމެވެ.
"އާން.. އިފާ އެންމެންނާއި ވާހަކަ ދައްކާފައި ނިންމާ ގޮތެއް ބުނެލަދީ... އޭރުން ޒައިދާން ބައްޕައާއި ވާހަކަ ދަންކާނަން.. !" ޒައިދާން ބުނެލިއެވެ.
+++++++++++++++++++
ޒައިދާން ދެއްކި ވާހަކަތަކާއި ދޭތެރޭ އަހަރެން ވަރަށް ފުންކޮށް ވިސްނީމެވެ. ލީޝާއާއި ހުވޭ އާވެސް މަޝްވަރާ ކުރީމެވެ. އެމީހުންވެސް ބުނީ އަހަރެން ބޭނުންނަމަ އެގޮތަށް ނިންމަންވީ ކަމުގައެވެ. ރާއްޖޭއިން ބޭރުގައި ދިރިއުޅުމަކީ އަހަރެން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެކެވެ. އަނެއްކޮޅުން ލީޝާމެން ގޭގައިވެސް އަބަދަކު ނުހުރެވޭނެކަން އަހަރެން ހަނދާންހުރެއެވެ. މަންމަމެން ކައިރިއަށް އަނބުރާ ރަށަށް ދިޔުމަކީވެސް އަހަރެން އެންމެ ބޭނުންވާ ގޮތެއް ނޫނެވެ. ޚާއްސަކޮށް މިދިމާވި ކަންތައްގަނޑާހުރެއެވެ. މިހާދުވަސް ވީއިރު މަންމަ ގުޅާވެސް ނުލާނީ، ޔަޤީނުންވެސް ތުއްތަ ދެއްކި ވާހަކަ މަންމަ ޤަބޫލުކުރީމަތާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެންނަށް ވެސް މަންމައަށް ގުޅަން ނުކެރިފައި ހުރީ އެހެން ހިތަށް އަރާފައެވެ.
ޒައިދާން އާއި ކައިވެނިކޮށްގެން ރާއްޖެ ދޫކޮށް ދިޔުން މީ ރަނގަޅު ގޮތެއް ކަމުގައި އަހަރެންނަށްވެސް ވިސްނުނެވެ. އެއީ އަހަރެން މިހުރިހާ ބޯ ހާސްވުންތަކަކުން ސަލާމަތްވުމަށެވެ. ހުރިހާ ގޮތަކުން ބެލިޔަސް އެއީ އަހަރެންނަށް މިވަގުތަށް އެންމެ ރަނގަޅުގޮތް ކަމުގައި އަހަރެންނަށް ވިސްނުނެވެ. މުއްސަނދި، އަރާމު ދިރިއުޅުމެއްގައިއުޅެ، ކިޔެވި، ބޯހާސްކަންފިލާނެކަމަށް ޔަޤީންވާތީއެވެ. އަނެއްކޮޅުން އަހަރެން ޒައިދާން ދެކެ އެހާލޯބިވެއެވެ. ޒައިދާންވެސް އަހަރެން ދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަރެންނަށް އެހާ އޯގާތެރިއެވެ.
އިތުރަށް އަހަރެން ވިސްނަމުން ގޮތެއް ނިންމުމަށް މަސައްކަތްކުރަމުން ދިޔައީމެވެ. ޒައިދާން އާއެކު ފުރަން ޔަޤީން ވާ ހިސާބުން މަންމައާއި ވާހަކަ ދައްކަން ވިސްނީމެވެ.
++++++++++++++++++++++
(އޭގެ ދެދުވަސް ފަސް...)
"މަންމާ...! " އަހަރެން ފޯނުން މަންމައަށް ގޮވާލީމެވެ.
"ކީއްކުރަން މަށަށް ތިޔަ ގުޅީ؟... ކުރާނެ ހާ ނުބައި ކަމެއްކޮށްފައި!؟... މަ ހިތަކަށް ނާރާ އިފާ ތީ ތިހާ ގޮތްކުޑަ މީހެކޭ؟!... މަންމަގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ.
އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
"މަށަކަށް ގުޅާނެ ކަމެއްނެތް؟ ތެޅޭނެ ތާކުތެޅޭ...! މިހެން ބުނުމަށްފަހު ވަރަށް ބާރަށް އަހަރެންގެ ކަންފަތްމައްޗަށް ފޯނު ބޭއްވިއެވެ.
އަހަރެންނަށްނަށް އެ ހުރިގޮތަށް ހުއްޓި ހުރެވުނެވެ. ލޮލުން ފޭބި ހޫނު ކަރުނަ، އަހަރެންގެ ކޯތާފަތްމައްޗަށް ފަހަރަކު ތިއްކަކުން ޖަހަމުން ދިޔައެވެ. އަހަރެން ޙަޤީޤަތުގައިވެސް ވަރަށް ދެރިވިއެވެ. އަދި ރުޅިވެސް އައެވެ. ތުއްތަ އާއި މަންމަ ދެކެއެވެ. ތުއްތަވެސް އަހަރެން ވާހަކަ ދައްކާކަށް ފުރުޞަތެއް ނުދިނެވެ. މަންމަވެސް ހަމައެހެދީ އެހެންނެވެ. އަހަރެން ދެކެ ރުޅިއައިސްފިނަމަ އަބަދުވެސް މަންމަ ކަންތައްކުރާނީ އެހެންނެވެ. މަންމަ އަހަރެންނާއި ތުއްތަ ތަފާތުކުރެއެވެ. ތުއްތަ އަހަރެންނަށްވުރެ ދޮންވާނެއެވެ. އަހަރެން ތުއްތައްއަށް ވުރެ ކުޑަތަންކޮޅެއް ކަޅުވީމަ އަބަދުވެސް އަހަރެން މީ ގޮނޑުން ހޮވި ކުއްޖެކޭ މަންމަވެސް، ތުއްތަވަސް ކުޑައިރު ކިޔާނެއެވެ. މަންމަ އަހަރެންނަށް ކޮންމެ ގޮތެއް ހެދިޔަސް ބައްޕަ ދެނަހުރިކަމަކަށް ނުހަދާނައެވެ. ބައްޕަ އަކީ އެހެންނޫނަސް އަހަރެންނާ މާ ވާހަކަ ދައްކާ އުޅޭ މީހެއް ނޫނިއްޔާއެވެ.
(ގަޑިން ދަންވަރު ދެގަޑި ބައި...)
"އަގް...އަގް... އާ.......އާ...." އަހަރެންގެ އަޑު ނިކުމޭތޯ ބާރަށް ކުކުރުމާއެކު މަސައްކަތްކުރީމެވެ. އަހަރެންގެ މޭމަތީ ބާރަށް މީހަކު އަތްއަޅާ އޮބާހެން ހީވިއެވެ. ހަޅޭލަވަން އުޅެ އުޅެ އަޑެއް ނުނިކުތެވެ. ސިއްސައިގެން ގޮސް އަހަރެންނަށް ހޭލެވުނެވެ. އިރުކޮޅަކު މާނެވާ ލެވި ލެވި އޮތުމަށް ފަހު އަހަރެން ހިތްވަރުކޮށްފައި ތެދުވެ އިށީނީމެވެ. އަހަރެންގެ މޭގަނޑު ބާރަށް ތެޅެއެވެ. އަހަރެން އިނީ ދާހިތްލާ ފޯވެފައެވެ.
ކޮޓަރިއަށް ވެރިވެފައިވާ އަނދިރިކަމުން އަހަރެން އަދި އިތުރަށް ބިރުގަތެވެ. ކޮޓަރި އެއްކޮށް އަނދިރިވާންވީ ކީއްވެބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން މީ ކޮޓަރި އެއްކޮށް ނިއްވައިގެން ނިދާ މީހެއް ނޫނިއްޔާއެވެ. ގަތްބިރުން ގުޑިލަންވެސް ނޭނގި އިރުކޮޅަކު އަހަރެންނަށް އިނދެވުނެވެ. އެހެން އިނުމަށްފަހު ފޯނުން ކޮޓަރިއަށް އަލިކޮށްލަން ހަނދާންވިއެވެ. ފޯނުން ކޮޓަރިއަށް އަލިކޮށްލުމުން، ކުއްލިއަކަށް ފާރުގައި އިން ގަޑިއަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. މެންދަމުގެ ވަގުތުކަން އަހަރެންނަށް ރެއަކާލީދެނެވެ.
ވަށައިގެން ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއިރު، އިޙްސާސްވީ އެއީ އަހަރެންނަށް ފެނުނު ހުވަފެނެއް ކަމެވެ. އާނއެކެވެ. އެއީ އަހަރެންނަށް ވަރަށް ގިނައިން ފެންނަ ހުވަފެނެކެވެ. ކޮޓަރި ތެރޭ މީހަކު އުޅޭ ހެންވެސް ހީވިއެވެ. އެކަމަކު އިތުރަށް އެ ކޮޓަރީގައި އެގަޑީ އަހަރެން ނޫން މީހަކު ނޯންނާނެކަން އަހަރެންނަށް ޔަޤީންވީ އިރުކޮޅެއްފަހުންނެވެ.
ކުޑައިރުކޮޅަކު އެހެން އިނުމަށްފަހު ޒައިދާންއަށް ގުޅާލަން ފޯނުން ވައިބަރއަށް ވަތްއިރު، ލީޝާގެ މެސެޖެއް އަހަރެންނަށް ފެނުނެވެ.
"އިފާ .. ގޭގައި ކަރަންޓެއްނެތް އިނގޭ.. ކަރަންޓްފޮށީގައި ކުޑަޝޯޓެއް އުޅޭތީ، އެކަންރަނގަޅުކޮށްލާ އެބަ ބައްޕަ!.. އިފާ އަށް ހޭލެވިދާނެތީ މިއަންގާލީ.."
އަހަރެންނަށް ނިދާ ހޭލެވޭ ގަޑީ ކޮޓަރި އެއްކޮށް އަނދިރިވެފައި ހުރިނަމަ އަހަރެން ގަންނާނެ ބިރު އެންމެ ބޮޑަށް އެނގޭނީ ލީޝާއަށެވެ. އަހަރެން ވާނީ މިފަދަ ބައެއް ޚާދިސާއާއި އާދައިގެ މަތިން މިފެންނަ ބިރުވެރި ހުވަފެނުގެ ވާހަކަވެސް ލީޝާ އަށް ކިޔައިދީފައެވެ. ވުމާއެކު ލީޝާ އެ މެސެޖުކުރާނީ، އަހަރެންނާއި މެދު ކަންބޮޑުވެގެންކަންވެސް އަހަރެންނަށް އެނގުނެވެ. އަހަރެން ނިދި އިރު ގޭގައި ކަރަންޓުހުރިކަންވެސް ލީޝާއަށް އެނގޭނެއެވެ.
އެނދުމަތީ އިށީދެނގެން އިރުކޮޅަކު އިނުމަށްފަހު، ޒައިދާން އަށް ގުޅާލަން އަހަރެން ބޭނުންވިއެވެ. އެހެނަސް، އެ ދަންވަރު ޒައިދާން ހޭލައްވާލަން ބޭނުންނުވާތީ، އަހަރެން ނުގުޅަން ނިންމީމެވެ. އާދައިގެމަތިން އަހަރެންގެ ނިދި އެއްކޮން ފިލިއެވެ. އަލިވިލެންދެން އަހަރެން އެހެންއިނުމަށް ފަހު ނިދިޖެހުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ ލީޝާގެ މަންމަ، އަހަރެންގެ ދޮރުގައި ޓަކިޖަހާ ސައިބޯން ގޮވުމުންނެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް