ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ދައްކަވަމުން ގެންދަވާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ އިތުރުން އެ ޕާޓީގެ ބައެއް ވަޒީރުންނާއި އިސްވެރިންނާ ގުޅޭގޮތުން މަހްލޫފް ދައްކަވާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން މަހުލޫފުގެ ވާހަކަތަކުން ސާބިތުވާ ކަމަށެވެ. އެހެންވެ މަހްލޫފްގެ އެ އަމަލު ކުށްވެރިކުރާ ކަމަށް ބަޔާނުގައިވެ އެވެ.
ޕީޕީއެމްގެ ބަޔާނުގައި ވަނީ ކޮންމެ މީހަކު ކޮންމެ ގޮތަށް ވާހަކަދެއްކިޔަސް ރައީސް ޔާމީނަށް ޕީޕީއެމްއާއި އެޕާޓީގެ މެންބަރުންގެ އިތުބާރާއި ތާއީދު ލިބެމުންދާނެކަމަށް ބުނެފަ އެވެ.
"ރައީސް ޔާމީނަށް މި ޕާޓީ އާއި މި ޕާޓީ މެމްބަރުންގެ ފުރިހަމަ އިތުބާރާއި ތާއީދު އަބަދުވެސް ލިބެމުންދާނެ ކަމުގެ ޔަގީންކަން އަރުވަމެެވެ،" ނޫސް ބަޔާނުގައިިވެ އެވެ.
ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި މަހްލޫފް ވަނީ ރައީސް ޔާމީނާއި ސަރުކާރަށް ފާޑުވިދާޅުވާން ފައްޓަވައިފަ އެވެ. އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަަވަހާރަކޮށްލުމާއި ރާއްޖެ ޓީވީގެ އިމާރާތުގައި ރޯކޮށްލުމާއި މަޖިލީހުގެ ބައެއް މެމްބަރުންގެ ސައިކަލްތަކުގައި ރޯކޮށްލުމާއި ކޮރަޕްޝަނާއި ގޭންގްތަކުން ހިންގާ ޖަރީމާތަކާ، ރައީސް ޔާމީނާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާ ގުޅުން އޮތް ކަމަށް މަހްލޫފް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
މަހްލޫފް އެފަދަ ވާހަކަތަކެއް ދެއްކުމުގެ އެންމެ ބޮޑު ބޭނުމަކީ، ޕީޕީއެމުން ބުނިގޮތުގައި، ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތާއި ހޯދައިދޭ ކުރިއެރުންތަކުން ރައީސް ޔާމީނަށާއި ސަރުކާރަށް ލިބެމުންދާ ތާއީދާއި މަގްބޫލްކަން ހަޖަމްނުކުރެވުމެވެ. އަދި އެ ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި އަމިއްލަ ޒާތީ މަންފާތަކެއް ހާސިލްކުރަން ދައްކާ ވާހަކަތަކެއް ކަމަށް ބަޔާނުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް