މޭޑޭގައި ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ގައުމީ ހަރަކާތުން ގޮވާލައިފި

މޭޑޭގައި ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ސެއިން އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަންގެ އަލީ ވަހީދުގެ އިތުރުން އެދުވަހު ގެ މުޒާހަރާގައި ހައްޔަރުކުރި 175 މީހުން މިހާރުން މިހާރަށް ދޫކޮށް...

04 May 2015 | 09:06

މޭޑޭގައި ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ސެއިން އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަންގެ އަލީ ވަހީދުގެ އިތުރުން އެދުވަހު ގެ މުޒާހަރާގައި ހައްޔަރުކުރި 175 މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށް އަދާލަތާއި އެމްޑީޕީ ގުޅިގެން އުފައްދާފައިވާ ގައުމީ ހަރަކާތުން ގޮވާލައިފި އެވެ.

ގައުމީ ހަރަކާތުން މިކަމަށް ގޮވާލީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި އެ ހަރަކާތުން ބުނެފައިވަނީ ސުލްހަވެރި މުޒާހަރާގެ ބައިވެރިން މަގްރިބް ނަމާދަށް ދިއުމަށް ހުރަސްއެޅުމާއި ރައްޔިތުންނާ ދެކޮޅަށް އެކަށީގެންވާ ވަރަށްވުރެ އެތައްތަނެއް އިތުރަށް ބާރުގެ ބޭނުން ކުރުމާއި އެތައް ސަތޭކަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ދީފައިވާތީ އެކަންކަންވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަނިޔާވެރިކަމާއެކު ރައްޔިތުންނާ ކުރިމަތިލުމުގެ ބަދަލުގައި މަޝްވަރާކޮށްގެން ގައުމުގެ ކަންކަން ހައްލު ކުރުމަށާއި ސިޔާސީ ލީޑަރުންނަށާއި ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނާމެދު ހިންގަމުންދާ އަނިޔާވެރި އަމަލުތަކާއި ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުގަކުގެ މިނިވަންކަން ނަގާލުމަށްޓަކައި ހިންގަމުން އަންނަ ކޮރަޕްޝަނާއި ފަސާދައާއި އަނިޔާވެރިކަމުގެ އަމަލުތައް ވަގުތުން ހުއްޓާލުމަށްވެސް މި ފުރުސަތުގައި ގޮވާލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް