ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޕީޕީއެމްގެ މެންބަރު މޫސާ ނަސީރު އަހްމަދު އެ ޕާޓީން ވަކިކޮށްފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ވިދާޅުވީ މޫސާ ނަސީރު އަހްމަދު ޕީޕީއެމް އިން ވަކިކުރީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އިންތިހާބުގައި ވާދަކުރައްވާތީ އިއްޔެ ކަމަށެވެ. ތޮލާލް ވިދާޅުވީ އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގާ އޭނާ ޕާޓީން ވަކިކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.
އެލްޖީއޭގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި މޫސާ ނަސީރު މީގެ ކުރިން ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މ. އަތޮޅުގެ މެމްބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މ. އަތޮޅުގެ މެމްބަރުކަން ވެސް ކުރައްވާފަ އެވެ.
ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫން އެވެ. ރޭ ވަނީ ފާރިޝްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކޮށްފަ އެވެ.
މޫސާ ނަސީރު އަހުމަދު އަމިއްލަގޮތަށް ވާދަކުރައްވަން ނިންމެވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރަން ނިންމާ ފޯމް ލުމަށް ފަހު ނަން އަނބުރާ ގެންދިއުމަށް ފަހު އެވެ.
މި އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ޕްރައިމަރީއަކާއި ނުލާ އެ ޕާޓީގެ ޓިކެޓް ލިބިވަޑައިގެންފައިވާ މ. މަޑުއްވަރީ ކާނިގޭ އަހްމަދު ރާޒީ އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަަމަޖައްސާފައިވަނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް