ސަރުކާރާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ އޮތް ހުކުރު ދުވަހު މާލޭގައި ތިއްބެވި ކައުންސިލަރުންގެ މައުލޫމާތު ފޮނުވަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އިއްޔެ އަންގައިފި އެވެ.
އެލްޖީއޭއިން ކައުންސިލަތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މޭ 1، 2015 ގައި މާލޭގައި ތިއްބެވި ކައުންސިލަރުންގެ ތެރެއިން ރަސްމީ ބޭނުމަށް ވަޑައިގެންނެވި ބޭފުޅުން، ލާމަރުކަޒީ ގާނޫނުގެ 123 ވަނަ މާއްދާގެ ދަށުން އެކަން އެންގިކަމުގެ ލިޔުން އެ އޮތޯރިޓީއަށް ފޮނުވުމަށެވެ.
ލާމަރުކަޒީ ގާނޫނުގެ 123 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކައުންސިލްގެ މެމްބަރަކު ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން ކައުންސިލްގެ ރައީސަށް ލިޔުމުން އަންގަންޖެހެ އެވެ. އަދި ކައުންސިލްގެ ރައީސް ރަށުން ބޭރަށް ވަޑައިގަންނަވާނަމަ ކައުންސިލްގެ އިދާރާއަށް އަންގަންޖެހޭނެ އެވެ.
އެގޮތަށް އެންގުމެއް ނެތި، މޭ 1ގައި މާލޭގައި ތިއްބެވި ކައުންސިލަރުންގެ މައުލޫމާތު ވެސް ފޮނުވަން އެލްޖީއޭ އިން ވަނީ އަންގައިފަ އެވެ. އެ މައުލޫމާތު ނުފޮނުވައިފި ނަމަ އެ ކައުންސިލެއްގެ ޒިންމާދާރު ވެރިންގެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް އެލްޖީއޭއިން ވަނީ ދީފަ އެވެ.
މުޒާހަރާގައި ބައިވެރިވުމަށް މާލެ ވަޑައިގެންނެވި ކައުންސިލަރުންގެ މައުލޫމާތު އެލްޖީއޭއިން ހޯދާއިރު، މުޒާހާގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް ވަނީ އިންޒާރު ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް