ފ. ފީއަލީ ކައުންސިލް އިދާރާއާއި އެ ރަށު ކޯޓް ތިޖޫރި ފަޅާލައި ދެ މިލިއަނެއްހާ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފީއަލީ ކައުންސިލުން ބުނީ އެ ކައުންސިލް އިދާރާގެ މައި ދޮރާއި ކައުންސިލްގެ ރައީސް އަދި ނައިބް ރައީސް އިންނަވާ ކޮޓަރީގެ ދޮރުފަތް ހަލާކުކޮށްލައިގެން ވަދެ ތިޖޫރީގައި ހުރި ދެ މިލިއަނެއްހާ ރުފިޔާ ވަގަށް ގެންގޮސްފައިިވާ ކަމަށެވެ. އަދި އެ އިމާރާތުގައި ހުންނަ ފީއަލީ ކޯޓުގެ ތިޖޫރި ފަޅާލާފައިވާ އިރު އެ ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތްކަމަށް ވެއެވެ.
ތިޖޫރީ ފަޅާލުމުގެ އިތުރުން ކައުންސިލްގެ ރައީސްގެ މޭޒުމަތީގައި ހުރި ފައިލްތަކެއްވެސް ވަނީ ހާވާފައެވެ.
ފުލުހުން ބުނީ ފީއަލީ ކައުންސިލް އިދާރާ އާއި ކޯޓަށް ގެއްލުންތަކެއް ދީފައިވާ މައްސަަަލަ މިއަދު ހެނދުނު ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުން ބެލި ބެލުމުން، ކައުންސިލް އިދާރާގެ ތިޖޫރީން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަން އެނގިފައިވާ ވެސް އޭނާ ވިދާޅުވި އެވެ.
ތިޖޫރީ ފަޅާލައިފަ ހުރިކަން އެނގުނީ ހެނދުނު ދިދަނަގަން ދިއުމުންނެވެ. ތިޖޫރީ ފަޅާލިކަމަށް ބެލެވެނީ ރޭ ގާތްގަނޑަކަށް 12 ޖަހާ އެހާއިރުކަމަށް ކައުންސިލުން ބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް