ނޫސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑް "ޖާނަލިސްޓް އޮފް ދަ އިޔާ 2014" ހަވީރު ނޫހުގެ މުހައްމަދު ހަމްދޫނާއި ވީޓީވީގެ އަލީ ސުލައިމާން ހޯދައިފި އެވެ.
އިއްޔެ ފާހަގަ ކުރި ނޫސްވެރިކަމުގެ ދުހަވާ ގުޅުވައިގެން ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި އެ ދެ ނޫސްވެރިންނަށް އެވޯޑް ހަވާލުކޮށް ދެއްވީ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
ހަމްދޫނާއި ސުލައިމާނަށް ވަނީ ފައިސާގެ އިނާމާއި ބައެއް އެހެނިހެން އިނާމްތައް ވެސް ލިބިފަ އެވެ.
ނޫސް މަޖައްލާ ކެޓަގަރީން "ހަވީރު" ގެ ކުޅިވަރުތައް ހަބަރުތައް ލިޔާ ހަމްދޫން އެވޯޑް ގެންދިޔައީ، ހަމަ އެ އިދާރާގެ އާސިޔަތު މުހައްމަދު ސައީދާއި މިދިޔަ އަހަރު އެވޯޑް ހާސިލް ކުރި ފަޒީނާ އަހުމަދާއި ވާދަކޮށްގެންނެވެ.
ވީޓީވީގެ ސުލައިމާން އެވޯޑް ގެންދިޔައީ ޓީވީ ކެޓަގަރީން ވީޓީގެ ނޫސްވެރިޔާ އައިމިނަތު އަމީނާ އާއި ދައުލަތުގެ މީޑިއާ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްގައި މަސައްކަތް ކުރާ އަބްދުﷲ މުއާޒާ ވާދަކޮށްގެންނެވެ.
ތިން ކެޓަގަރީއަކުން ދޭ މި އެވޯޑުގައި މިއަހަރު ރޭޑިއޯ ބައިން އެއްވަނަ ޖާނަލިސްޓަކު ހޮވާފައެއް ނުވެ އެވެ. އެމްއެމްސީން ބުނީ އެ ކެޓަގަރީން މިއަހަރު ހުށަހަޅާފައިވަނީ އެންމެ ނަމެއް ކަމުން އެ ކެޓެގަރީން އެވޯޑު ނުދޭން ނިންމީ ކަމަށެވެ.
މިއަހަރު ވަނީ ނޫސްވެރިކަމުގެ ދާއިރާއަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި މަސައްކަތް ފާހަގަކޮށް ނޫސްވެރިކަމުގެ ޝަރަފުގެ އެވޯޑުގެ ނަމުގައި އެވޯޑެއް ދީފަ އެވެ. އެ އެވޯޑު ލިބިފައިވަނީ ހަވީރު ނޫހުގެ ޗެއާމަން ޑރ ޒާހިރު ހުސައިން އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް