ހދ. ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުގައި ހުރި މީހަކަށް ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުގައި ހުރި މީހަކު 2025 އޭޕްރީލް 04 ވަނަ ދުވަހުގެ ރޭ (މިރޭ) 21:12 އެހައިކަންހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާ ގުޅިގެން އެމީހާއަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންކަމަށެވެ.
"އެމީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން 2025 އޭޕްރީލް 02 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 34 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި ހާދިސާގެ މައުލޫމާތު ވާނީ ހިއްސާކޮށްފައި ކަމަށާއި އަދި މި ހާދިސާގެ ތަހުގީގަށް މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް ފޮނުވުމަށް ވަނީ ނިންމާފައި ކަމަށެވެ.
މި ހާދިސާ ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ހާއްސަ އިސްކަމެއް ދީގެން ދަނީ ކުރިއަށް ގެންދަމުންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް