މޯލްޑިވިއަން އިން އައްޑޫ ސިޓީއާއި ހުވަދޫ ގުޅާލަދޭ ދަތުރުތަކެއް ފަށަނީ

ޤައުމީ އެއާލައިން، މޯލްޑިވިއަން އިން އައްޑޫ ސިޓީއާއި ހުވަދޫ އަތޮޅު ގުޅާލަދޭ ޑޮމެސްޓިކް ދަތުރުތަކެއް ފަށަން ނިންމައިފިއެވެ. އެ އެއާލައިނުން މިއަދު ބުނެފައިވާގޮތުގައި މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި...

04 Apr 2024 | 17:32

ޤައުމީ އެއާލައިން، މޯލްޑިވިއަން އިން އައްޑޫ ސިޓީއާއި ހުވަދޫ އަތޮޅު ގުޅާލަދޭ ޑޮމެސްޓިކް ދަތުރުތަކެއް ފަށަން ނިންމައިފިއެވެ.

އެ އެއާލައިނުން މިއަދު ބުނެފައިވާގޮތުގައި މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ގާފު އަލިފު ކޫއްޑޫ އެއާޕޯޓާއި ދެމެދުގައެވެ.

މި ޚިދުމަތް މި އަހަރުގެ އޮކްޓޯބަރު މަހުގެ 29ގައި ފަށަން ނިންމާފައިވާއިރު މި ޚިދުމަތް ފެށުމާއެކު ހަފްތާއަކު ދެ ދަތުރު އެ ދެމެދުގައި ކުރާނެކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.

މޯލްޑިވިއަންއިން ބުނެފައިވާގޮތުގައި މިއީ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "ސައުތު ކަނެކްޓިވިޓީ" އިނީޝިއޭޓިވްގެ ދަށޫން ފަށާ ޚިދުމަތެކެވެ. މި ޚިދުމަތް ކުރިއަށްގެންދަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ގުޅިގެންނެވެ.

އަލަށް ފަށާ މި ޚިދުމަތުގެ ސަބަބުން ދިވެހި ދަތުރުވެރިންނާއި އަދި ބޭރު ފަތުރުވެރިންނަށް މި ދަތުރުތަކުގެ ސަބަބުން ފައިދާތަކެއް ވެގެންދާނެއެވެ. އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް އަންނަ ފަތުރުވެރިންނަށް ހުވަދު އަތޮޅަށް ދަތުރުކުރުމުގެ މަގު ފަހިވުމުގެ އިތުރުން ދިވެހި ވިޔަފާރިތަކަށް އިމްޕޯޓް އެކްސްޕޯޓްގައިވެސް މި ދަތުރުތަކުގެ ސަބަބުން ފަސޭހަތަކެއް ވެގެންދާނެކަމުގައި މޯލްޑިވިއަންއިން ދެކެއެވެ.

މި ދަތުރުތައް އޮކްޓޯބަރުގައި ފަށަން ނިންމާފައިވާއިރު މިއަދުން ފެށިގެން ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މޯލްޑިވިންގެ ސޭލްސް ޗެނަލްސްތައް މެދުވެރިކޮށް ހުޅުވާލެވިފައިވާނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މި ދަތުރުތައް ކުރަން ތާވަލުކުރާގޮތަށް ބަލައިލާއިރު ކޮންމެ ހަފްތާއެއްގެވެސް އަންގާރަ އަދި ހޮނިހިރު ދުވަހު ދަތުރުކުރަން ތާވަލުކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް