ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ، ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ދީފިއެވެ.
މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން “ޕީޕަލްސް ނެޝަނަލް ފްރަންޓު”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ކޮމިޝަނަށް ހުށަހަޅާފައިވާތީ، މއ.ކާމިނީހުޅަގުގެ، ޒެއިން ޔާމީން ޢަބްދުލްޤައްޔޫމަށް ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދީފައިވާކަމަށެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބާއްވާ ޖަލްސާއަކީ އެ ޖަލްސާއެއްގައި އެ ޕާޓީއެއްގެ ވަގުތީލީޑަޝީޕާއި ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާއިބެހޭ ކަންކަން ފާސްކުރަންޖެހޭ ޖަލްސާއެކެވެ. މި ޖަލްސާ ބާއްވަން ޖެހެނީ އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން އަދި ވަކި އަދަދަށް މެންބަރުން މި ޖަލްސާގައި ބައިވެރިވާގޮތަށެވެ.
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވާއިރު ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވީ ރިޔާސީ އިންތިހާބު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް