ބޭންކް އޮފް މޯލްޑިވްސް އިން ރެކޯޑް ނަތީޖާއެއް ހޯދައި ހިއްސާގެ ފައިދާގެ ގޮތުގައި މިހާތަނަށް ދެވޭ އެންމެ ބޮޑު އަދަދު ހުށަހަޅައިފި

މި ވޭތުވެދިޔަ 2023 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރެވެ. މި ގޮތުން ޓެކުހަށް ކެނޑުމަށްފަހު ލިބުނު ފައިދާގެ (ސާފު ފައިދާ) ގޮތުގައި 2.07 ބިލިއ...

04 Apr 2024 | 10:52

މި ވޭތުވެދިޔަ 2023 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރެވެ. މި ގޮތުން ޓެކުހަށް ކެނޑުމަށްފަހު ލިބުނު ފައިދާގެ (ސާފު ފައިދާ) ގޮތުގައި 2.07 ބިލިއަށް ހޯދައިފިއެވެ. މިއާއެކު، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ މަތީ އަދަދު، ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ދެން ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ހުށަހަޅައި ފާސްކުރުމަށެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބޭންކަށް ރެކޯޑް ނަތީޖާއެއް ހޯދުނުކަމީ ބޭންކުން އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށާއި މިއީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.

"ބޭންކުގެ މި ނަތީޖާއާ ގުޅިގެން ބޯޑުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފަ. މިއީ ބޭންކުގެ ތާރީހުގައިވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދު." ކާރލް ވިދާޅުވިއެވެ.

ކާރލް އިތުރަށް ވިދާޅުވީ  ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވެފައިވާގޮތުގައި ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދިނުމަށާއި ރާއްޖޭގެ މާލީދާއިރާގެ ހަމަޖެހުން ކަށަވަރުކުރުމުގެ އިތުރު ޒިންމާއާއެކު ބޭންކު ހިންގުމަށް ފާއިތުވި އަހަރު ޑިރެކްޓަރުންގެ ބޯޑުން ދެއްވި ލަފައާއި އިރުޝާދަށް، އެ ބޭފުޅުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވައެވެ. އަދި މި ފުރުސަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރާ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންކޮށްދެއްވި ބުރަ މަސައްކަތަށާ އަދި ހަމައެހެންމެ ބޭންކުން ކުރަމުންދާ މިދަތުރުގައި އަޅުގަނޑުމެންނަށް އިތުބާރުކުރައްވާ ހިއްސާދާރުންނަށްވެސް ޝުކުރުއަދާކުރާކަމުގައިވެސް ކާރލް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް