"ތީ މާއުނދަގޫ ކަމެއް ނޫނެއްނު.... އިބްރާހީމްބޭ ދަންނަ ބަޔެކޯ އެއީ....! އެހެންވެ އިބްރާހީމްބޭގެ ވޭން ހަމަޖެއްސީވެސް ވޭނަށް ފޮށިތައް އަރުވާނީ.... އިބްރާހީމްބޭގެ ކާރުވެސް އޮންނާނެ.... ހުރިހާ ކަމެއްގައި އިބްރާހީމްބޭ ހެލްޕްވާނެ.... ދަރިފުޅު މާބޮޑުކަމެއް ކުރާކަށް ނުޖެހޭނެ.... ހަމަ އެމީހުން ރިސީވް ކޮށްލައިގެން ގެސްޓްހައުސްއަށް ގެންނަންވީ....." ނާޞިރު ހަދަންވީގޮތް ޢާއިޝާއަށް ކިޔައިދިނެވެ.
ޢާއިޝާ އާއި ހުމޭދާ އަވަސްކޮށްލައިގެން ދިޔައީ ގެސްޓުހައުސް އަށެވެ. ގެސްޓު ހައުސްއަށް ދިޔައިރު ޙަސީނާ އާއި ނާޞިރު ގޯތިތެރޭގައިހުރި ފަތްތައް ނެގުމުގެ މަސައްކަތުގައި އުޅެއެވެ. ޒާހިރާ އުޅެނީ ކޮޓަރިތައް ތައްޔާރު ކުރުމުގެ މަސައްކަތުގައި އެތެރޭގައެވެ.
"ދަރިފުޅުމެންވެސް މިފަތްތައް ނަގަން އަވަހަށް އާދޭ.... މިހާރު ގަޑިވަރަށް ކުޑަތަންވެއްޖެ.... އޭރުން ޙަސީނާއްތަ އަށް ދެވޭނެ މަންމައަށް އެހީވާން އެތެރެއަށް....." ޢާއިޝާ ފެނުމުން ނާޞިރު ބުނެލިއެވެ.
ޢާއިޝާ އާއި ހުމޭދާ ކަޅުކުލައިގެ ބޮޑު ޑަސްޓްބިން ކޮތަޅެއް ހިފައިގެން އައިސް ގޯތިތެރޭގައި އެއްކޮށްފައިހުރި ކުނިތައް ޑަސްޓްބިން ކޮތަޅަށް އަޅަން ފަށައިފިއެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅިގޯތި ތެރޭގައިހުރި ފަތްތައް ނަގާ ސާފުކޮށް ނިންމާލައިފިއެވެ. ޒާހިރާވެސް ހަސީނާގެ އެހީތެރިކަމާއެކު ގޭތެރެއާއި ކޮޓަރިތައް ސާފުކޮށް އެނދުތައް ތަންމަތިއަޅާ ނިންމާލައިފިއެވެ.
"ހުރިހާ މީހުން އެއްކޮށް މަސައްކަތްކޮށްލީމަ މާބޮޑު ބުރައަކަށްނުވެ ހުރިހާކަމެއް ގަޑިއަށް ނިންމާލެވިއްޖެއެއްނު.... މިހާރު ކިހާ ރީތި ވެއްޖެ...." ނާޞިރު ގޯތިތެރެއަށް ނުކުންނަމުން ބުނެލިއެވެ.
"އާނ.... ކޮޓަރިތަކުގެ އޭސީވެސް ޖަހާފަ މިއައި.... އޭރުން އެމީހުން އަންނަންވާއިރަށް ހުންނާނީ ފިނިވެސް ވެފައި...." ޒާހިރާ އައިސް ބޭރުގައި ހުރި ޖޯލީގައި އިށީންނަމުން ބުނެލިއެވެ.
"ކޮބާ އެމަންޖެ....؟ އެއަރޕޯޓަށް ދާ ގަޑި ޖެހެނިއްޔޭ...!. އިބްރާހީމްބެއަށް ގުޅައިފިބާ....؟ ނާޞިރުވެސް ޖޯލީގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
"އެމަންޖެ އާއި ހުމޭދާ އާއި ހަސީނާ އެދިޔައީ މޫނު ދޮވެލަން ގެއަށް....! ގެއަށްގޮސް ކުޑަކޮށް ތައްޔާރު ވެލައިގެން އެއަރޕޯޓަށްދާނީއޭ ކިޔާފަ އެދިޔައީ.... ހުމޭދާވެސް ޢާއިޝާއާ އެކު އެއަރޕޯޓަށް ދާނަމޭ ބުނި....! ޒާހިރާ މޫނު ފޮހެލަމުން ބުނެލިއެވެ.
އެވަގުތު ނާޞިރުގެ ފޯނު ރިންގުވާން ފެށިއެވެ.
"އިބްރާހީމްބެ އެގުޅަނީ.... ލަސްވެގެން ކަންނޭނގެ....!" ފޯނާ ދިމާއަށް ބަލާލަމުން ނާޞިރު ބުނެލިއެވެ.
"އައްސަލާމް ޢަލައިކުމް އިބްރާހީމްބޭ.... މާބޮޑަށް ލަސްވީތަ....؟" ފޯނު ނެގުމަށްފަހު ނާޞިރު ބުނެލިއެވެ.
"އާނ... މާބޮޑަށް ލަސްވެއްޖެ.... ފްލައިޓް އަވަސްވީ... މިހާރު އެޖައްސަނީ.... ކިހިނެތް ހަދާނީ.... އިބްރާހީމްބެ މިދަނީ އެދިމާއަށް...!" އިބްރާހީމްބެ އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ.
"އެހެންތަ....؟ އެހެންވީމަ މަވެސް މިދަނީ އެދިމާއަށް...." ނާޞިރު ބުނެލިއެވެ.
"ނާޞީރު ނަޔަސް އޯކޭވާނެ... އަހަރެން އެކަންތައް ކޮށްލަފާނަން...! އެމީހުން ނުކުތީމަ ގޮވައިގެން ސީދާ ގެސްޓްހައުސްއަށްދޯ ދާންވީ....؟" އިބްރާހީމްބޭ ސުވާލުކޮށްލިއެވެ.
"އާނ.... ގޮވައިގެން މި ކޮޅަށްއާދޭ...." ނާޞިރު ފޯނު ބާއްވަމުން ބުނެލިއެވެ.
"ފްލައިޓް ޖައްސައިފިޔޯ.... ފްލައިޓް އަވަސްވެފަޔޯ އޮތީ...! އިބްރާހީމްބެ އެގުޅީ....!" ނާޞިރު ފޯނު ބޭއްވުމަށްފަހު ޒާހިރާ އާ ވާހަކަ ދެއްކިއެވެ.
"އެހެންތަ...؟ ނަޞީބެއްނު އިބްރާހީމްބެ ކަހަލަ މީހަކުހުރި ކަން... އެމަންޖެ އަށް ގުޅާފަ މިބުނަނީ ރެޑީ ވެގެން މިކޮޅަށް އަންނަން.... ދެން އެއަރޕޯޓަކަށް ދާނެ ކަމައް ނެތެއްނު....!" ޒާހިރާ ފޯނު ނަގަމުން ބުނެލިއެވެ.
"އަހަރެން އެމަންޖެއަށް ގުޅާލާނަން.... ޒާހިރާ ދާންވީނު އެމީހުން އަންނަންވާއިރަށް ބޯލާނެ ކޮންމެސް އެއްޗެއް ތައްޔާރުކޮށްލަން...! މެންދުރަށް އެމީހުންނަށް ކާއެއްޗެއްވެސް ހަދަންވާނެ އެއްނު...." ޒާހިރާ އާ ދިމާއަށް ބަލާލުމަށްފަހު ނާޞިރު ބުނެލިއެވެ.
"ކައްކާފަ ހުންނާނީ.... އޭރު ގޭތެރެ ސާފުކުރަން އުޅުނުއިރު ޙަސީނާ އެކަން ކޮށްލައިފި....! ޙަސީނާ ހުރިއްޔާ ކެއްކުމުގެ ކަންތަކުގެ ހާސްވާކަށް ނުޖެހޭނެ..." ޒާހިރާ ހީނލާފައި ބުނެލިއެވެ.
"އެހެންވީމަ ދެންދޭ އެމީހުންނަށް ބޯލާނެ ކޮންމެވެސް އެއްޗެއް ހަދާލަން...." ނާޞިރު، ޒާހިރާއަށް ބުނެލިއެވެ.
"ކޯޗެއް ހަދާނީ.... ކޮންމެސް ފިނި އެއްޗެއްނު ހަދަންވާނީ...." ޒާހިރާވެސް ނާޞިރު އަށް ބަލާލުމަށްފަހު ބުނެލިއެވެ.
"އެފަރާތުގަ އެހެރަ އަތަ ގަސްތަކުގައި ބައިވަރު އަތަތައް ދޮންވެފަ އެބަހުއްޓެއްނު... ހުރިހާ ދޮން އަތަތައް ބިނދެފަ އަތަ ފަނި ގިރަންވީނު.... މާލެއިން އެހެން އަންނަ މީހުންނަށް އަތަ ކަހަލަ އެއްޗެހި ވަރަށް ނުލިބޭނެ.... އެހެންވީމަ އެ ވަރަށް ރަނގަޅުވާނެ... ފަނި ގިރާފަ ބާކީހުރި އަތަތައް ގެއަށް ގެންދާނީ...." ނާޞިރު ޢާއިޝާއަށް ގުޅަން ފޯނު ނަގަމުން ވާހަކަ ދެއްކިއެވެ.
"ދަރިފުޅާ...! ފްލައިޓް ޖައްސައިފިޔޯ.... އިބްރާހީމްބެ އެމީހުން ގޮވައިގެން ގެސްޓްހައުސްއަށް އަންނާނެ.... އެހެންވީމަ ދެން ދަރިފުޅުމެން އެއަރޕޯޓަށް ދާނެ ކަމެއްނެތް.... މިކޮޅަށް އަންނަން ބޭނުމިއްޔާ ތައްޔާރު ވެލައިގެން މިކޮޅަށް އައިމަ ރަނގަޅުވާނެ...." ނާޞިރު، ޢާއިޝާއަށް ފޯނު ކުރުމަށްފަހު ބުނެލިއެވެ.
ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް ހަމަޖެއްސުމަށްފަހު ނާޞިރު އާއި ޒާހިރާ ތިބީ ގެސްޓު ހައުސްގެ ގޯތިތެރޭގައިހުރި ބޮޑު ހިރުނދުގަހުގެ ދަށުގައި ބަހައްޓާފައިހުރި ޖޯލިފަތީގައެވެ. އެވަގުތު ނާޞިރުގެ ފޯނު ރިންގވާން ފެށިއެވެ.
"އިބްރާހީމްބެ އެ ގުޅަނީ...." ފޯނަށް ބަލާލަމުން ނާޞިރު ބުނެލިއެވެ.
"އަވަހަށް ނަގާބަލަ...! އެމީހުންނާ އިބްރާހީމްބެ އާ ދިމާނުވީ ކަމަކަށްވެސް ވެދާނެ...." ޒާހިރާ، ނާޞިރުއަށް ބަލާލުމަށްފަހު ބުނެލިއެވެ.
"އާނ.....! އިބްރާހީމްބޭ ކީކޭ....؟" ނާޞިރު ފޯނު ނެގުމަށްފަހު ބުނެލިއެވެ.
"މިހާރު އެމީހުން ގޮވައިގެން މިއަންނަނީ އިނގޭ....! ދެތިން މިނިޓެއްގެ ތެރޭގައި މިކައިރި ކުރަނީ...." އިބްރާހީމްބެ ވާހަކަ ދެއްކިއެވެ.
"އާނ... އޯކޭ...! އަހަރުމެން މިތިބީ ރެޑީގަ....!" ނާޞިރު ފޯނު ބާއްވަމުން ބުނެލިއެވެ.
"ހިނގާ ގޭޓު ކައިރިއަށް ނުކުންނަށް.... ދެތިން މިނިޓެއް ތެރޭގައި މި ކައިރި ކުރަނީޔޯ...." ނާޞިރު ޖޯލިފަތިން ތެދުވަމުން ބުނެލިއެވެ.
ނާޞިރުއާއި ޒާހިރާ ގޮސް ގޭޓުކައިރީގައި މަޑުކޮށްލައިގެން ތިބީ ވޭން އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ވޭން އައިސް ގޭޓު ކައިރިއަށް ހުއްޓާލުމަށްފަހު ފުރަތަމަ ވޭނުން ފޭބީ އިބްރާހީމް ބެ އެވެ.
"ވޭންގައި މިހިރީ ފޮށިތައް.... އެމީހުން އެއަންނަނީ ކާރުގައި...." ފަހަތުން އަންނަ ކާރަށް އިޝާރާތް ކުރުމަށްފަހު އިބްރާހީމްބޭ ބުނެލިއެވެ.
އިބްރާހީމްބެ ވޭންގެ ފަހަތު ދޮރު ހުޅުވާލުމަށްފަހު ވޭން ތެރޭގައިހުރި ފޮށިތައް ބާލަން ފެށިއެވެ. އަދި ނާޞިރުވެސް ގޮސް އެކަމުގައި ބައިވެރިވިއެވެ. ވޭންގައިވާ ތިންފޮށި ބޭލުމަށްފަހު އިބްރާހީމްބެ ދިޔައީ ވޭން ޕާކު ކޮށްލުމަށެވެ. އެވަގުތު ކާރު އައިސް ގޭޓު ކައިރިއަށް މަޑުކޮށްލިއެވެ. ޒާހިރާ ކާރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓާ ކާރުގެ ކުރީ ދޮރު ހުޅުވާލުމަށްފަހު ޒުވާން ފުރައިގެ ފިރިހެން ކުއްޖަކު ފޭބިއެވެ. އޭނާ ކާރުން ފައިބައިގެންގޮސް ކާރުގެ ޑިކީ ހުޅުވާލުމަށްފަހު ޑިކީ ތެރޭގައި އޮތް ފުރޮޅުލީ ގޮނޑި ނަގާ ހުޅުވާލުމަށްފަހު އެޒުވާނާ ގޮނޑި ހިފައިގެން އައިސް ކާރުގެ ފަހަތު ދޮރުކައިރީގައި ގޮނޑި ބެހެއްޓުމަށްފަހު ކާރުގެ ފަހަތު ދޮރު ހުޅުވާލިއެވެ. އަދި އެވަގުތު ކާރުގެ އަނެއްފަރާތުން ފަހަތު ދޮރު ހުޅުވާލުމަށްފަހު އަންހެނަކު ކާރުން ފައިބައިގެން އައިސް ކާރުގެ ތެރޭގައި އިން މީހާ ކާރުން ބޭލުމަށްޓަކައި އެޒުވާނާއަށް އެހީތެރިވެ ދިނެވެ. ކާރުގެ އެތެރެއިންވެސް ބޭލީ ޒުވާން ފިރިހެން ކުއްޖެކެވެ. ބޮލުގައި ކަޅުކުލައިގެ ބޮޑު ތޮއްޕެއް އަޅާފައިވާ އެޒުވާނާގެ ލޮލުގައިވަނީ އަވިއައިނެއް އަޅާފައެވެ. އަދި އަނގަމަތީގައި މާސްކެއް އަޅާފައި ހުއްޓެވެ. ކާރުން ފޭބި ޒުވާނާއާއި، އަންހެން މީހާ އާ ދެމީހުން އެތެރޭގައި އިން ޒުވާނާ ކާރުން ބާލުވައިގެން ފޮރުލީ ގޮނޑިއަށް ލައިގެން ގޭޓާ ދިމާއަށް ހިނގައިގަތެވެ.
"އައްސަލާމް ޢަލައިކުމް....! މިއީ ސަމީރާ....!" ކާރުން ފޭބި އަންހެން މީހާ އައިސް ނާޞިރު އާއި ޒާހިރާ އާ ސަލާމް ކޮށްލަމުން ބުނެލިއެވެ.
"ވަޢަލައިކުމުއް ސަލާމް.... މިއީ ނާޞިރު.... މިއީ އަންހެނުން ޒާހިރާ...! ހިންގަވާ އެތެރެއަށް...." އެތެރެއަށް ހިނގައިގަންނަމުން ނާޞިރު ބުނެލިއެވެ.
ހުރިހާ މީހުން ގެސްޓުހައުސް އަށް ވަދެގެންދިޔައިރު އެމީހުންގެ ފަހަތުން އިބްރާހީމްބެ ފޮށިތައް އެތެރެއަށް ވައްދަމުން ގެންދިޔައެވެ.
"ސިޓިންގ ރޫމުގައި ފޮށިތައް ބަހައްޓާ....! ކޮޓަރިތަކަށް އަހަރެން ފޮށިތައް ވައްދާލާނަން....! އިބްރާހީމް ބެ ފޮށިތައް އެތެރެއަށް ވެއްދުމުން ނާޞިރު ބުނެލިއެވެ.
"ފިނިއެއްޗެއް ބޯލައިގެން ކޮޓަރިއަށްދާނީ....! ސިޓީން ރޫމުގައި އިށީނދޭ... މިއަންނަނީ ޖޫސް ހިފައިގެން...." އެތެރެއަށް ވަންނަމުން ޒާހިރާ ބުނެލިއެވެ.
ނާޞިރު ފޮށިތައް ހިފައިގެން ކޮޓަރިތަކާ ދިމާއަށް ހިނގައިގަތެވެ. ޒާހިރާ ދިޔައީ ބަދިގެބަޔަށެވެ. އޭރު ސަމީރާމެން ސިޓިންގ ރޫމްގައި އިށީދެއްޖެއެވެ. ސަމީރާ ކައިރީގައި ހުރި ސޯފާގައި އިނީ ރާއިދުއެވެ. ނާޝިދު އިނީ ހަމަ ފުރޮޅުލީ ގޮނޑީގައެވެ.
"ދަރިފުޅާ....! މިތަނަށް ވަނީމަ މިހާރު ފިނިވެއްޖެއެއްނު... ދެން ތި ތޮއްޕާއި އަވިއައިނު ނަގާބަލަ....!" ނާޝިދު އާ ދިމާއަށް ބަލާލުމަށްފަހު ސަމީރާ ބުނެލިއެވެ.
ނާޝިދު ތޮއްޕާއި އައިނު ނެގި އިރު މާސްކްވެސް ނެގިއެވެ.
ނުނިމޭ. ވާހަކައިގެ އާ ބައެއް، 07 އޭޕްރީލް 2024، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް