ހައްޖު ޕްރޮޕޯޒަލްތައް ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލައިފި

މިއަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން މީހުން ގެންދިއުމަށް ހުޅުވާލި ހުޅުވާލުމަށް ހުށަހެޅި ޕްރޮޕޯޒަލްތައް ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލައިފިއެވެ. މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނެފައިވ...

04 Apr 2023 | 15:46

މިއަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން މީހުން ގެންދިއުމަށް ހުޅުވާލި ހުޅުވާލުމަށް ހުށަހެޅި ޕްރޮޕޯޒަލްތައް ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެކަމުގެ ޝައުޤުވެރިކަން ފާޅުކޮށް މިމިނިސްޓްރީއަށް ހުށަހަޅާފައިވާ ބިޑުތަކުގައި ޙައްޖުގެ އަޅުކަމުގެ ޚިދުމަތަށް އެކަށީގެންނުވާ އަގުތަކެއް ހުށަހަޅާފައިވުމާއި، ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާއިބެހޭ އުސޫލާއި މަޢުލޫމާތު ކަރުދާހުގައި، ޙައްޖު ޕްރޮޕޯޒަލް ފޮތް ހުށަހަޅާއިރު ފުރިހަމަކުރަން ޖެހޭނެކަމަށް ބުނެފައިވާ އަސާސީކަންކަން ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުން ވާދަވެރި ބިޑަކަށް ދިއުމުގެ ފުރުޞަތު ނެތުމާއެކު މިޙާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކުންފުނިތަކުން ހުށަހެޅި ބިޑުތައް ބާޠިލްކޮށް، އަލުން އެކުންފުނިތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދިނުން ކަމުގައި އެ މިނިސްޓްރީން ދެކޭ ކަމަށެވެ.

އެހެންކަމުން ކުންފުނިތަކުން ހުށަހެޅި ބިޑުތައް ބާޠިލްކޮށް، އެ އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅި ކުންފުނިތަކަށް އަލުން ބިޑު ހުށަހެޅުމުގެ ފުރުޞަތު މިއަދު ވަނީ ހުޅުވާލާފައެވެ. ފުރުސަތު އަލުން ހުޅުވާލިއިރު، ޙައްޖަށް ގެންދިޔުމަށް ހުށަހަޅާފައިވާ އަގު ފިޔަވާ ބިޑު އިވެލުއޭޝަން ކްރައިޓީރިއާއަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމުގައިވެސް ބުނެފައިވެއެވެ.

"ބިޑު ހުށަހެޅޭނީ -/75000 (ހަތްދިހަ ފަސްހާސް ރުފިޔާ) އާއި -/95000 (ނުވަދިހަ ފަސްހާސް ރުފިޔާ) އާ ދެމެދުގެ އަގަކަށެވެ. އަދި ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 13 އޭޕްރިލް 2023 (ބުރާސްފަތި) ދުވަހުގެ 10:00 އެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގ އޮންނާނީ 06 އޭޕްރިލް 2023 (ބުރާސްފަތި) ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ މީޓިންގ ރޫމް 1 ގައެވެ." ފުރުސަތު އަލުން ހުޅުވާލައި ކުރި އިއުލާނުގައި ބުނެފައިވެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ޕްރޮޕޯޒަލް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދު ކުރުމަށްފަހު ސިޓީއުރައިގެ ބޭރުގައި "1444 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައި ކަމަށާއި ޕްރޮޕޯޒަލްތައް  ބަލައިގަތުމަށް ހަމަޖެހިފައިވަނީ 13 އޭޕްރިލް 2023 (ބުރާސްފަތި) ދުވަހުގެ ހެނދުނު 10:00 ގައި، ޕްރޮޕޯޒަލް ހުށަހަޅާ ބޭފުޅުންގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ބުނެފައިވެއެވެ.

މި އަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ހައްޖު ކޯޓާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް