ޖޭޕީގެ ދައުވަތު ކިރާ ވަޒަން ކޮށްފިން، ފުރަތަމަ ބުރުގައި ފަހަތަށް އެރުމެއް ނެތް: އެމްއެންޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއެއްގެ ފަހަތަށް އެރުމެއް ނެތްކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. އެމްއެންޕީން މިހެން ބުނެފައިވަނީ މިއަދު އެ...

04 Apr 2023 | 15:07

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއެއްގެ ފަހަތަށް އެރުމެއް ނެތްކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

އެމްއެންޕީން މިހެން ބުނެފައިވަނީ މިއަދު އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީ އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީއިން ސިޔާސީ ޕާޓީތަކަށް ފޮނުއްވި ދައުވަތު އިއްޔެ އެ ޕާޓީއަށް ލިބުމުން، އެ ދަޢުވަތު ރަގަޅަށް ކިރާ ވަޒަންކުރުމަށްފަހު އެ ޕާޓީއިން ނިންމާފައިވަނީ އެހެން ޕާޓީއަކުން އިސްވެ އޮންނަ ކޯލިޝަނެއްގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބައިވެރި ނުވުމަށް ކަމަށެވެ.

"ޖުމްހޫރީ ޕާޓީއިން އެފަދަ ދައުވަތެއް ފޮނުއްވިކަމަށްޓަކައި އެޕާޓީއަށް ޝުކުރު ދަންނަވާ ހާލު، މިއަދު އޮތް މިޕާޓީގެ އެގްޒެކެޓިވް ކޮމިޓީއިން އިސްވެ ދެންނެވި ނިންމުމަށް ވާސިލްވީ ގިނަ ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ. ޖުމްހޫރީ ޕާޓީއިން ހުށަހެޅި ފަދަ އެޕާޓީން އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގައި މިޕާޓީއިން ބައިވެރިވުމަކީ، މިޕާޓީގެ އަސާސީ ޤަވާޢިދުގައި ކަނޑައަޅާފައިވާ ޝަޚްސީ މަޤުޞަދު ގެއްލޭނެ ޢަމަލަކަށްވުމުގެ އިތުރުން، އެދައުވަތު ޤަބޫލުކުރުމަކީ މި ރިޔާސީ އިންތިޚާބުގައި މިޕާޓީގެ ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ކެނޑިނޭޅި ރައްޔިތުންނަށް ދެމުންދިޔަ ޔަޤީންކަން ގެއްލިގެންދާނެ ކަމެކެވެ." އެމްއެންޕީން ބުނެފައިވެއެވެ.

މީގެ އިތުރުން، އެހެން ޕާޓީއެއްގެ ފަހަތަށް މިރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މިޕާޓީއިން އެރުމަކީ ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީއަށް ތާޢީދުކުރާ ފަރާތްތަކުގެ ވިސްނުމާ ފުށުއަރާނެ ނިންމުމެއް ކަމުގައިވެސް އެމްއެންޕީން ބުނެފައިވެއެވެ.

އެމްއެންޕީގެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ޕާޓީއަކީ ފުދުންތެރި ރައްޔިތެއް ބިނާކުރުމުގެ ވިސްނުމެއް ނެރެގެން، ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި ޕާޓީގެ މިސްރާބު ކުރަހާފައިވަނީ އެދިމާއަށް ކަމަށެވެ. އަދި، ދިވެހިރާއްޖޭގެ ރިޔާސަތަށް ހޮވިއްޖެނަމަ ޕާޓީއިން މަސައްކަތް ކުރާނީވެސް އެކަންކަން ހާޞިލްކޮށް، ދިވެހިންނަށާއި ދިވެހިރާއްޖެއަށް ފަހިގޮތްތަކަށް ކަމަށާއި އެ ޕާޓީ އުފެއްދުމަށްފަހު މިހާތަނަށް ކުރެވިފައިވާ މަސައްކަތުންނާއި، ރިޔާސީ އިންތިޚާބާ ގުޅިގެން މިޕާޓީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެންނަމުންދާ ނަތީޖާއަށް ބަލާ، އެ ޕާޓީއިން ޤަބޫލު ކުރަނީ ރައްޔިތުންގެ ތާއީދާއި އިތުބާރު މިޕާޓީއަށް ލިބެމުންދާ ކަން ކަމުގައިވެސް އެމްއެންޕީން ބުނެފައިވެއެވެ.

"އެހެންކަމުން، ދިވެހި ރައްޔިތުންނަށް މިޕާޓީއިން އަރުވާ ޔަޤީންކަމަކީ ކުރިން ދެންނެވިފަދަ ތަޞައްވުރެއް އޮތް ކޮންމެ ބަޔަކާއެކުވެސް މިޕާޓީއިން މިތިބީ ގުޅިގެން އިސްވެ މަސައްކަތް ކުރާ ގޮތަށް ކަމުގައެވެ." އެމްއެންޕީން ބުނެފައިވެއެވެ.

އެމްއެންޕީން އިތުރަށް ބުނެފައިވަނީ އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކަށާއި އެ ޕާޓީގެ މެމްބަރުންނަށް ގޮވާލަނީ ޕާޓީގެ އާންމު ސިޔާސަތުތަކާއި ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ވަމުންދާ އަހުދުތައް ދިވެހި ލޮބުވެތި ރައްޔިތުންނާ ހިއްސާ ކުރައްވާ، އޮޅުންފިލުވައި ދެއްވުމުގެ މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދެވުމަށާއި، މިޕާޓީގެ ތަޞައްވުރު ހަޤީޤަތަކަށް ހެދުމުގައި މަދަދުވެރިވުމަށް ކަމަށެވެ. ގުޅިގެން ކުރާ މަސައްކަތުން އަޅުގަނޑުމެންނަށް، ފުދުންތެރި، ހަމަހަމަ، އަދުލުވެރި، އޯގާތެރި މުޖުތަމަޢެއް ބިނާކުރެވޭނެ ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް