އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ސައީދު އައްޔަންކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯގެ) މެނޭޖިން ޑިރެކްޓަރު ކަމަށް މއ.ކޮށީގެ، އަލްފާޟިލް ޢަބްދުﷲ ސަޢީދު މިއަދު ޢައްޔަންކޮށްފިއެވެ. މިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އ...

04 Apr 2023 | 09:31

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯގެ) މެނޭޖިން ޑިރެކްޓަރު ކަމަށް މއ.ކޮށީގެ، އަލްފާޟިލް ޢަބްދުﷲ ސަޢީދު މިއަދު ޢައްޔަންކޮށްފިއެވެ.

މިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ އިއުލާނުކޮށްފައެވެ.

އެގޮޔުން ޕީސީބީން ބުނެފައިވަނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށާއި މެނޭޖިން ޑިރެކްޓަރު ކަމަށް ސައީދު މިއަދުން ފެށީގެން އައްޔަންކޮށްފައިވާކަމަށާއި އެމްޑީގެ މަގާމަށް ސައީދު އައްޔަންކޮށްފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުންކަމަށެވެ.

އެސްޓީއޯގެ އެމްޑީކަމަށް ސައީދު އައްޔަންކުރި ކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ ފިނޭންސް މިނިސްޓްރީގައެވެ. ލިޔުން ހަވާލުކުރެއްވީ ޕީސީބީގެ ރައީސް އާސިމް މުހައްމަދެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމަށް ސައީދު އައްޔަންކޮށްފައިމިވަނީ އެ މަގާމުގައި ހުންނެވި ހުސެއިން އަމްރު އެ މަގާމުން ވަކިކުރުމަށްފަހުގައެވެ.

ސައީދު އެންމެ ފަހުން އަދާކުރެއްވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމެވެ. ސައީދު މީގެ ކުރިން ވަނީ ގްލޯބަލް ޓްރޭޑިންގ (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ އަދި ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓްގެ މަގަމާއި މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އަދި ސީއީއޯ ކަމާއި އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރް) ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް