ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި، "ޔެސްޓީވީ" އުވާލުމަށް އެ ޤާނޫނަށް ސަރުކާރުން މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި އެދިފައި ވަނީ ސްޕޯޓްސް ކޯޕަރޭޝަން އުފެއްދުމާއި ސްޕޯޓްސް ޗެނަލް އުފައްދަން ޖެހޭ ކަމަށް ބަޔާން ކުރާ ބާބު އެއްކޮށް އުވާލުމަށް ހުށަހަޅާފައެވެ.
އަދި ސްޕޯޓްސް ކޯޕަރޭޝަނަކީ ތިން އަހަރު ތެރޭ އަމިއްލަ ފައި މައްޗަށް ތެދުވަންޖެހޭ ކުންފުންޏެއް ކަމަށާއި އަދިވެސް އެކަން ނުކުރެވޭ ކަމަށާއި އެ ކޯޕަރޭޝަން ހިންގަން ދައުލަތުން ޚަރަދުދާ ކަމަށާއި އެހެންވެ މިވަގުތަށް އެއީ ބޭކާރުތަނެއް ކަމަށް އޭނާ ނިޔާޒު ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ މި އިސްލާހަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުން ވަނީ އެކަމަށް ތާއީދު ކުރައްވައިފަ އެވެ.
ނަމަވެސް ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުން ވަނީ މި އިސްލާހާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ.
"ޔެސްޓީވީ" އަކީ ދައުލަތުގެ މީޑިއާ ކުންފުނި ޕީއެސްއެމްގެ ސްޕޯޓްސް ޗެނަލެކެވެ. މީގެ އިތުރުން އެ ޗެނަލް އުފައްދަން ހަރަދުކުރީ، ކުޅިވަރު ގާނޫނުގެ ދަށުން އުފައްދަން ލާޒިމްކުރާ ޗެނަލް އުފެއްދުމަށް ދައުލަތުން ދިން ފައިސާ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް