އާދީއްތަ ދުވަހުގެ މެންދުރުއްސުރެ ގެއްލިގެން ހޯދަމުން އަންނަ ޗައިނާ ފަތުރުވެރިޔާ ހޯދުމުގެ އޮޕަރޭޝަންގައި ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށާއި އެހެން ނަމަވެސް އަދި ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ޗައިނާގެ އެ ފަތުރުވެރިޔާ ގެއްލިގެން ހޯދަމުން އަންނަނީ ކ. އަމީންގިރި ރިސޯޓުންނެވެ.
އެމްއެންޑީއެފުން އިއްޔެ ބުނެފައިވާގޮތުގައި އެ ފަތުރުވެރިޔާ ގެއްލުނު ކަމުގެ ރިޕޯޓް ލިބިފައިވަނީ އާދީއްތަ ދުވަހުގެ 2:56 ހާއިރުގައެވެ. މި މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް، ޑައިވަރުންނާއެކު އެ ސަރަހައްދަށްގޮސް ހަވީރު 4:19 ހާއިރު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ފަށާފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
" މީގެއިތުރުން އިއްޔެ އިތުރު ޑައިވަރުންނާއެކު ކޯސްޓްގާޑުގެ އެފް.އައި.ސީ ހަކުރާ ލޯންޗް މި އޮޕަރޭޝަންގައި ހަރަކާތްތެރިވެ މިހާތަނަށް 300 އަކަމީޓަރު ސްނޯކަލްކޮށް އަދި 800 އަކަމީޓަރުގެ އަންޑަރ ވޯޓަރ އޭރިޔާއެއް ވަނީ ޑައިވް ކޮށްގެން ބަލާފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން އިތުރަށް ފުޅާކުރުމުގެ ގޮތުން، އިތުރު ޑައިވަރުންނާއެކު ކޯސްޓްގާޑް ޝިޕް ޣާޒީ އިއްޔެ 13:30 ހާއިރުން ފެށިގެން އެސަރަޙައްދުގައި ދަނީ ހަރަކާތެރިވަމުންނެވެ. މިގޮތުން މިހާތަނަށް 87 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލުނު ނަމަވެސް މިހާތަނަށް މި ފަތުރުވެރިޔާގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.އަދި އެ ފަތުރުވެރިޔާ ސްނޯކަލް ކުރުމަށް ބޭނުން ކުރިކަމަށް ބެލެވެނީ ޓްރާންސްޕޭރެންޓް މާސްކަކާއި ކަޅުކުލައިގެ ސްނޯކަލްއެއްގެ އިތުރުން ރީނދޫކުލައިގެ ސްޓްރައިޕް ދަމާފައި ހުރި ކަޅުކުލައިގެ ފިންސެއް ކަމަށާއި ފަތުރުވެރިޔާ ލައިގެން ހުރީ ނޫކުލައިގެ ސްވިމިންގ ޓްރަންކެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އިތުރަށް ބުނެފައިވަނީ އެ ފަތުރުވެރިޔާއާބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުން ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އަދި އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް