މާލޭގައި ސިއްރުން ހިންގި ކެމިކަލް ގުދަން ހުސްކޮށްފި

މާލޭގައި ގަވައިދާ ހިލާފަށް ކެމިކަލް ގުދަނެއް ހިންގަމުން ދަނިކޮށް ފަޅާ އެރުމުން އެތަން ހުސްކޮށްފި އެވެ. މިކަން އާންމުންގެ ސަމާލުކަމަށް ގެނައީ އަހުމަދު ނައީމް ކިޔާ މީހަކު ޓުވިޓާގައި އެވެ. އޭނާ ވަނީ ގުދަ...

04 Apr 2023 | 06:10

މާލޭގައި ގަވައިދާ ހިލާފަށް ކެމިކަލް ގުދަނެއް ހިންގަމުން ދަނިކޮށް ފަޅާ އެރުމުން އެތަން ހުސްކޮށްފި އެވެ.

މިކަން އާންމުންގެ ސަމާލުކަމަށް ގެނައީ އަހުމަދު ނައީމް ކިޔާ މީހަކު ޓުވިޓާގައި އެވެ. އޭނާ ވަނީ ގުދަނުގެ ފޮޓޯތަކާއި އެކު ގުދަން ހުރި ތަނުގެ މައުލޫމާތު އާންމުކޮށްފައި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގުދަނުގައި ހުރި ތަކެތި ހުޅުމާލެއަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެތަން މިހާރު އެއްކޮށް ހުސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ކެމިކަލް ގުދަން ހުރީ ލިލީމަގުގައި ހުންނަ ގ. ގަސްކަރާގެއާ ޖެހިގެންނެވެ. އެ ގުދަނުގައި ރައްކާކޮށްފައި ހުރި ތަކެތީގެ ތެރޭގައި ކެމިކަލް ހިމެނޭކަން އޭނާ ޔަގީން ކުރީ މުވައްޒަފުން ކައިރިން މައުލޫމާތު ހޯދައިގެން ކަމަށް ބުނެފައިވެ އެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ ފަޔާ އެންޑްރެސްކިއު ޓީމަކުން އެތަނަށް ގޮސް ބަލާފައިވާ ކަމަށާއި ގަވައިދާ ހިލާފު ބައެއް ތަކެތި ހުރިކަން އެނގުމުން ފުލުހުންނަށް އެކަން އެމްއެންޑީއެފުން އަންގާފައިވާނެ ކަމަށެވެ.

އަބަދަށް ފެހި މަހުގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ގޭގޭގައި އަލިފާން ރޯވެ އެކަކު މަރުވި ހާދިސާއަށް ފަހު ތިލަފުއްޓަށް ކެމިކަލް ގުދަށްތައް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ފެށި އެވެ. އަދި މާލޭގައި ކެމިކަލް ގުދަން ހިންގުން މަނާ ކުރި އެވެ.

އާބަންކޯއިން ވަނީ ތިލަފުށިން ގިނަ އަދަދެއްގެ ކުންފުނިތަކަށް ކެމިކަލް ގުދަން ކުރުމަށް ބިން ދޫކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް