ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފަށައިފި އެވެ.
މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ މިއީ ވިލިމާލޭ ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ފެށުމެއް ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ބޭނުން ޚިދުމަތްތައް ފުރިހަމަ ކުރުމުގައި އެއްވެސް ތަފާތެއްނެތި ފޯރުކޮށްދެއްވުމަށް ކައުންސިލުން މަސައްކަތް ކުރައްވަމުން ދާނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ ބަގީގެ ހިދުމަތް އެންމެ ރަނގަޅު ގޮތުގައި ދެވޭނީ އާންމުންގެ ހުރިހާ މަޝްވަރާއަކާއި ހިޔާލެއް ވެސްލިބިގެން ކަމަށެވެ. އިތުރަށް ވިދާޅުވީ ބަގީ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ޕެރަމެޑިކް އަށް ހާއްސާ މީހަކު ހަމަޖައްސަން ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ބޭނުން ކުރާނީ 10 ބަގީ އެވެ. އޭގެ ތެރޭގައި ތެރޭގައި މުދަލާއި ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީ އާއި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ އެއް ބަގީ ހިމެނެ އެވެ.
އާންމު ދަތުރު ފަތުރުގެ އަގުގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ދެ ރުފިޔާ އެވެ. އެކަމަކު ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު ވާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
ބަގީ ހިދުމަތާއި އެކު ސިޓީ ކައުންސިލުންވަނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ބަގީ ބުކް ކުރުމުގެ ހިދުމަތްވެސް ހުޅުވާލާފައި އެވެ. ބަގީގެ ހިދުމަތް ދޭން ހަމަޖައްސާފައިވަނީ ވިލިމާލޭގައި ދޮރުން ދޮރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް