ފްރާންސް ލީގާ ވަންގެ ކުލަބެއްކަމުގައިވާ އެފްސީ ނަންޓޭސްއަށް ކުޅެމުން އަންނަ އުމުރުން އެންމެ 20 އަހަރުގެ ފްރާންސަށް އުފަން އަލްޖީރިއާ ޑިފެންޑަރ ޖައުއެމް ހަޖަމް ރޯދަ ދޫކޮށްލުމަށް ދެކޮޅު ހެދުމުން ނަންޓޭސްގެ ސްކޮޑުން އޭނާ ބާކީ ކޮށްފިއެވެ.
އެންމެ ފަހުން މި މަހުގެ ދެވަނަ ދުވަހު އަމިއްލަ ދަނޑުގައި ރެއިމްސްއާއި ދެކޮޅަށް ކުޅެ 0-3 އިން ނަންޓޭސް ބަލިވި މެޗުގައި ޖައުއެމް ހަޖަމް އަށް ފުރުސަތު ނުދިނީ ކޯޗު އެންޓޮއިން ކޮމްބޯއާ ތަކުރާރުކޮށް އެންގުމުން ވެސް ޖަހަމް ރޯދަ ދޫކޮށްލަން ދެކޮޅު ހެދުމުންނެވެ.
މި މެޗުން ނަންޓޭސް ބަލިވިއިރު، މި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޯޗު އެންޓޮއިން ކޮމްބޯއާ ބުނީ ރޯދަ ހިފުމަކީ މައްސަލައެއް ނޫންކަމަށާއި. އެއީ އޭނާވެސް ވަރަށް ސަޕޯޓުދޭން ބޭނުންކަމެއް ކަމަށެވެ. ނަމަވެސް މެޗު ކުޅޭ ދުވަސްތަކުގައި ރޯދަ ނުހިފަން ކުޅުންތެރިންނަށް ވާނީ އަންގާފައި ކަމަށާއި މެޗު އޮންނަ ދުވަސަތަކުގައި ރޯދަހިފައިގެން ހުރެ މެޗުގައި ކުޅެން ފުރުސަތު ނުލިބޭނޭ ކަމަށް އެންޓޮއިން ކޮމްބޯއާބުންޏެވެ.
" ރޯދަ ހިފުމަކީ މައްސަލައެއް ނޫން. ރޯދަވެސް ހިފަންވީ. އަހަރެން ވަރަށް ސަޕޯޓުވެސް ދޭ ކަމެއް އެއީ. އެހެން ނަމަވެސް އެއްވެސް ކުޅުންތެރިއަކަށް ރޯދަ ހިފައިގެން ހުރެ މެޗެއް ނުކުޅެވޭނެ. އެއީ އަހަރެން އަހަރެންގެ ކުޅުންތެރިންނަށް މާ ކުރިންވެސް އަންގާފައިވާ ކަމެއް. މެޗު ކުޅޭ ދުވަސްތަކުގައި ރޯދަ ނުހިފަން. އެފަދަ ދުވަސްތަކުގައި ރޯދައަށް ހުންނަ ކުޅުންތެރިން ޖެހޭނީ ދަނޑުބޭރުގައި ތިބެން. ފުރުސަތެއް ނުދޭނަން." ނޫސްވެރިންނާއި ވާހަކަ ދައްކަމުން އެންޓޮއިން ކޮމްބޯއާ ބުންޏެވެ.
މި ރޯދަ މަހުގެ ތެރޭގައި ފްރެންޗް ލީގުގައި ކުޅޭ މުސްލިމް ކުޅުންތެރިންނަށް މެޗުތަކުގައި އެ ކުޅުންތެރިން ރޯދަ ވީއްލުމަށް ފުރުސަތު ނުދޭން ނިންމާފައިވާއިރު، ފްރާންސް ލީގަކީ ފަހުގެ ތާރީޚެއްގައި މުސްލިމް ކުޅުންތެރިންނާއި މެދު މިފަދަ ފިޔަވަޅެއް އެލީ ފުރަތަމަ ލީގެވެ. ޔޫރަޕް އެހެން ބައެއް ގައުމުތަކުގެ ލީގުތަކުގައި ކުޅޭ މުސްލިމް ކުޅުންތެރިންނަށް މެޗުތެރެއިން މެދު ކަނޑާލައިފައި ރޯދަ ވީއްލުމުގެ ފުރުސަތު ދެއެވެ. އެގޮތުން އިޓަލީ ލީގާއި އިންގިރޭސި ލީގުތަކަކީ މިކަމުގެ މިސާލެކެވެ.
ޖައުއެމް ހަޖަމް އަކީ ފްރާންސްއަށް އުފަން އަލްޖީރިއާ ކުޅުންތެރިއެކެވެ. އޭނާގެ މަންމައާއި ބައްޕަ އަކީ އަލްޖީރިއާއަށް ނިސްބަތްވާ ދެ މީހުންނެވެ. ހަޖަމް އޭނާގެ ޕްރޮފެޝަލް ފުޓްބޯޅަ ކެރިއަރު ފެށީ ޕެރިޝް އެފްސީންނެވެ. ފްރާންސްގެ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ގައުމީޓީމަށް ކުޅުނު ނަމަވެސް އޭނާ މިހާރުވަނީ އަލްޖީރިއާގެ ސީނިއަރ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެން ފަށާފައެވެ. އޭނާ އަލްޖީރިއާގެ ސީނިއަރ ޓީމަށް ކުޅެން ފެށީ މި އަހަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް