ލ.ގަން ތުނޑީ ރަމަޟާން ކަޕް: ބްރޭވް ޖެނެރޭޝަން އާއި ޔޫތް ރިވޮލޫޝަން ކުއާޓާއާއި ގާތަށް، ޑީކޭއެންޒެޑަށް އުންމީދެއް !

ލ.ގަމުގައި މިހާރު ކުރިޔަށް ދާ ލ.ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކުލަބާއި ޔޫތް ރިވޮލޫޝަން ކަލަބް މުބާރާތުގެ ކުއާޓާ ފައިނަލް އާއި ފިޔަވަޅެ...

04 Apr 2023 | 03:17

ލ.ގަމުގައި މިހާރު ކުރިޔަށް ދާ ލ.ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކުލަބާއި ޔޫތް ރިވޮލޫޝަން ކަލަބް މުބާރާތުގެ ކުއާޓާ ފައިނަލް އާއި ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.

މި މުބާރާތުގައި ރޭ ކުޅުނީ ގުރޫޕް އޭގެ މެޗަކާއި ގުރޫޕް ޑީގެ ދެ މެޗެވެ. ގުރޫޕް އޭގެ މެޗުގައި ބައްދަލުކުރީ ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބާއި އައިޑަލްސް އެވެ. މި މެޗު 0-13 ގެ ނަތީޖާއިން މެޗު ކާމިޔާބު ކުރީ ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކުލަބުންނެވެ. ރޭގެ މި މެޗާއި އެކު ބްރޭވް ޖެނެރޭޝަން އާއި އައިޑަލްސް އަށް މިވަނީ ގުރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ހުރިހާ މެޗެއް ކުޅެ ނިމިފައެވެ.

ބްރޭވް ޖެނެރޭޝަން އަށް ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު، އެޓީމަށް ލިބިފައިވަނީ ތިން މެޗުން ހަ ޕޮއިންޓާއި ފައިދާ 24 ގޯލެވެ. ބްރޭވް ޖެނެރޭޝަން އާއި އެންމެ ގާތުން ވާދަކުރަމުން އަންނަނީ މިވަގުތު ދެވަނާގައި އޮތް ސެންޓްރަލް އޭރިއާ ކޮމާންޑެވެ. ސެންޓްރަލް އޭރިއާ ކޮމާންޑަށް ވެސް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް އަދި ބާކީ އެއް މެޗު އެބައޮތެވެ. އެއީ ގުރޫޕް އޭގެ އެންމެ ފަހު މެޗުގައި މިރޭ ލާމު ޔޫތް މޫވްމަންޓް އާއި ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުން މޮޅުވެގެން ގްރޫޕް އެއްވަނަ ޓީމުގެ ގޮތުގައި ކުޢާޓާ އަށް ދިއުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. މިރޭގެ މި މެޗާއި އެކު ގްރޫޕް އޭގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެ ނިމޭނެއެވެ. މިރޭގެ މެޗަށްފަހު ގުރޫޕް އޭ އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދާ ޓީމުތައް ކަށަވަރުވެގެން ދާނެއެވެ. އެ ގުރޫޕުން ކުއާޓާގެ ފުރުސަތު މިހާރު ގެއްލިފައިވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާ އައިޑަލްސްއަށެވެ.

ގްރޫޕް އޭއަށް ބަލާއިރު، އެ ގްރޫޕުގެ އެއްވަނާގައި މިވަގުތު އޮތީ ހަ ޕޮއިންޓާއި ފައިދާ24 ގޯލާއި އެކު ބްރޭވް ޖެނެރޭޝަން އެވެ. ދެމެޗުން ހަ ޕޮއިންޓް ލިބިގެން ފައިދާ ހަތަރު ގޯލާއި އެކު ދެވަނާގައި އޮތީ ސެންޓްރަލް އޭރިއާ ކޮމާންޑެވެ. އަދި މި ގުރޫޕުގެ ތިންވަނާގައި ލާމު ޔޫތް މޫވްމަންޓް އޮތީ ކުޅުނު ދެމެޗުން ތިން ޕޮއިންޓާއި މައިނަަސް ހަތް ގޯލާއި އެކު ގްރޫޕުގެ ތިންވަނާގައެވެ.

ރޭގައި ދެން ކުޅުނު ގްރޫޕު ޑީގެ މެޗުތަކަށް ބަލާއިރު، ޔޫތް ރިވޮލޫޝަން ވަނީ ރަސް ހިންނެ ފަލްކޯންއާއި ވާދަކޮށް 2-7 އިން މެޗު ކާމިޔާބު ކޮށްފައެވެ. އަދި ޑީކޭއެންޒެޑް ސްޕޯޓްސް ކުލަބުން ވަނީ ސްޕާކް ޕްލަގާއި ވާދަކޮށް 1-4 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްފައެވެ. ގްރޫޕް ޑީގެ މި މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ޔޫތް ރިވޮލޫޝަން އިން ވަނީ މި މުބާރާތުގައި މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށް ހަ ޕޮއިންޓާއި އެކު ގްރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. އަދި ޑީކޭއެންޒެޑް މިވަނީ އެޓީމު މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައެވެ. މީގެ ކޮންމެ ޓީމަކަށް ވެސް އަދި ބާކީ ދެމެޗު އޮތްއިރު، މި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެގެން މުބާރާތުގެ ކުޢާޓާފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު ސްޕާކް ޕްލަގް ފިޔަވާ ހަމަ ކޮންމެ ޓީމަކަށްވެސް އެބައޮތެވެ. ގްރޫޕް ޑީގެ އެންމެ ފުުގައި އޮތް ސްޕާކް ޕްލަގަށް މުބާރާތުގެ ކުއާޓާއަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

މިވަގުތު ގްރޫޕް ޑީ އަށް ބަލާއިރު، އެ ގްރޫޕުގެ އެއްވަނާގައި ދެމެޗުން ހަ ޕޮއިންޓް ލިބިގެން ޔޫތް ރިވޮލޫޝަން އޮތްއިރު، ދެވަނާގައި އޮތީ ތިން ޕޮއިންޓާއި ފައިދާ ފަސް ގޯލާއި އެކު ސުބަރުއެވެ. އަދި ރޭގެ މޮޅާއި އެކު ޑީކޭއެންޒެޑް އިން ތިންވަނައަށް ޖެހިލިއިރު، އެޓީމު ތިންވަނާގައި އޮތީ ތިން ޕޮއިންޓާއި މައިނަސް ދެ ގޯލާއި އެކުގައެވެ.

މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް މިރޭވެސް ކުޅޭނެއެވެ.

މިރޭ ކުޅޭ މެޗުތައް

21:30 ލާމު ޔޫތް މޫވްމަންޓް - ސެންޓްރަލް އޭރިއާ ކޮމާންޑް

22:30 ފޮއެމަތި އެފްސީ - އައުޓްރީފް އެސްސީ

23:30 އަނދިރިއަންސް - ރަސްހިންނެ އެސްސީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް