ހުޅުމާލޭ ދޭކުން މާލެ އާއި ހުޅުމާލޭ އެކަކަށް ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް

ރަމަޟާން މަހު ބަހުގެ ހިދުމަތުގެ ޑީމާންޑު ބޮޑުވުމުން ހިދުމަތް ފުޅާ ކުރުމަށް ހުޅުމާލޭގައި ސްކޫލް ކުދިންނަށް ހާއްސަ ބަސް ދަތުރު ތަކެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ. އެމްޓީސީސީން ބުނީ މި ބަސް ދަތުރުތައް...

04 Apr 2023 | 01:05

ރަމަޟާން މަހު ބަހުގެ ހިދުމަތުގެ ޑީމާންޑު ބޮޑުވުމުން ހިދުމަތް ފުޅާ ކުރުމަށް ހުޅުމާލޭގައި ސްކޫލް ކުދިންނަށް ހާއްސަ ބަސް ދަތުރު ތަކެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އެމްޓީސީސީން ބުނީ މި ބަސް ދަތުރުތައް އޮންނާނީ ހުޅުމާލޭ ފޭސް ދޭކުން މާލެ އާއި ފޭސް އެކަކަށް ކަމަށެވެ. މާލޭގެ ހުރިހާ ސްޓޮޕްތަކަކަށް މަޑު ކުރި ނަމަވެސް ހުޅުމާލޭ ފޭސް އެކަކަށް ކުރާ ދަތުރުތަކުގައި ބަސް މަޑު ކުރާނީ ސްކޫލްތައް ކައިރީ ބަސް ސްޓޮޕްތަކަށް އެކަންޏެވެ.

އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ރޯދަ މަސް ނިމެންދެން ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:05 ގައި ސްކޫލް ކުދިންނަށް ހާއްސަ ބަސް މާލޭގެ ދެ ރޫޓަށް ދަތުރު ފަށާނީ ހިޔާ ބަސް ސްޓޮޕް އެކަކުން ކަމަށެވެ. އެ ބަހުގައި ދަރިވަރުންގެ އިތުރުން ދަތުރު ކުރެވޭނީ އެއް ބެލެނިވެރިއަކަށް ކަމަށް މައުލޫމާތުދެ އެވެ.

ހުޅުމާލޭ ފޭސް ދޭކުން އެކަކަށް ދަތުރު ކުރާ ސްކޫލް ކުދިންނަށް ހާއްސަ ބަސްތައް މަޑު ކުރާނީ ހުރަވީ ސްކޫލް ކައިރިއަށް ސިންތެޓިކް ޓްރެކް ބަސް ސްޓޮޕް، ގާޒީ ސްކޫލް ކައިރިއަށް އަމީން އެވެނިއު ބަސް ސްޓޮޕް އަދި ރެހެންދި ސްކޫލް ކައިރިއަށް ފްލެޓު 120 ބަސް ސްޓޮޕަށެވެ. މި ރޫޓުގައި ހެނދުނު ދަތުރު ކުރާ ބަސްތައް ދަތުރު ފަށާ ވަކި ގަނޑިތަކެއް ހަމަޖައްސާފައި ނެތެވެ.

މި ދަތުރުތައްވެސް ކުރާނީ ރޯދަ މަސް ނިމެންދެންނެވެ.

އެމްޓީސީސީން މީޑިއާގައި ބުނީ ރޯދަ މަހު ބަހުގެ ޑިމާންޑު ބޮޑުވެ ދުވާލަކު ހިދުމަތް ހޯދާ މީހުންގެ އަދަދު 25،000 އަށް އަރާފައިވާ ކަމަށެވެ. އެންމެ ބާރު ބޮޑުވަނީ ހެނދުނު ސްކޫލްތަކާއި އޮފީސްތައް ފެށޭ ގަޑިތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް