އައްޑޫ ސިޓީ ފޭދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 75 ހައުސިން ޔުނިޓް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. ފޭދޫގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
އެގޮތުން އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާފައި ވެއެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނީ އެ ބީލަމުގައި ބައިވެރިވެވޭނީ ފްލޭނިން މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ މަތިން ރަޖިސްޓަރީވެ ޝަރުތު ހަމަވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މިގޮތުން އެ މަސައްކަތް ކުރުމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައިި ބުނެފައި ވެއެވެ.
މީގެ އިތުރުން ބީލަން ހުށަހަޅާއިރު ބިޑް ސެކިޔުރިޓީގެ ގޮތުގައި 381000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އަދި ބިޑްތައް ހުޅުވުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 1:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގައި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް