ލަންކާގައި ދިރިއުޅޭ ދިވެހިންގެ މައްސަލަ ބަހަސަކަށް ނުގޮސް މަޖިލީހުން ބޭރުކޮށްލައިފި

ސްރީލަންކާގެ މަސްރަހު ގޯސްވެ ހަމަނުޖެހުންތަށް ގިނަވެފައިވާ މި ދަނޑިވަޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދަތިތަކާ ކުރިމަތިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމުން މެމްބަރުންގެ މެދ...

04 Apr 2022 | 07:11

ސްރީލަންކާގެ މަސްރަހު ގޯސްވެ ހަމަނުޖެހުންތަށް ގިނަވެފައިވާ މި ދަނޑިވަޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދަތިތަކާ ކުރިމަތިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމުން މެމްބަރުންގެ މެދުގައި ބަހުސް އަކަށް ނުގޮސް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ މަޖިލީހަށް ހުށަހެޅީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވަނީ ލަންކާގައި ސިޔާސީ، އިގްތިސާދީ އަދި އާންމު ހާލަތު ގޯސްވުމާ ގުޅިގެން އެ ގައުމުގައި މުޒާހަރާ ކުރުމާއި ހަމަނުޖެހުންތައް އިތުރުވެ ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް މެދުކެނޑި، އެ ގައުމުގައި ކާފިއު އިއުލާންކޮށްފައިވާ ކަމަށެވެ.

އެގޮތުން ލަންކާއަކީ ގިނަ އަދަދެއްގެ ކިޔަވާ ކުދިންނާ އަންހެނުންނާއި ގިނަ އަދަދެއްގެ އާންމުން ދިރިއުޅޭ ގައުމަކަށްވެފައި، ލަންކާގެ ހާލަތު ގޯސްވުމުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ކެއުން ބުއިމަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ޝަރީފްގެ މައްސަލަގައި ބުނެއެވެ.

އަދި އޭނާ ވިދާޅުވަނީ ގިނަ ވަގުތު ކަރަންޓު ނުލިބޭތީވެ ހޯދޭ މަދު ކާބޯތަކެތީގެ ބާވަތްތައް ފްރިޖުގައި ރައްކާ ކުރަން ދަތިވުމާއި ދަތުރުފަތުރު ކުރަން ދަތިވުމާއި މި ނޫނަސް އެތައް ވޭނަކާއި ތުރާލެއް ދިވެހިން ތަހަންމަލު ކުރަމުންދާ ކަމަށެވެ. އަދި ރޯދަ މަހު ދިވެހިންނާއި މުސްލިމުން ހޭދަކުރަނީ ދަތި، ނިކަމެތި ހާލެއްގައި ކަމަށް ވިދާޅުވިއެވެ.

އެހެންވެ، ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ވަކިވަކިން، ދުވަހުން ދުވަހަށް މޮނިޓަ ކުރުމަށާއި ކުރިމަތިވެފައިވާ ދަތިތަކާއި ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ދިވެހި ސަރުކާރަށް ގޮވާލާއްވާފައިވެއެވެ.

މި މައްސަލަ މަޖިލިހުގައި ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި 44 މެމްބަރުން ވޯޓު ދެއްވީ ބަހުސް ކުރަން ނުފެންނަ ކަމަށެވެ. ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. އެހެން ކަމުން މަޖިލީހުގެ ރިޔާސަތުން ނިންމެވީ މި މައްސަލަ ބަހުސަކަށް ނުގޮސް މަޖިލީހުގެ ތަޅުމުން ބޭރުކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް