ސްރީ ލަންކާގެ ކެބިނެޓުގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވައިފި އެވެ.
ކެބިނެޓުގައި މިހާރު ތިއްބެވީ ރައީސް ގޮތާބަޔާ ރާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސާ އެވެ. ކެބިނެޓުގައި ހިމެނޭ 26 ވަޒީރުން އިސްތިއުފާ ދެއްވީ ރޭގެ ވަގުތެއްގައި އެވެ.
ލަންކާގެ މަޝްރަހު ހޫނުވެފައި މިވަނީ އެގައުމުގެ އިގްތިސާދު އިނދަޖެހި، ގައުމު ތެލަށް ޖެހި ކާބޯތަކެތީގެ އަގު ތާރީހުގައި ނުދާވަރަށް މައްޗަށް ގޮސްފައިވާތީ އެވެ. މި މައްސަލައިގަ އިދިކޮޅުން ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މުޒާހަރާތައް ކޮންޓްރޯލް ނުކުރެވިގެން ރައީސް ގޮތާބަޔާ ވަނީ ލަންކާގައި ކުއްލި ހާލަތު އިއުލާނު ކުރައްވާފަ އެވެ. އަދި މިހާތަނަށް100 އެއްހާ މީހުން މުޒާހަރާތަކުން ހައްޔަރުކޮށް ކަރުގޭސް ޖަހައި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ބާރުގެ ބޭނުން ކުރި ނަމަވެސް ސަރުކާރަށް ކުރިއެރުމެއް ނުލިބެ އެވެ.
ކެބިނެޓް އިސްތިއުފާ ދެއްވުމުން މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އެވަރުން ނުފުދޭ ކަމަށާއި މިނިސްޓްރުން އިސްތިއުފާ ދެއްވުމަކީ އެއްވެސް މާނައެއް ނެތް ކަމެއް ކަމަށް ބުނެފަ އެވެ. އިސްތިއުފާ ދޭންވީ ރައީސް ގޮތާބަޔާ އާއި ބޮޑުވަޒިރު މަހިންދްރަ ކަމަށް ލަންކާގެ އިދިކޮޅު ޕާޓީތަކުން ވަނީ ގޮވާލާފަ އެވެ.
ކެބިނެޓް އިސްތިއުފާ ދެއްވުމާއި އެކު މަހިންދްރަ ވަނީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސަރުކާރެއް އެކުލަވާލުމަށް ތައްޔާރަށް އޮތް ކަން ހާމަ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް