ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި ވަކި ބަޔަކަށް ތަފާތު ކުރުމެއް ނުގެންގުޅެން: މީރާ

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އެއްވެސް ކުންފުންޏަކާއި މެދު ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ. މިރާއިން މިހެން ބުނެ ބަޔާނެތް ނެ...

04 Apr 2017 | 16:46

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އެއްވެސް ކުންފުންޏަކާއި މެދު ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މިރާއިން މިހެން ބުނެ ބަޔާނެތް ނެރެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާއި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒް ކުންފުނީގެ އެކައުންޓުތައް ފްރީޒް ކުރި މައްސަލައިގަ އެ ދެ ކުންފުނިން ހިތްހަމަ ނުޖެހުން ފާޅުކޮށް މީރާ އާއި ދެކޮޅަށް ވާހަކަދައްކަމުން ދާތީ އެވެ. އެ ދެ ކުންފުނީގެ އިސްވެރިން ވިދާޅުވެފައިވަނީ އެކައުންޓުތައް ފްރީޒްކޮށް ކުންފުނިތަކަށް ގެންލުން ލިބޭގޮތަށް ސަރުކާރުން އަމަލު ކުރަނީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނުކުރާތީ ޒާތީ ހަސަދަވެރިކަމެއްގެ ތެރެއިން ކަމަށެވެ.

މީރާއިން މިރޭ ކުއްލި ގޮތަކަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އެ އިދާރާ އިން އަމަލުކުރަނީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި އެންފޯސްމަންޓް ޕޮލިސީއާ އެއްގޮތަށް ކަމަށެވެ. އެ އިދާރާއިން ބުނީ ފިޔަވަޅު އެޅުމުގައި ވިޔަފާރީގެ ބާވަތާއި، ސައިޒާއި، ދައްކަންޖެހޭ ފައިސާގެ ބާވަތާއި، ވިޔަފާރިކުރާ ފަރާތުގެ އެހެނިހެން ހައިސިއްޔަތުތަކަށް ނުބަލާ ކަމަށެވެ.

މީރާގެ ބަޔާނުގައި ވަނީ އެ އިދާރާއިން މިހާތަނަށް ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވާ ތަފާސް ހިސާބުތަކެއް އާންމުކޮށްފައި އެވެ.

މި އަހަރުގެ މިހާތަނަށް 1،824 މީހަކާ މެދު ފިޔަވަޅު އަޅައިފި

އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ 270 ފަރާތެއް

ބޭންކް އެކައުންޑް ފްރީޒް ކޮށްފައިވަނީ 17 ފަރާތެއްގެ

މީރާ ބުނީ ބައެއް މައްސަލަތަކުގައި އަޅާފައިވާ ފިޔަވަޅުތައް ކޯޓުގެ މަތީ މަރުހަލާއިން ނިންމާގޮތަށް އިއާދަކޮށްފައިވެސް ހުންނާނެ ކަމަށެވެ. މީރާގެ ޕޮލިސީގައިވާ ގޮތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށްޓަކައި އަޅައިފައިވާ އެއްވެސް ފިޔަވަޅަކުން އެ ފަރާތެއް ވީއްލޭނީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާ މެދު މީރާއާ އެކު އެއްބަސްވުމަކަށް އައުމުން ނުވަތަ ކޯޓު ހުކުމެއްގެ ދަށުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް