ސްރީލަންކާގައި މިހާރު ފެތުރެމުންދާ ހުމާއި ރޯގާގެ ސަބަބުން އެ ގައުމުގެ ޔުނިވާސިޓީއެއް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ދަ ޔުނިވާސިޓީ އޮފް ޕްރިޑްނިޔާ ބަންދުކުރީ އެތަނުގެ 30 އިންސައްތަ ދަރިވަރުންނަށް "ވައިރަލް ފްލޫ" އެއް ޖެހުމުން ކަމަަށް ސަންޑޭ ޓައިމްސް ނޫހުގައި ހާމަކޮށްފައިވެއެވެ. އެގޮތުން ކެންޑީގެ ކައިރީގައިވާ ޕްރިޑްނިޔާ ނަމަކަށް ކިޔާ ސަރަހައްދުގައިވާ އެ ޔުނިވާސިޓީގެ 1000 ދަރިވަރަކު އެސަރަހައްދާއި ކެންޑީގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ކަަމަށް ހަބަރުތައް ބުނެއެވެ.
އަދި އެޑްމިޓްކޮށްފައިވާ ދަރިވަރުންނަށް ޖެހިފައި ވަނީ އެޗް1އެން1 ކަމަށް ބެލެވުނު ނަަމަވެސް އެކަން އަދި ކަށަވަރު ނުވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. ދަ ޔުނިވާސިޓީ އޮފް ޕްރިޑްނިޔާގެ ވައިސް ޗާންސެެލާ އުޕުލް ޑިސަނަޔަކަ ވިދާޅުވީ ޔުނިވާސިޓީ ބަންދުކުރުމަކީ ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ލަންކާގައި ޑެންގޫ ހުމާއި އެޗް1އެން1 ހަލުވިކަމާއެކު ފެތުރެމުން ދާކަމަށް މިދިޔަ އާދިއްތަ ދުވަހު އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި ތިން މަސްދުވަސް ތެރޭގައި ލަންކާގައި ޑެންގޫ ހުން ޖެހިގެން 53 މީހުން މަރުވެފައިވާއިރު ޑެންގޫ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 27,898 އަށް އަރައެވެ.
ފެތުރެމުންދާ ހުމުގެ ސަބަބުން އެގައުމުގެ 11 ޑިސްޓްރިކްޓަކަށް އެކަމުގެ އިންޒާރު ދީފައިވެއެވެ. އޭގެ ތެރޭގައި ވެރިރަށް ކޮލަމްބޯ، ގަމްޕަހާ، ކަލޫޓަރާ، ގާލީ، މަޓާރާ، ހަމްބަންޓޯޓާ، ބަޓިކަލޯއާ، ޓްރިކޮމޮލީ، ޖަފްނާ، ރަތުނާޕޫރާ އަދި ކިގާލީ ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް