ފޭސްބުކްގައި ލައިވް ވީޑިއޯ ކުރަމުން އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި 14 އަހަރުގެ ފިރިހެންކުއްޖަކު ހައްޔަރުކޮށް އިތުރު ކުދިންތަކެއް ހޯދަމުން އެބަދެ އެވެ.
މި ވީޑިޔޯ މިހާރު ފޭސްބުކުން ނަގައިފައި ވީނަމަވެސް ޗިކާގޯގެ ފުލުހުން ދަނީ އިތުރަށް މި ހާދިސާ ތަހުޤީގު ކޮށް ވީޑިޔޯއިން ފެނުނު ކުދިންތައް ހޯދުމުގެ މަސައްކަތް ކުރަމުން ނެވެ.
މި ހާދިސާގައި ރޭޕްވި އަންހެން ކުއްޖާގެ މަންމަ ފުލުހުންނާއި ހިސާބަށް މައްސަލަ ހުށަހަޅައިފައިވަނީ ފޭސްބުކްގެ ވީޑިޔޯގެ ސްކްރީން ޝޮޓްސް ތަކަކުން އޭނާގެ ދަރިފުޅު ފެނުނީމަ އެވެ. މި 15 އަހަރުގެ އަންހެން ކުއްޖާ 19 މާޗްގައި ގެއްލިފައިވާއިރު އޭނާ ފެނުމާއެކު ކުޑަކުދިންގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ވެއެވެ.
ޗިކާގޯ ފުލުހުން ބުނާގޮތުގައި އެ އަންހެން ކުއްޖާ އިނީ އަދި އެ ހާދިސާއާއި ބެހޭގޮތުން ވާހަކަދެއްކުމުގެ ހާލަތެއްގައި ނޫނެވެ. ފުލުހުންގެ ތަހުގީގަށް އިތުރު ކުރިއެރުން ލިބޭނީ އަންހެން ކުއްޖާ ތައްޔާރުވުމުން ކަމަށާއި މި ހާދިސާ ތަހުގީގު ކުރިޔައަށް ގެންގޮސް ގިނަ ކުދިންތަކެއް ހައްޔަރު ކުރެވޭނެކަމަށް ބެލެވޭކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި ވީޑިއޯ ފޭސްބުކްގައި ލައިވް ކޮށްފައިވާއިރު އެވަގުތު އެ ވީޑިޔޯ 40 ހަކަށް މީހުން ބަލާފައި ވެއެވެ. ޗިކާގޯގެ ފުލުހުން ހާމަކުރިގޮތުގައި އެ މީހުން އެ ވީޑިޔޯ ބަލަމުން ދިޔަ އިރު ފޯނު ނަގައިގެން ފުލުހުންނަށް ނުގުޅުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ.
މި ހާދިސާގައި ހައްޔަރު ކުރި ކުއްޖާ ވަނީ މިހާރު އެގައުމުގެ ޖިނާއީ ކޯޓުން ތިން އަހަރުގެ ހުކުމް އިއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް