ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން އުޅޭކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން ބޭނުންވަނީ ސަރުކާރުން ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހުގެ ބޭފުޅުން އެކަމަށް އެއްބަސްނުވާތީ މަހުލޫފާއި ދެކޮޅަށް އެފަދަ ދައުވާއެއް ނުކުރެވިގެން އުޅެނީކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
"ސަރުކާރުން ބޭނުންވަނީ މަހޭގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން. ނަމަވެސް އަދި ޕީޖީ ބޭފުޅުން އެއްބަސް ނުވާތީ ނުވެގެން އުޅެނީ،" އިމްރާން ވިދާޅުވެފައި ވެއެވެ.
https://twitter.com/ShImranAb/status/584252301847572480
އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ މަހުލޫފު ހައްޔަރުކުރުމާއި ގުޅިގެން އިމްރާން ވަނީ މަހުލޫފު ހައްޔަރު ކުރީ ރާވައިގެން "ފްރޭމް" ކުރެވިގެން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ލިސްޓުގައި ދެން ތިއްބެވީ އޭނާ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މަހުލޫފު ދޫނިދޫ ޖަލުން ގޭބަންދަށް ބަދަލު ކުރުމަށް ފަހު އަނެއްކާވެސް ކޯޓަށް ހާޒިރުކޮށް ޝަރުތުތަކަށް އެއްބަސް ނުވުމުން ޖަލަށް ބަދަލު ކުރުމަކީ އަނިޔާވެރިކަމެއްކަމަށް އިމްރާން ވިދާޅުވެފައިވެ އެވެ.
މަހުލޫފު އަލުން ޖަލު ބަންދަށް ބަދަލު ކުރީ މުޒާހަރައަށް ނުދާން ޝަރުތުކުރުމުން އެކަމަށް އެއްބަސްނުވުމުންނެވެ. މަހުލޫފް ވަނީ ވެރިކަން ކުރާ ޕާޓީގައި ހުންނެވުމަށް ފަހު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ހަތިޔާރު ފެނުންކަމަށް ބުނެ ދައުވާކުރަން ނިންމުމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
އަދި އެކަމާއި ގުޅިގެން ސަރުކާރުގެ ތެރެއިން މަހުލޫފަށް ފިއްތުންތައް ކުރިމަތިވެ އިންޒާރު ލިބެމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް