މާލެ އާއި ހުޅުލެއާއި ދެމެދު އަޅަން ހަމަޖެހިފައިވާ ބްރިޖުގެ އެންމެ ފަހުގެ ސާވޭގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަސައްކަތް ކުރަމުންދަނީ ޗައިނާގެ ޓީމަކާއި ހައުސިންގ މިނިސްޓްރީގެ ޓީމެއް ގުޅިގެން ނެވެ. ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ މިއަދު ފެށި ސާވޭ އަކީ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދާ އެންމެ ފަހުގެ ސާވޭ ކަމަށާއި މި މަސައްކަތުގައި ކުރިޔަށްދާނީ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ޓެކްނިކަލް މަސައްކަތްތައް ކަމަށެވެ.
މި މަސައްކަތް ކުރިޔަށް އޮތް ދެ މަސްތެރެ ނިންމާނެކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި މި ސާވޭ މާލެގެ އިތުރުން ހުޅުލެއާއި ހުޅުމާލޭގައިވެސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޗައިނާގެ ޓީމަކުން ބްރިޖްގެ ޓެކްނިކަލް މަސައްކަތްތައްކެއް ފެށި އިރު ހަމަ އެގައުމުގެ ޓީމެއް ދަނީ ބްރިޖްގެ ޑިޒައިންގެ މަސައްކަތްތައް ސަރުކާރާއި އެކު މިހާރު ކުރަމުންނެވެ. އިކޮނޮމިކް ކައުންސިލުން ބުނެފައިވަނީ ބްރިޖް ޑިޒައިންގެ މަސައްކަތް ޖޫންގެ ނިޔަލަށް ނިމޭނެ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ބްރިޖްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
އަދި ބްރިޖަށް ހިނގާ ހަރަދު މުޅިން އެނގިގެންދާނީ ޑިޒައިންގެ މަސައްކަތް ނިމުމުން ކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް