ޔަމަނުގައި ތާށިވެފައި ތިބި ދިވެހިން ސަލާމަތްކޮށްފި

ޔަމަނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެ ގައުމުގައި ތިބި ދިވެހި ކިޔަވާ ކުދިން ޔަމަނުން ބާލާފައިވާކަމަށް އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ބުނެފި އެވެ. އިންޑިއާގައި ހުންނަވ...

04 Apr 2015 | 07:25

ޔަމަނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެ ގައުމުގައި ތިބި ދިވެހި ކިޔަވާ ކުދިން ޔަމަނުން ބާލާފައިވާކަމަށް އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ބުނެފި އެވެ.

އިންޑިއާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު އަހުމަދު މުހައްމަދާއި ހަވާލާދީ އިންޑިއާގެ ދަ ހިންދޫ ނޫހުގައި ބުނެފައިވަނީ ޔަމަނުގައި ތިބީ ދިވެހި ދެ ކުދިން ކަމަށާއި އެ ދެ ކުދިން މިހާރު އެ ގައުމުން ގެނެސްފައިވާ ކަމަށެވެ. އަދި އެކަން ކުރީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ނަމަވެސް އެ ކުދިން މިހާރު ތިބި ކޮންތާކުކަމެއް އަދި އެކުދިން އެ ގައުމުން ގެނައީ ކޮންއިރަކު ކަމެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ދިވެހި ދެ ކުދިން ގެނެސްފައިވަނީ ޔަމަނުގައި ތިބި އިންޑިއާގެ ރައްޔިތުން ސަލާމަތް ކުރުމަށް މިދިޔަ އާދީއްތަ ދުވަހު އިންޑިއާ ސިފައިން ހިންގި އޮޕަރޭޝަނުގައެވެ.

އިންޑިއާ ސިފައިން ވަނީ އެގައުމުގެ ސިފައިންގެ އުޅަނދުތަކުގައި ޔަމަނުގައި ތިބި އިންޑިއާގެ ގިނަ ރައްޔިތުންތަކެއް މުމްބާއީ އަށާއި ކޮޗިންއަށް ގެންގޮސްފަ އެވެ. އަވަށްޓެރި ސްރީލަންކާއިން ވެސް ދަނީ ޔަމަނުގައި ތިބި އެގައުމުގެ ރައްޔިތުން ބޭލޭނެ ގޮތްތަކެއް ހޯދަމުންނެވެ.

ޔަމަނުގައި ތިބި ދިވެހި ކުދިން ސަލާމަތްކޮށްފައިވާ ކަމަށް އިންޑިއާގައި ހުންނަ ދިވެހި ހައިކޮމިޝަނަރު ވިދާޅުވި ނަމަވެސް، އެކަމާ ގުޅޭގޮތުން މިހާތަނަށް ފޮރިންގ މިނިސްޓްރީން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ސައުދީ އަރަބިއްޔާ އިސްވެ އޮވެ ޔަމަނަށް ދެމުންދާ ވައިގެ ހަމަލާތަކަކީ އެގައުމުގައި ހަނގުރާމަ ކުރަމުންދާ ހޫދީން ޔަމަނުގެ ރައީސް ހާދީ އަތުން ވެރިކަން ފޭރިގަނެގެން އުޅޭތީ ވެރިކަން ހަވާލު ކުރަންދެން ކުރާ ހަނގުރާމައެއްކަމަށް ސައުދީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް