ދިރާސީ ގޮތުންނާއި ސަގާފީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭގޮތުން، ދިވެހި ބަހުގެ އެކެޑެމީއާއި އިންޑިޔާގެ އަލީގަޅު މުސްލިމް ޔުނިވާސިޓީއާ ދެމެދު މަޝްވަރާކޮށްފި އެވެ.
އިންޑިޔާގެ ސަގާފީ އަދި ތައުލީމީ ކަންކަމާ ބެހޭގޮތުން މައުލޫމާތު އެއްކުރުމަށް މިހާރު އިންޑިއާއަށް ގޮސް އުޅޭ ދިވެހި ބަހުގެ އެކެޑެމީގެ ވަފްދާއި އެ ޔުނިވާސިޓީއާ ދެމެދު މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ބައްދަލުވުމުގައި އަލީގަޅު މުސްލިމް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ލިއުޓޭނަންޓް ޖެނެރަލް ޒަމީރުއްދީން ޝާހުއާއި އެ ޔުނިވާސިޓީގެ އެހެނިހެން އިސްވެރިންނާ ބައްދަލުކޮށްފައެވެ.
އަލީގަޅު މުސްލިމް ޔުނިވާސިޓީއަކީ ރާއްޖޭގެ ތާރީހާއި ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. އެއީ ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކިޔަވާ ވިދާޅުވި ޔުނިވަސިޓީއެކެވެ. އަދި ރާއްޖޭގެ ތިންވަނަ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމަށް، އެ ޔުނިވާސިޓީއިން ވަނީ ބެޗެލަރ އޮފް ލެޓަރސްގެ ރަމްޒީ ޑިގްރީއެއްވެސް އަރުވާފައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ކަލްޗަރަލް ސެންޓަރުން އިންތިޒާމު ކުރި ދަތުރެއްގައި ދިވެހިބަހުގެ އެކެޑެމީގެ މެމްބަރުން ގެންދަވަނީ އިންޑިއާގެ ބޮޑެތި ބައެއް ސިޓީތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން ނިއުދިއްލީއާއި ބެންގަލޫރާއި ތިރުވަނަންތަޕޫރަމަށް ކުރައްވާ އެ ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ އިންޑިއާގެ ސަގާފަތާއި ތާރީހާ ބެހޭ މައުލޫމާތު އެއްކުރެއްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް