އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ޙުސްނުއްސުޢޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުފޫޒު ފޯރުވަނީ ކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވައިފިއެވެ. މ...

04 Mar 2025 | 09:26

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުފޫޒު ފޯރުވަނީ ކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސް ކުރައްވައި ފޮނުއްވެވި ސިޓީފުޅެއްގައެވެ.

ޙުސްނުއްސުޢޫދުގެ އެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގެނައި އިޞްލާޙަކީ ޤާނޫނު އަސާސީގެ އަސާސްތަކާ އުސޫލުތަކާ ޚީލާފުވުމުގެ ސަބަބުން، ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާޠިލު އިޞްލާޙެއް ކަމަށްބުނެ އެ އިޞްލާޙު ބާތިލުކުރުމަށް އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމުމާއެކު  ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއާ ޚިލާފަށް ރާއްޖޭގެ ޢަދުލު އިންސާފަށް ނުފޫޒު ފޯރުވައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް އެ ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކައި ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ރައީސް ބޭނުންފުޅުވެލައްވާ ގޮތަކަށް ނިންމުމަށް ނުފޫޒު ފޯރުވަމުންގެންދާތީ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާކަމަށެވެ.

އިސްތިއުފާ ދެއްވި އިރު ޙުސްނުއްސުޢޫދު ހުންނެވީ ސަސްޕެންޝަންގައެވެ. މި ސަސްޕެންޝަން ގެނައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް މަޖިލީހުގެ ތަޅުމުން ފާސްކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބައްދަލުވުމެއް ބޭއްވުމަށްފަހުގައެވެ. އެ ކޮމިޝަނުން ބުނެފައިވަނީ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރަން ނިންމީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުން އަންނަކަން ޖޭއެސްސީއަށް އަންގާފައިވުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް