ސްޓެލްކޯއިން ބުނަނީ ދެ ބިލު ގާތްގާތުގައި ފޮނުވާލުމުގެ މަގުސަދަކީ ބެކްލޮގް ފިލުވާލުމާ ރޯދަ ޑިސްކައުންޓް ފުރިހަމަ ގޮތުގައި ދިނުން ކަމަށް

ދެ މަހުގެ ދެ ބިލު ގާތްގާތުގައި ފޮނުވާލުގެ މައިގަނޑު ދެ މަގުސަދަކީ ބެކްލޮގު ފިލުވާލުމާއި ރޯދަ ޑިސްކައުންޓް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިނުން ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ...

04 Mar 2025 | 08:20

ދެ މަހުގެ ދެ ބިލު ގާތްގާތުގައި ފޮނުވާލުގެ މައިގަނޑު ދެ މަގުސަދަކީ ބެކްލޮގު ފިލުވާލުމާއި ރޯދަ ޑިސްކައުންޓް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިނުން ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެމްޑީ ވިދާޅުވެފައިވަނީ ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއް ކަމަށާއި ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންއަރުވާ ކަމަށެވެ.

"ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން އަޅުގަނޑުމެން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއް، އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކަށް ނިންމި ނިންމުމެއް، އަދި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއްވެސް ނޫން، ބިލްތަކުގެ ރީޑިންގ ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެ" އެމްޑީ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް ކަމަށާއި އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް ވަނީ 30 ދުވަހުގެ މުހުލަތެއްވެސް ދެވިފައިވާނެ ކަމަށެވެ.

މި ބިލް ފޮނުވުމުގެ މަގުސަދު ތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުންވެސް ހިމެނޭ ކަމަށާއި މީގެ ކުރިން މި ދެންނެވި ބެކްލޮގާއި އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް ކަމުގައި ބުނެފައިވެއެވެ.

އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދު ކަމަށާއި މީގެ އިތުރުން މި ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެމަހެއްގެ ފަހު ހަފްތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑިލިވަރ ކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިންގ އާއި މީޓަރާއި އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ ކަމުގައިވެސް ސްޓެލްކޯގެ އެމްޑީ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް