ވިލިމާލެއާ ގުޅޭ ކަންކަން ނާންގާ ނިންމާ ކަމަށް ވިދާޅުވެ ކައުންސިލަރު ނަހުލާގެ ކަންބޮޑުވުން

ވިލިމާލެ އާއި ގުޅޭ ކަންކަން މާލޭ ސިޓީ ކައުންސިލުން ނިންމާއިރު ނާންގާ ކަމަށް ވިދާޅުވެ އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ. ނަހުލާ މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ...

04 Mar 2023 | 11:33

ވިލިމާލެ އާއި ގުޅޭ ކަންކަން މާލޭ ސިޓީ ކައުންސިލުން ނިންމާއިރު ނާންގާ ކަމަށް ވިދާޅުވެ އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ނަހުލާ މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވިލިމާލެއާއި ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު އޭނާއަށް ދީފައި ނުވާތީ ނުރުހުން ފާޅު ކުރައްވާ ނެރުނު ބަޔާނުގައި އެވެ.

ނަހުލާ ވިދާޅުވީ އެރޭގެ ބައްދަލުވުމުގައި އާންމުން ބައެއް ސުވާލުތައް ކުރި ވަގުތު މައިކުގެ އަޑު ކަނޑާލާފައިވާ ކަމަށެވެ. އަދި ބައެއް ސުވާލުތަކަށް ހަގީގަތާ ހިލާފަށް ކައުންސިލުން ޖަވާބު ދިން ކަމަށެވެ.

ރެޑްވޭވް އަށް ވިލިމާލެއިން ބިން ދިން ގޮތާއި ގުޅޭގޮތުން އެރޭ ބައްދަލުވުމުގައި މޭޔަރު ދެއްކެވި ވާހަކަތައްވެސް ނަހުލާ ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ ރެޑްވޭވަށް ބިން ދިނީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނީގޮތުގައި ހިމެނިގެން ބިޑް ކޮމެޓީން ނިންމައިގެން ކަމަށް މޭޔަރު ވިދާޅުވި ނަމަވެސް އކަން ސާފު ނުވާ ކަމަށެވެ.

ނަހުލާ ވިދާޅުވީ އެފަދަ ނިންމުމެއް ނިންމި އިރު ދާއިރާގެ ކައުންސިލަރަށް އެކަން ނޭނގޭ ކަމަށެވެ. އެކަން ކައުންސިލް ބައްދަލުވުމަށްވެސް ގެނެސްފައި ނުވާ ކަމަށެވެ.

ހުލާ ވިދާޅުވީ ޕީޕީއެމުން އޭނާ ވަކިކުރުމަށް ފަހު، ސިޓީ ކައުންސިލްގެ ވިލިމާލޭ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކޮށްފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އޭނާ އަށް އެންގުމެއް ނެތި އަދި ބިޑް ކުރުމާއި އިއުލާން ކުރުމެއް ނެތި ކޮމިޓީން ކަންކަން ނިންމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

ނަހުލާ މިދިޔަ އަހަރު ޕީޕީއެމުން ވަކިކުރީ އެ ޕާޓީގެ ލީޑަޝިޕް ބަދުނާމުކޮށް، އެ ޕާޓީގެ ކެންޑިޑޭޓުންނަށް އެންޓި ކެމްޕެއިން ކުރި ކަމަށް ތުހުމަތުކޮށެވެ. ޕާޓީން ވަކިކުރުމުގެ ކުރިން ވެސް އޭނާ އެ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް