އައްބާސްގެ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާގެ އަޑުއެހުން މާދަމާ

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ ގައި ހުޅުޖެހުމަށް ހިތްވަރު ލިބޭގޮތަށް  ޓްވީޓް ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި، ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާގެ މައްޗަށް ކޮ...

04 Mar 2023 | 10:47

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ ގައި ހުޅުޖެހުމަށް ހިތްވަރު ލިބޭގޮތަށް  ޓްވީޓް ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި، ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފިއެވެ.

އައްބާސްގެ މައްޗަށް ކޮށްފައިވާ ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ދަޢުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން އައްބާސްގެ މައްޗަށް ކޮށްފައި ވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ ކަމަށެވެ.

އެގޮތުން އައްބާސް ވަނީ 22 ޑިސެންބަރު 2022 ގައި "ކްލަބްހައުސް" ގައި ވާހަކަ ދައްކަމުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ހަމަނުޖެހުމަށް ހިތްވަރުދީ ވާހަކަ ދައްކާފައި ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

މީގެ އިތުރުން މި ދައުވާ ޕީޖީ އޮފީހުން އައްބާސްގެ މައްޗައް އުފުލާފައި ވަނީ އައްބާސްގެ ނަމުގައި އޮންނަ ޓްވިޓާ އެކައުންޓަކުން މިދިޔަ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓް ކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން އޭނާ އަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވެއެވެ.

އައްބާސްގެ މައްޗަށް ކޮށްފައިވާ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ ސާބިތުވެއްޖެނަމަ އޭނާއަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް