އެސް.ޓީ.އޯއިން ތަރައްގީކުރުމަށް ނިންމާފައިވާ ގޮދަންފުށް އުފައްދާ ކާރުޚާނާ އަޅަން ނިންމާފައި ވަނީ ކުޅުދުއްފުށީ ސިޓީގައިކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ގޮދަންފުށް ކާރުޚާނާ ތަރައްޤީކުރުމަށް ބޭނުންވާ ސަރވޭތަކުގެ މަސައްކަތް ނިމި އެކަމަށް ބޭނުންވާ ފަންޑުވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ.
ގޮދަންފުށް ކާރުޚާނާ ތަރައްޤީކުރުމަށް ބޭނުންވާ ބިން ކުޅުދުއްފުށިން ހަމަޖެހުނުހާ އަވަހަކަށް އެކަމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށެވެ.
ގޮދަން ފުށް ކާރުހާނާ ތަރައްޤީ ކުރުމުން ބައިވަރު ވަޒީފާ އުފެދިގެންދާނެ ކަމަށާއި އޭގެ ސަބަބުން އިތުރު ވިޔަފާރިތައް ހުޅުވިގެންދާނެ ކަމުގައި އަމްރު ވިދާޅުވިއެވެ.
އަދި އެ ކާރުޚާނާ ވެގެންދާނީީ މުޅިރާއްޖެއަށް ފުށް އުފައްދައިދޭ ކާރުޚާނާއަކަށް ކަމަށް އަމްރު ވިދާޅުވިއެވެ.
އެސް.ޓީ.އޯއިން މިކަން ކުރުމަށް ނިންމާފައިވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ޤާއިމުކުރާ ކާރުޚާނާގައި ތައްޔާރުކޮށް ބަންދުކުރާ ގޮތަށެވެ.
މިފަދަ ކާރުޚާނާއެއް ރާއްޖޭގައި ޤާއިމު ކުރެވުމުން އެކި ބޭނުންތަކަށް ޚާއްސަ ފުށް ތާޒާކަމާއެކު އުފެއްދޭނެކަމަށާއި، އެތަކެތި ރައްކާކޮށްފައި ބެހެއްޓޭނެ މުއްދަތު އިތުރުވެގެންދާނެކަމަށް އެސް.ޓީ.އޯއިން ބުނެއެވެ.
މީގެ އިތުރުން އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވައްތަރުގެ ފުށް މި ކާރުޚާނާއިން ރާއްޖޭގެ ބާޒާރަށް ނެރޭނެކަމަށް އެސް.ޓީ.އޯއިން ހާމަކުރެއެވެ.
ގޮދަންފުށް ކާރުޚާނާ ކުޅުދައްފުށީގައި ތަރައްޤީކުރުމުން އެ ސިޓީއަށާއި އެ ސަރަޙައްދަށްވެސް ވިޔަފާރިއާއި އިޤްތިޞާދީގޮތުން އެތައް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ.
އެކުންފުނީގެ ގޮދަންފުށް ކާރުޚާނާ ޤާއިމުކުރުމަށް ކުޅުދުއްފުށި ޚިޔާރުކުރީ އެރަށަކީ އުތުރުގެ ވިޔަފާރީގެ މައި ހަބުކަމަށްވެފައި، އެ ސަރަޙައްދަކީ އެފަދަ ކާރުޚާނާއެއް ހިންގުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދަށްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް