ޔޫކްރެއިންގެ ސަރަހައްދުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަކި ގަޑިތަކެއްގައި ހަމަލާ ދިނުން ހުއްޓާލަނީ

ޔޫކްރެއިންއަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިއާ ސިފައިންގެ ހަމަލާތަކުގައި އެކި ސަރަހައްދުތަކުގައި ތާށިވެފައި މީހުންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަލާ ދިނުން މެ...

04 Mar 2022 | 09:30

ޔޫކްރެއިންއަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިއާ ސިފައިންގެ ހަމަލާތަކުގައި އެކި ސަރަހައްދުތަކުގައި ތާށިވެފައި މީހުންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަލާ ދިނުން މެދުކަނޑާލަން ރަޝިއާއިން އެއްބަސްވެއްޖެ އެވެ.

މިގޮތަށް ރަޝިއާއިން އެއްބަސްވީ ސުލްހަ ގާއިމްކުރުމަށް ދެ ގައުމުގެ ދެމެދުގައި ފަށާފައިވާ ރަސްމީ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުމުގައި އެވެ. މި ބައްދަލުވުންތައް ކުރިޔަށް ދަނީ ބެލަރުސް ބޯޑަރުގައި އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިންއަށް އަރައި ރަޝިއާއިން ދަނީ މެދުކެނޑުމެއް ނެތި ވަޔާއި ކަނޑު އަދި އެއްގަމު މަގުން ހަމަލާ ދެމުންނެވެ. ރަޝިއާގެ އަމާޒަކީ ޔޫކްރެއިން އަސްކަރީ މަރުކަޒުތައް ކަމަށް ބުނި ނަމަވެސް ބޮޑެތި ސިޓީތަކާއި ވެރިރަށް ކީވްއަށް ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން ދަނީ މަރުވަމުންނެވެ.

ޔޫކްރެއިން އިން ބުނެފައިވާ ގޮތުގައި އިއްޔެގެ ނިޔަލަށް 2،000 އަށްވުރެ ޔޫކްރެއިން ރައްޔިތުން ރަޝިއާގެ ހަމަލާތަކުގައި މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ހިމެނެ އެވެ.

ހަމަލާތަކުން ސަލާމަތްވުމަށް ގިނަ ބަޔަކު އަމިއްލަ ގެދޮރު ދޫކޮށް އަވައްޓެރި ގައުމުތަކަށް ހިޖުރަ ކުރަމުންދާއިރު އެތައް ހާސް ބަޔަކު ބިންގަރާސްތަކުގައިވެސް އެބަތިއްބެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް އުނދަގޫވެފައިވަނީ މިފަދަ މީހުންނާއި ހަމަލާތަކާއި ގުޅިގެން ދަތުރު ކުރުން ދަތިވެފައިވާ ސަރަހައްދުތަކަށެވެ.

މި ބައްދަލުވުމުގައި ރަޝިއާއިން ވަނީ ޔޫކްރެއިން ސަރުކާރާއި ގުޅިގެން އެ ސަރަހައްދުތަކުގައި ތިބި މީހުންނަށް ކާބޯތަކެއްޗާއި އަންނައުނާއި އެނޫންވެސް ޒަރޫރީ އެހީ ފޯރުކޮށްދިނުމަށް ވަގުތުތަކެއް ދިނުމަށް އެއްބަސްވެފަ އެވެ. މި ވަގުތުތަކުގައި ބިންގަރާސްތަކާއި ހަމަލާގެ ސަބަބުން ހުއްޓުމަށް އައިސްފައިވާ ބައެއް ސަރަހައްދުތަކުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ގެންދަންވެސް ވަގުތު ދޭނެ ކަމަށް ރަޝިއާއިން ބުނެ އެވެ.

އެކަމަކު ހަމަލާތައް ހުއްޓާލާނެ ދުވަސްތަކާއި ހުއްޓާލާނީ ކިހާ ވަގުތަކަށް ކަމެއް އަދި ރަޝިއާއިން ހާމައެއް ނުކުރެ އެވެ.

ރަޝިއާއިން ވަނީ ޔޫކްރެއިންގެ ވެރިރަށް ކީވް އެއްކޮށް ވަށާލާފަ އެވެ. އެކަމަކު ވަރުގަދަ ހަމަލާތަކެއް ދިނުމުންވެސް ބޭނުންވި އަވަސްމިނުގައި އެ ސިޓީ ހިފިފައި ނުވާއިރު އިއްޔެ ވަނީ އެތެރެއަށް ވަދެގަތުން މަޑުޖައްސާލާފަ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވީ ޔޫކްރެއިންގައި އެ ގައުމުގެ ސިފައިން ކުރަނީ ހަނގުރާމައެއް ނޫން ކަމަށާއި އެއީ އަސްކަރީ އޮޕަރޭޝަނެއް ކަމަށެވެ. ހަނގުުރާމަ ފެށޭނީ އެހެން ގައުމަކުން ޔޫކްރެއިން އާއި ބައިވެ، އެގައުމަށް ގޮސް ރަޝިއާ ސިފައިންނާއި ދެކޮޅަށް ހަމަލާދޭން ފަށައިފި ނަމަކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް