ހުޅުމާލޭގައި އުމުރުން 27 އަހަރުގެ އަންހެނަކު ރޭޕް ކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 10 ޖަހާ ހާއިރު އެވެ. ފުލުހުން ބުނީ އަންހެނަކާއި މެދު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލަ ބަލަމުން ދަނީ ސީރިއަސް މައްސަލައެއްެ ގޮތުގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ ރޭޕް ކޮށްފައިވަނީ ހުޅުމާލޭ ސިނާއީ ސަރަހައްދުގައި އެވެ. އެ ސަރަހައްދަކީ އާންމުކޮށް މީހުން ގޮސް އުޅޭ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގައި ގިނައިން ދިރިއުޅެނީ ބިދޭސީންނެވެ.
މިދިޔަ އަހަރު ފަހު ކޮޅުވެސް ވަނީ ހިނގާފައި ދިޔަ އަންހެނަކު ހިފަހައްޓާ ބަދުއަހުލާގީ އަމަލު ހިންގަން ބިދޭސީ އަކު އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި އެވެ.
މީހެއްގެ މައްޗަށް ރޭޕް ކުރުމުގެ ކުށެއް ސާބިތުވެއްޖެނަމަ، 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް