ބިލެއްދޫ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

ފ. އަތޮޅު ވިއްކާލާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތު ތަކާއި ގުޅިގެން އެ އަތޮޅު ބިލެއްދޫގައި އިއްޔެ ކުރި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ. ބިލެ...

04 Mar 2017 | 06:30

ފ. އަތޮޅު ވިއްކާލާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތު ތަކާއި ގުޅިގެން އެ އަތޮޅު ބިލެއްދޫގައި އިއްޔެ ކުރި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ.

ބިލެއްދޫގައި އިއްޔެ ކުރި މުޒާހަރާ އާއި ގުޅިގެން ފަސް ވަރަކަށް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އިއްޔެ ކުރި މުޒާހަރާ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހުންނަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލީ ކަމަށް އޮފިސަރު ވިދާޅުވި އެވެ.

ބިލެއްދޫ ކައުންސިލް މެންބަރު ހަސަން މައުމޫން ވިދާޅުވީ އިއްޔެ މުޒާހަރާ ކޮންޓްރޯލް ކުރަން ގިނަ އަދަދެއްގެ ފުލުހުން އެ ރަށަށް ދިޔަ ކަމަށެވެ. އަދި ބިލެއްދޫއަށް ދާ ބޯޓު ފަހަރުގައި ފޮތި އެރުވުން މަނާކޮށްފައިވާ ކަމަށެވެ.

ބިލެއްދޫގައި ކުރި މުޒާހަރާގައި އާންމުން ފާޅުކޮށްފައިވާ ޝުއޫރުތަކުގެ ތެރޭގައި ފ. އަތޮޅުގައި ހިންގަން އުޅޭ މަޝްރޫއުގެ ތަފްސީލް ހިއްސާ ކުރުމަށް އެދުނެވެ. މުޒާހަރާގައި ބޭނުން ކުރި ބައެއް ބެނާތަކުގައި ލިޔެފައިވަނީވެސް އަރަބި ބަހުންނެވެ.

ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ބުނެ މުޒާހަރާ ކުރި އިރު ރައީސް އަބްދުﷲ ޔާމީން ވަނީ އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށް ވިދާޅުވެފައި އެވެ. ރައީސް ވިދާޅުވީ ފ. އަތޮޅަށް ގެންނަން އުޅެނީ 10 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް