އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމްގެ ޓިކެޓުގައި ރަށްރަށުގައި ވާދަ ކުރާނެ ތިން ކެންޑިޑޭޓުން ހަަ ނުވެގެން އެންމެ ފަހު ވަގުތު ބުރަ މަސައްކަތްތަކެއް ކޮށްފި އެވެ.
ކައުންސިލް އިންތިހާބުގައި ވާދަ ކުރުމުގެ މުއްދަތު ހަމަވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއްދަތު ހަމަވި އިރުވެސް ބައެއް ރަށްރަށުގައި ޕީޕީއެމް ޓިކެޓު ދޭނެ ތިން މީހުން ހަމައެއް ނުވެ އެވެ. އެ ރަށްރަށަށް އަތޮޅުގައި ޕީޕިއެމް ހިންގާ ކޮމިޓީތަކުން ގުޅައިގެން ވާހަކަ ދައްކައިގެންވެސް ހަމަ ނުވި ކަމަށް ވެ އެވެ.
މީގެ ތެރެއިން އުތުރުގެ ރަށެއްގައި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރަން ކުރިމަތިލީ އެންމެ މީހެކެވެ. ތިން މީހުން ހަމަ ކުރުމަށް ދެ ހަފްތާވަރު ވަންދެން އެކި މީހުންނަށް ގުޅައިގެންވެސް ވާދަ ކުރާނެ މީހަކު ނުވި ކަމަށް އެ ރަށުން ދުވަހަށް މައުލޫމާތު ދެމުން ޕީޕީއެމްގެ ސަޕޯޓަރަކު ބުންޏެވެ.
އޭނާ ބުނީ އެކި މީހުންނަށް ފޯނުން ގުޅަގެން ނުވުމުން އެ އަތޮޅު ކައުންސިލްގައި ހިމެނޭ ޕީޕީއެމްގެ ދެ މެންބަރުން މިދިޔަ އާދިއްތަ ދުވަހު ރަށަށް ވަޑައިގެން ދޮރުން ދޮރަށް ހިނގައިގެންވެސް ޓިކެޓުގައި ހިފާނެ މީހަކު ނުވި ކަމަށެވެ.
"ކޮންމެ މީހަކުވެސް ބުނީ މި ރަށަކުން ނުހޮވޭނޭ ޕީޕީއެމް ނަމުގައި ކުރިމަތި ލައިގެންނެއް. އެ ބޭފުޅުން ބުނީ ސަރުކާރު ޕާޓީން ނުކުތީމަ ހޮވޭނޭ. އެކަމަކު އެކަން ގަބޫލެއް ނުކުރި އެކަކުވެސް. ވަރަށް ހިތްހަމަ ނުޖެހި ތިބެ ދިޔައީ،" ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އެހެން ރަށެއްގެ މީހަކު ބުނީ އޭނާ އަކީ ޖުމްހޫރީ ޕާޓިގެ މެންބަރެއް ކަމަށެވެ. އެކަމަކު ޕީޕީއެމްހގެ އެ އަތޮޅު ކެމްޕެއިން އޮފީހުން ގުޅައި ވާދަ ކުރަން އެދުމުން އެކަމަށް އިންކާރުކުރި ކަމަށެވެ.
އަދި ކުރު ނުކުރުމުން އޭނާ އަކީ ޖޭޕީ މެންބަރެއް ކަމަށް ބުނުމުން، އެކަން ހަމަ ޖެހޭނެ ކަމަށް ބުނި ކަމަށެވެ.
"އަހަރެން ކައިރީ ބުނި ޕީޕީއެމް ޓިކެޓުގައި ވާދަ ކުރަން ނިންމާށޭ. އެހެން ޕާޓިއެއްގެ މެންބަރަކަށް ވިޔަސް މައްސަލައެއް ނޫނޭ. އެކަން ހައްލު ކޮށްދެވިދާނޭ މިއަދުވެސް،" އެމީހާ ބުންޏެވެ.
ޕީޕީއެމްއިން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ ކައުންސިލް އިންތިހާބުގެ ކެމްޕެއިން މި ފެށޭ ހަފްތާގައި އަތޮޅު ތެރޭގައި ފަށާނެ ކަމަށްވެ. މިފަހަރުގެ އިންތިހާބުގައި 653 ކައުންސިލަރުން ހޮވާނެ އެވެ. ޕީޕިއެމްއިން ބުނީ އެޕާޓީގެ ޓިކެޓުގައި 600 އެއްހާ މީހުން ވާދަ ކުރާނެ ކަމަށެވެ.
ޕީޕީއެމް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައަޅައި ކެމްޕެއިން ފެށުމަށް ފަހު ކެންޑިޑޭޓުންނާއި ޓިކެޓު ހަވާލު ނުކުރާ ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައި އެވެ.
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފެކްޝަނަށް ތައްޔާރު ނުވޭވީ ޖެނުއަރީ 14 ގައި ބާއްވަން ހަމަޖެހިފައި އޮތް އިންތިހާބު އެޕްރިލް މަހަށް ފަސް ކުރީ ސިވިލް ކޯޓުގެ އަމުރަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް