ރަންބީރު ކަޕޫރު އާއި ކެޓްރީނާ ކައިފް ގެ 7 އަހަރުވީ ލޯބީގެ ގުޅުން މިދިޔަ އަހަރުގެ ކުރީކޮޅު ނިމުމަކަށް އައިފަހުން ދެމީހުން އެއްކޮށް ފެންނަ ފުރަތަމަ ފިލްމަކީ ޖަގާޖާސޫސްއެވެ. ފިލްމުގެ ޝޫޓިންގެ މިދިޔަ އަހަރުގެ ފަހު ކޮޅު ފެށުނީއްސުރެ މިދެމީހުންގެ ވާހަކަތައް މީޑިޔާއަށް ސިއްރުވެފައެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. ސެޓް ތެރޭގައިވެސް މިދެމީހުން ވަކި މިންވަރެއްގެ ދުރުމިނެއް ބަހައްޓަން ވަނީ އެތައް މަސައްކަތްތަކެއްކޮށްފައެވެ. ޝޫޓިންގ ނިމި ފިލްމުގެ ޕްރޮމޯޝަނާ ހިސާބަށް އާއިރުވެސް މިދެމީހުންގެ މިޑްރާމާތަކަށް ނިމުމެއް ނާދެއެވެ.
ދާދިފަހަކާ ޖެހެންދެންވެސް ދެމީހުންގެ ފޭނުން، ފިލްމުގެ ޕްރޮމޯޝަންގައި ދެދަތަރިން އެއްކޮށް ފެނިގެން ހިނގައިދާނެކަމާމެދު ތިބީ ސުވާލު މާކެއްގެ ތެރޭގައެވެ. ފަހަކާޖެހެންދެންވެސް ޤަބޫލުކުރެވިފައިވަނީ މި ފިލްމުގެ ޕްރޮމޯޝަންގައި ރަންބީރު އާއި ކެޓްރީނާ އާ ދެމީހުން ހަރަކާތްތެރިވާނީ ވަކިވަކިންކަމުގައެވެ. އެހެންނަމަވެސް އެންމެ ފަހުން މިއިވުނީ ދެމީހުންގެ ފޭނުންނަށް އުފާވެރި ޚަބަރެކެވެ. ފިލްމުގެ ޕްރޮމޯޝަން އިވެންޓްތަކުގައި ދެ މީހުން އެއްކޮށް ފެނިގެންދާނެކަމެވެ.
ރިޕޯޓްތައް ބުނާގޮތުން ޕްރޮމޯޝަން އިވެންޓް ޓުއަރ ގެ އިތުރުން ދެމީހުން އެއްކޮށް މީޑިޔާއަށް އިންޓަރވިއު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެންމެފަހުން ދެމީހުންނަށް ވިސްނުނީ ކަންނޭންގެއެވެ. އަދި ދެމީހުން މިފިލްމު ކުޅުނަކަސް ނުވާނެތާއެވެ. ފިލްމުގެ ޕްރޮމޯޝަންގެ ކަންކަންވެސް ރަނގަޅަށް ގެންދަންޖެހޭނެއެވެ. އެކަމަށްޓަކައި ޕްރޮފެޝަނަލިޒަމް ކުރިޔަށް ނެރެންޖެހޭތާއެވެ. ދެން ޕްރޮމޯޝަނަލް އިވެންޓްތައް ދާ ގޮތް ބަލަން ތިބެމާއެވެ. ކުރިޔަށްއޮތް ތާންގައި ދެމީހުންގެ ލައްކަ ވާހަކަތައް މީޑިޔާއަށް ފެންމަތިވާނެކަމަށް ބެލެވެއެވެ.
އަނޫރާގް ބާސޫގެ ޖަގާޖާސޫސް ސިނަމާތަކަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 7 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް