އައިއެސް ޖަމާއަތް ނައްތާލުމަށްޓަކައި އިރާގާއި ސީރިޔާ އަދި މެދުއިރުމަތީގެ އެހެނިހެން ގައުމުތަކުގައި ހަނގުރާމަތައް ކުރަމުން އަންނައިރު އިރާގުފަޅިން ހަނގުރާމަ އެއްމެ ވަރުގަދަވެފައިވާ މޯސުލްއިން، ފުރާނަ ސަލާމަތް ކުރުމަށްޓަކައި ހަތް ހާހަށްވުރެ ގިން މީހުން، އެއްމެ ރެ އެއްގެ ތެރޭގައި އެ ސިޓީ ދޫކޮށް ހިޖުރަކޮށްފައިވާކަމުގައި އެ ސަރަހައްދުގެ ކަންކަން މޮނީޓާ ކުރަމުން އަންނަ ބައެއް ފަރާތްތަކުން ބުނެފި އެވެ.
އައިއެސްގެ އަތްދަށުން މޯސުލް އަތުލުމަށް ފަށާފައިވާ އޮޕަރޭޝަންގައި އިއްޔެ އިރާގު ސިފައިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އެއީ މޯސުލްގެ އިރުމަތީ ބިތުން އައިއެސްގެ ފައުޖުތައް ފައްސައިލުމެވެ.
މޯސުލްގައި އިރާގު ސިފައިންނާއި އެމެރިކާ ކޯލީޝަން ގުޅިގެން މި އޮޕަރޭޝަން ފަށާފައިވަނީ ގާތްގަނޑަކަށް މީގެ ދެ ހަފްތާވަރު ކުރިންނެވެ. ފާއިތުވި ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި 28 ހާހަށްވުރެ ގިނަ މީހުން މޯސުލް ދޫކޮށް ރައްކާތެރި އެހެން ހިސާބުތަކަށް ގޮސްފައިވާކަމުގައި އދ އިންވެސް ވަނީ ބުނެފަ އެވެ.
އައިއެސް ނައްތާލުމަށް އިރާގާއި ސީރިޔާގައި ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރެވެމުން އަންނައިރު ފާއިތުވި ދެ ހަފްތާއެއްހާ ދުވަހު މިކަމުގައި ބޮޑެތި ކާމިޔާބީތަކެއް ލިބެމުން އަންނަ ކަމުގައި އެމެރިކާއާއި ސީރިޔާ އަދި އިރާގުން ހާމަކުރެ އެވެ. އެގޮތުން އެމެރިކާއިން ފާހަގަކޮށްފައިވާގޮތުގައި އައިއެސް ޖަމާއަތުގައި މިހާރު ގާތްގަނޑަކަށް ތިބޭނީ އެއްމެ 15 ހާހެއްހާ ހަނގުރާމަވެރީންނެވެ. ސީރިޔާގެ ގަދީމީ ރަށެއް ކަމުގައިވާ ތަދްމުރުން އިއްޔެ ވަނީ އައިއެސް ފައްސާލައިފަ އެވެ. އަދި މޯސުލްގެ ބޮޑު ބަޔަކުންވެސް އައިއެސް ޖަމާއަތް ވަނީ ފައްސާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް