އިދިކޮޅު އެމްޑީޕީ އާއި ޖޭޕީގެ އިސްވެރިންނާއި ބައްދަލު ކުރަން ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފި އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިދިކޮޅޫ އެމްޑީޕީ އާއި ޖޭޕީގެ ވެރިންނާއި އެކު ހޯމް މިނިސްޓްރީގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމަކީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު ބާއްވާ ރަސްމީ މަޝްވަރާ ބައްދަލުވުމެއް ނޫންކަމަށް މިނިސްޓަރު ފާހަގަ ކުރައްވާފައި ވެއެވެ.
https://twitter.com/UmarNaseerPPM/status/573117694616059904
ނަމަވެސް ބައްދަލުވުން ބާއްވާ ގަޑިއެއް މިނިސްޓާ ހާމައެއް ނުކުރައްވައެވެ. އަދި އެ ބައްދަލުވުމުގައި އިދިކޮޅު ދެ ޕާޓީން ބައިވެރިވާ ބޭފުޅުންނެއްވެސް ހާމައެއް އަދި ނުކުރެ އެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑާ އަމީން އިބްރާހިމް ވިދާޅުވެފައިވަނީ މަޝްވަރާ ބައްދަލުވުމަކަށް ރައީސް ޔާމީން އަށްވެސް ދެންނެވި ކަމަށާއި ނަމަވެސް އިޖާބަ ދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އެހެންވެސް ސިޔާސީ ކުށްވެރިން ދޫކޮށްލުމުގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްވަރާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެއް މޭޒު ދޮށަށް އައުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވެސް ވަނީ ސަރުކާރުން އިދިކޮޅު ފަރާތްތަކާއި މަޝްވަރާ ކުރަންޖެހޭ ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް