ކުރީގެ ރައީސުންނަށް އިނާޔަތްދިނުމާއި ބެހޭ ބިލަށް ސަރުކާރު ކޯލިޝަންގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި އެވެ.
އެ އިސްލާހު ސަރުކާރު ފަރާތުން ހުށަހެޅުއްވީ ސަރުކާރު ކޯލިޝަންގެ އެމްޑީއޭގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ. އެ އިސްލާހު ފާށްވެއްޖެ ނަމަ ކުރީގެ ރައީސުންގެ ތެރެއިން މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުްނ އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ އެމަނިކުފާނަށް ދައުލަތުން ދެމުން ގެންދާ ހުރިހާ އިނާޔަތްތަކެއް ކެނޑިގެން ދާނެ އެވެ.
މުހައްމަދު އިސްމާއިލް ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމުން ފާސްވީ އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން 38 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބިލް ބަލައިގަތުމާއި ދެކޮޅަށް ވޯޓް ދެއްވީ 11 މެންބަރުންނެވެ.
ދެކޮޅަށް ވޯޓް ދެއްވި ހުރިހާ މެންބަރުންނަކީ ވެސް ޖޭޕީގެ މެންބަރުންނެވެ. ޖޭޕީން ވަނީ އެބިލް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް ތްރީލައިން ވިޕެއް ނެރެފަ އެވެ. އެމްޑީޕީގެ މެންބަރުން ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ. މިއަދުގެ ޖަލްސާ ފެށިގެން ވޯޓްލުން ކުރިއަށް ދިއުމާ ހަމައަށް ވެސް އެމްޑީޕީގެ މެންބަރުން ގެންދެވީ އިހްތިޖާޖު ކުރަމުންނެވެ.
މުހައްމަދު އިސްމާއިލް ހުށަހެޅުއްވި ބިލްގައިވާ ގޮތުން ޓެރަރިޒަމްގެ އަމަލެއް ކުރުން ނުވަތަ އެފަދަ ޖަމާއަތެއްގައި ބައިވެރިވުމާއި އެކަމަށް ގޮވާލުމުގެ އިތުރުން އެފަދަ ކަމަކަށް ހިތްވަރުދީފިނަމަ، އެގާނޫނުގެ ދަށުން ލިބިދެވޭ އެންމެހާ އިނާޔަތްތަކާއި ރައްކާތެރިކަމުން އެމީހަކު މަހުރޫމް ވާނެ އެވެ.
އެ އިސްލާހުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވި ބޭފުޅެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ އެފަދަ ކުށެއް ސާބިތުވާ ދުވަހުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް އިނާޔަތެއް ނުލިބޭނެ އެވެ. މީގެއިތުރުން ޝަރީއަތަށް ސާބިތުވާ އެ ކުށުގެ އަދަބެއްގެ ގޮތުން އެކުށް ބަޔާންކުރާ ގާނޫނުގައި ބަންދުގެ މުއްދަތެއް ކަނޑައަޅާފައިވާނަމަ، އެކަނޑައަޅާފައިވާ މުއްދަތުގެ ކޮންމެ މަހަކަށް ތިން މަހުގެ ނިސްބަތުން، އިނާޔަތުން މަހުރޫމްވާ މުއްދަތު އިތުރުވާނެ ކަމަށްވެސް ބިލްގައިވެ އެވެ.
އެބިލްގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް ކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެއްޖެނަމަ، އެކުށް ސާބިތުވީ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އިނާޔަތްތައް ހިފެހެއްޓެނެ އެވެ. އަދި އެކުށް ބަޔާންކޮށްފައިވާ ގާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާނަމަ، އެމުއްދަތުގެ ކޮންމެ މަހަކަށް އިތުރު އެއްމަސް ދުވަހަށް އިނާޔަތްތައް ހިފެހެއްޓޭނެ ކަމަށްވެސް ބިލްގައިވެ އެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ ދިވެހިރާޢްޖޭގެ ޖުމްހޫރީއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް އަނބުރާ ގެންގޮސްފައި އެވެ. އެ ބިލް މަޖިލީހަށް ހުށަހެޅީވެސް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް